ލައިފްސްޓައިލް

ހަމަ ނިދި ނުލިބުމުން ކުދިންގެ އަހުލާގަށް އަސަރު ކުރޭ

Mar 14, 2017

ނިދި މުހިންމު ވަނީ ހަމައެކަނި ބޮޑެތި މީހުންނަކަށް ނޫނެވެ. ހަމަނިދި ނުލިބުމަކީ ކުދިންގެ އަޚުލާގަށް ވެސް އަސަރު ކުރާ ކަމެއް ކަމަށް ފަހުގެ ދިރާސާއިން މިވަނީ ހާމަވެފަ އެވެ.

އެމެރިކާގެ މާސްޖެނެރަލް ހޮސްޕިޓަލުން ކުރިއަށްގެންދިޔަ ރިސާޗުގައި އިސްކޮށް ހަރަކާތްތެރިވި އެލްސީ ޓަވެރަސް ވިދާޅުވި ގޮތުގައި ޕްރީ ސްކޫލަށްދާ އުމުރު ތިން އަހަރާއި ހަތް އަހަރާއި ދެމެދުގެ ކުދިން ނިދި ހަމަކުރުމަކީ މުހިންމު ކަމެކެވެ. އަދި ހަމަނިދި ނުލިބޭ ކުދިންގެ އުޅުމަށް ބަދަލު އައިސް އެކުދިންގެ އިހުސާސްތައް ކޮންޓްރޯލް ކުރަން އުނދަގޫވެ އެވެ.

މީގެ އިތުރުން އެހެން މީހުންނާއި ގުޅިގެން އުޅެން ނޭންގުމާއި ކަންކަން ދެނެގަންނަން އެފަދަ ކުދިންނަށް އުނދަގޫ ވެއެވެ.

މަންމައިންނާއި ޓީޗަރުން ބޭނުންކޮށްގެން ކުރި މި ދިރާސާގައި ކުދިން ހަނދާން ހުންނަ މިންވަރާއި މައްސަލައެއް ދިމާވުމުން އެކަން ހައްލު ކުރާ ގޮތާއި އަހުލާގަށް އަންނަ ބަދަލުތައް ބަލާފައިވެއެވެ.

މި ދިރާސާގައި 1،046 ކުދިން ބޭނުންކޮށްފައިވެ އެވެ. އެ ދިރާސާގައި ބުނެފައިވަނީ 12 ގަޑިއިރު ނުވަތަ އެއަށްވުރެ ގިނަ ވަގުތުގެ ނިދި ހަ މަހާއި ދެ އަހަރުގެ ކުދިންނަށް ބޭނުންވާ ކަމަށެވެ. އަދި އުމުރުން ތިން އަހަރާއި ހަތަރު އަހަރުގެ ކުދިންނަށް 11 ގަޑިއިރު ނުވަތަ އެއަށްވުރެ ގިނަ ވަގުތުގެ ނިދި ބޭނުންވާ ކަމަށެވެ. އަދި 10 ގަޑިއިރާއި އެއަށްވުރެ ގިނަ ވަގުތުގެ ނިދި އުމުރުން ފަސް އަހަރާއި 10 އަހަރުގެ ކުދިންނަށް ބޭނުންވާ ކަމަށް ވެސް ބުނެފައިވެ އެވެ.

ޖާނަލް އެކަޑަމިކް ޕެޑިޓްރިކްސް ގައި އާންމުކޮށްފައިވާ އެ ދިރިސާގައި އުމުރުން ހަތް އަހަރުގެ ކުދިންގެ ނިދިމުގެ އުސޫލުތައް ހުންނަ ގޮތާއި ގުޅިގެން އެކުދިންގެ އުޅުމާއި އަޚުލާގަށް ބޮޑެތި ބަދަލު ތަކެއް އަންނަކަން ޓީޗަރުންނާއި ބެލެނިވެރިންގެ ފަރާތުން އެނގިފައިވާ ކަމަށް ބުނެފައި ވެއެވެ.