ސިއްހަތު

ވިހެއުމަށްފަހު މައިންނަށް ޑިޕްރެޝަންގެ ނުރައްކާ އޮވޭ

Apr 10, 2017
1

ޕޯސްޓް ޕާޓަމް ޑިޕްރެޝަން ނުވަތަ ވިހެއުމަށްފަހު، މައިންނަށް ކުރިމަތިވާ ޑިޕްރެޝަން އެނގޭހެއްޔެވެ؟ މިއީ ވަރަށް ގިނައިން މައިންނަށް އޮޅިފައި އޮންނަ ކަމެކެވެ. ވިހެއުމާއި ގުޅިގެން ހަށިގަނޑަށް ބޮޑެތި ބަދަލު ތަކެއް އާދެ އެވެ. ހާއްސަކޮށް ހޯމޯނަށް ބަދަލު އާދެ އެވެ.

ސައިންސް ބުނާގޮތުން މައިންގެ އުޅުމުން ޑިޕްރެޝަންގެ އަސަރު ފުރަތަމަ ހަފްތާތެރޭ ނުވަތަ ވިހެއުމަށްފަހު ހަ މަސް ފަހުން ނުވަތަ އޭގެފަހުން ވެސް އެކަމުގެ އަސަރު ފެނެ އެވެ. އަދި ބައެއް ހާލަތްތަކުގައި ޑިޕްރެޝަންގެ އަސަރު ބޮޑުވެ އަމިއްލަ ދަރިންނަށް ވެސް އަނިޔާކޮށް މަރަން މަސައްކަތް ކުރުން ފަދަ ބޯހަމަނުޖެހޭ އަދި ގަބޫލު ނުކުރެވޭ ހާލަތަށް ބައެއް މައިން ބަދަލުވެ އެވެ.

މިގޮތުން މީހާގެ މޫޑަށް ބަދަލު އައިސް ރުޅި ގަދަވެ ދިރިއުޅުން މަތިން ފޫހިވާ ހިސާބަށް ކަންކަންދެ އެވެ. މިހެން ދިމާވާ ސަބަބެއް ކަމަށް ސައިންސް ބުނަނީ އަންހެނުންގެ ސެކްސް ހޯމޯން އެސްޓްރޯޖެން، ޕްރޮޖެސްޓްރޯން އަދި ތައިރޮއިޑް ހޯމޯން ޓީ ތްރީ އަދި ޓީ ފޯ ވިހެއުމާއި ގުޅިގެން ބަދަލު އައުމެވެ.

މިއީ އަހެރެމެން ދިވެހި މައިންނަށް ވެސް ވިހެއުމަށްފަހު ދިމާވާ މައްސަލަ އެކެވެ. ނަމަވެސް ގިނަ މައިންނަށް މިއީ ވިހެއުމާއި ގުޅިގެން ދިމާވާ ކަމެއްކަން އޮންނަނީ ނޭންގިފަ އެވެ. ސަބަބަކަށް ވަނީ ގިނަފަހަރަށް ގަބޫލު ކުރެވެނީ ލިބޭ ދަރިފުޅާއެކު ހުރިހާ ވަގުތެއް ހޭދަކުރަން ފެށުމުން ހާސްކަން ކުޑަވެ މީހާ ހަމައަކަށް އެޅޭނެ ކަމަށެވެ. ނަމަވެސް މީހާގެ ނިދުމަށް އަންނަ ބަދަލާއި "މަދަރހޫޑް" ގެ ސަބަބުން ލައިފް ސްޓައިލަށް އަންނަ ބަދަލަކީ، ހާއްސަކޮށް އަލަށް މައިންނަށް ވާ އަންހެނުނަށް ކުރިމަތިލާން ނޭންގޭ ބަދަލު ތަކެކެވެ. މި ކަމުގެ ސަބަބުން ޑިޕްރެސްވެ މާޔޫސްވެ ރުޅިގަދަވާ ގޮތްވެ އެވެ.

