އަލަށް ދަރިފުޅު ލިބިގެން އުޅޭ ދުވަސްވަރު އެ ދަރިފުޅު އެންމެ ސިކުންތަކަށްވެސް އަތުން ދޫކޮށްލަން ބޭނުމެއް ނުވެ އެވެ. އަބަދުވެސް މަންމަ ނޫނީ ބައްޕަ ދަރިފުޅު އުރާލައިގެން އުޅެ އެވެ. ނިދުމުންވެސް ދަރިފުޅު ބާއްވަން ބައެއް ފަހަރު ބޭނުންނުވެ އެވެ. ނުރަނގަޅު އާދައެއް ނަމަވެސް ލިބިފައި ހުންނަ އުފާވެރި ކަމާއި ޖޯޝުގެ ސަބަބުންނެވެ. އެހެން އުޅުމުގެ ތެރޭގައި ބައެއް ފަހަރު މާބޮޑަށް ވަރުބަލިވުމުން ދަރިފުޅު މޭމަތީގައި ބާއްވަލައިގެން ނިދުމަކީ ވަރަށް ގިނައިން ކުރެވޭ ކަމަކެވެ. މިއީ ނޭނގި ނަމަވެސް ހެދޭ ވަރަށް ބޮޑު ގޯހެކެވެ. ސަބަބެއް ކަމަށްވަނީ މޭމަތީގައި ދަރިފުޅު އޮންނައިރު، ނޭވާލާން ދަތިވުމެވެ. ކުއްލި މަރަކުން ދަރިފުޅު މަރުވުމުގެ ފުރުސަތު ބޮޑުވުމެވެ.
އެކަމާ ގުޅޭގޮތުން ލުލަބީ ޓްރަސްޓް އޯގަނައިޒޭޝަންގެ ތަޖުރިބާކާރުން ބުނެފައިވަނީ އެއީ ތުއްތު ކުދިން ކުއްލިއަކަށް މަރުވާން ދިމާވާ މައިގަނޑު އެއް ސަބަބު ކަމަށެވެ. ހަފިންޓަން ޕޯސްޓަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ މިއީ ނޭނގި ނަމަވެސް ހެދޭ ވަރަށް ބޮޑު ގޯހެއް ކަމަށާއި "ސަޑަން އިންފޭންޓް ޑެތު ސިންޑްރަމް" (ސިޑްސް) އަށް ކުއްޖާ ދާން މެދުވެރިވާ ކަމަށެވެ.
ސޯފާގައި ދަރިފުޅު ގޮވައިގެން ނުވަތަ އަތްދަނޑިމަތީގައި ދަރިފުޅު ބާއްވައިގެން ނުދިނުމަށް ސިއްހީ މާހިރުން އިރުޝާދު ދެ އެވެ. އެއީވެސް ކުއްލި މަރުން ކުދިން މަރުވާ ސަބަބަކަށް ވާތީ އެވެ.
މީގެއިތުރުން ވެސް ގާތުންދޭ ދުވަސްވަރު ވެސް ގާތުން ދަރިފުޅަށް ދޭ ގަޑީގައި ކައިރީގައި އިތުރު މީހަކު އެހީތެރިވާން އިނުމަކީވެސް މުހިންމު ކަމެކެވެ. ސަބަބަކީ ގާތުންދޭ ފަށާ ފުރަތަމަ ދުވަސް ކޮޅު ގިނަމައިން ގާތުންދޭން އިންނަ ވަގުތު ތަކުގައި ނިދުމަކީ އާންމު ކަމަކަށްވާތީ އެވެ. އެފަދަ ވަގުތު ތަކުގައި އިތުރު މީހަކު ކައިރީގައި އިނުމަކީ ދަރިފުޅަށް ހާއްސަ ސަމާލުކަމެއް ދެވޭނެ ކަމެއް ކަަމަށް ލުލަބީ ޓްރަސްޓް އޯގަނައިޒޭޝަންގެ ސިއްހީ މާހިރުން ބުނެ އެވެ.
މީގެއިތުރުން ދަރިފުޅު ގޮވައިގެން ނިދާފައި އޮންނައިރު ކައިރީގައި ސިނގިރޭޓް ބުއިންފަދަ ދުންފަތުގެ އިސްތިއުމާލު ކުުރުމަކީ ވެސް ނުރައްކާތެރި ކަމެކެވެ. އެއީ ދަރިފުޅު ކުއްލި މަރަކުން މަރުވާން މެދުވެރިވާ ސަބަބެއް ކަމަށްވެ އެވެ.