މިފަދަ ކަންކަމާއި ކުރިމަތިލުމުގެ ގާބިލްކަން ނެތުމުގެ ސަބަބުން ބައެއް ހާލަތުގައި އާއިލާ ރޫޅުންފަދަ ހިތާމަވެރި ކަންކަމާއި އަހެރެމެންގެ ދިވެހި މުޖުތަމައު ތެރެއިން ވެސް ދިމާވެ އެވެ. މިއީ ހުރިހާ މައިން އަދި ހާއްސަކޮށް އަލަށް ކުއްޖަކު ލިބޭ ބެލެނިވެރިން ދަސްކުރަންޖެހޭ ކަންކަމެވެ. މިފަދަ ހާލްތަތަކާ ކުރިމަތިލާން ފިރިމީހާ ވެސް އަނބިމީހާ އަށް އެހީތެރިވެދީ ސިއްހީމާހިރެއްގެ ލަފާ ހޯދަންވާނެ އެވެ.

ނެޝެނަލް މެންޓަލް ހެލްތު ސާވޭ ދައްކާ ގޮތުން ކޮންމެ 10 އަންހެނުންގެ ތެރެއިން އެކަކީ ވިހެއުމަށްފަހު ޑިޕްރެޝަންގެ މައްސަލަ ކުރިމަތިވާ މީހުންނެވެ.

އަންހެނުންގެ އިތުރުން ބައެއް ފަހަރު އަލަށް ބައްޕައިންނަށްވާ މީހުންނަށް ވެސް ޑިޕްރެޝަންގެ މައްސަލަ ކުރިމަތިވާ ކަމަށް ފަހުގެ ދިރާސާއަކުން ވަނީ ދައްކާފަ އެވެ. މިގޮތުން އަވަށް ރުޅިއައުމާއި ދަރިފުޅު ހުންނަ ވަގުތު ތަކުގައި ވެސް މަންމައާއި ދިމާލަށް އެއްޗެހި ކިޔުންފަދަ ކަންކަމަކީ އަލަށް ބައްޕައިންނަށް ވާ މީހުންނަށް ވާ ގޮތެކެވެ.

މިގޮތުން ޑިޕްރެސް ވެފައި ތިބޭ ބެލެނިވެރިން އެމީހުންގެ ދަރިންނާއި ހީސަމާސަކޮށް ހެދުން މަދުވެ، އެކުދިންގެ ލޮލަށް ސީދާ ބަލަހައްޓައިގެން ހުރެ ވާހަކަ ދައްކާ ހެދުން މަދުވާނެ އެވެ.

މިފަދަ ކަންކަން އާންމުކޮށް ދިމާވާ ބެލެނިވެރިންނަކީ ތައްޔާރުނުވެ ތިއްބައި ދަރިއަކު ލިބުމާއެކު އެމީހުންގެ ދިރިއުޅުމަށް އަންނަ ބަދަލު ބަލައިގަންނަން އުނދަގޫވުމެވެ. ނޫންނަމަ ވިހެއުމަށްފަހު ކުރިން އުޅުނުގޮތަށް ވަޒީފާއަށް ނުގޮސް ހުންނަން ޖެހުމާއި އަތްމަތި ދަތިވުމުގެ އިތުރުން ހަށިގަނޑަށް އަންނަ ބަދަލާއި ގުޅިގެން މީހުން ކިޔާ އެއްޗިއްސެވެ. މީގެއިތުރުން ވެސް ބެލެނިވެރިންގެ ހުންނަ ސިއްހީ މައްސަލައެއްގެ ސަބަބުން ނުވަތަ ލިބޭ ދަރިފުޅުގެ ސިއްހީ މައްސަލައެއްގެ ސަބަބުން ވެސް ޑިޕްރެސްވާން މެދުވެރިވެ އެވެ.

ނަމަވެސް ގަބޫލު ކުރަންވީ ހަގީގަތަކީ ވިހެއުމާއި ގުޅިގެން އަންނަ ބަދަލަކީ ލިބޭ ދަރިފުޅު އެކަމުގެ ޒިންމާ ނުވަތަ މައިމީހާ އެކަމުގެ ޒިންމާ ނަގަންވީ ކަމެއް ނޫން ކަމެވެ. މިއީ ގުދުރަތީ ގޮތުން ވިހެއުމާއި ގުޅިގެން މައިމީހާގެ ހަށިގަނޑަށް އަންނަ ބަދަލެކެވެ. އަދި ވިހެއުމަށްފަހު ޑިޕްރެެޝް ވާ ކަހަލަ ކަމެއް ކުރިމަތިވާނަމަ އަވަހަށް ކައުންސިލިންގެ ހިދުމަތް ހޯދަން ޖެހެ އެވެ. ނޫންނަމަ ފަހުން ހިތާމަ ކުރަންޖެހޭ ފަދަ ކަމަކާ ކުރިމަތިވެދާނެ އެވެ.