އަރިދަފުސް ރޯގާއާއި ހުމަކީ އެންމެ އާންމު އެއްބައްޔެވެ. ނަމަވެސް ވަކި ދުވަސްވަރެއްގެ މި ބަލިތައް ފެތުރޭ މިންވަރު އިތުރުވެ އެވެ.
ރޯގާޖެހޭ ކޮންމެ ފަހަރަކު ބޭސް ކައިގެން ހައްލު ކުރަން ވިސްނުމުގެ ބަދަލުގައި ގުދުރަތީ ތާސީރު ބޭނުންކޮށްގެން ފަރުވާއެއް ހޯދުމަކީ ހަށިގަނޑަށް ވެސް އެންމެ ފައިދާ ހުރި އެއްގޮތެވެ.
ނަމަވެސް ރޯގާޖެހިގެން ބޭނުންކުރާ ގުދުރަތީ އެއްޗެހީގައި އެކިމީހުންނާއި ގުޅޭނީ އެކި އެއްޗިއްސެވެ. ރަނގަޅު ގޮތަކީ ރޯގާއަށްފަރުވާ ކުރާ ތަފާތު އެއްޗެހި ޓެސްޓުކޮށްލުމަށްފަހު މީހާއަށް އެންމެ ގުޅޭ އެއްޗެއް ބޭނުންކުރުމެވެ.
ލުނބޯ އަދި އަސޭމިރުސް
މިއީ ރޯގާޖެހި ކެއްސާނަމަ އެކަމަށް އޮތް ފަރުވާއެކެވެ. ލުނބޯފަޅިއެއްގެ ތެރެއަށް އަސޭމިރުސް ކޮޅެއް އެޅުމަށްފަހު، ބޯލާށެވެ.
ޗިކަން ސޫޕް ނުވަތަ ސުރުވާ
މިއީ ބަލިވުމުން އެންމެ ގިނައިން ބޮވޭ އެކައްޗެވެ. އަދި ރޯގާ ނުވަތަ ހުން އައިސް ހުރި ނަމަވެސް ހަށިގަނޑަށް އެންމެ ބަލީގެ އުނދަގޫ ލުއިކޮށްދޭ އެކައްޗެވެ. ސަބަބަކީ ޗިކަން ސޫޕްގެ ސަބަބުން ވައިޓް ބްލަޑް ސެލްތައް އެއްވެ ގައިގަ ރިއްސުމުން ދުރުކޮށްދީ ހުންމަޑުކޮށްދެ އެވެ. ސޫޕް ތައްޔާރުކުރާއިރު، ލޮނުމެދު ކުދިކޮށް ކޮށާފައި އެޅުމުން އިތުރަށް މީހާ ވަރުޖައްސައިދޭނެ އެވެ. ލޮނުމެދުގެ ސަބަބުން ހަށިގަނޑުގައި އެތެރޭ އުފެދޭ ޖަރާސީމުތައް މަރާލަދެ އެވެ. މީގެއިތުރުން ރަތް ކުލަގަދަ މިރުހަކާއި އަސޭމިރުސް ކޮޅެއް ސޫޕަށް އެއްކޮލުމުން ރަހަ މީރުކޮށްދިނުމުގެ އިތުރުން ރޯގާ އިން ސަލާމަތް ވުމަށް ވެސް އިތުރަށް ފަސޭހަ ވެގެންދެ އެވެ.
އާވިއެރުވުން
ރޯގާޖެހުމުން ރަނގަޅުވަންދެން ކޮންމެ ދުވަހަކު އާވިއެރުވުމަކީ ނޭވާލާން އެންމެ ފަސޭހަ ގޮތެވެ. މީގެ ސަބަބުން ރޯގާތައް ފައިބާން ފަސޭހަވާނެ އެވެ. އާވިއަރުވާއިރު، ފަހެއް ނުވަތަ ދިހަވަރަކަށް ތިކި ބޮޑުއާވި ނުވަތަ ޓީ ޓްރީ އޮއިލް ފެނާއި އެއްކޮލުމުން ނޭވާލާން އިތުރަށް ފަސޭހަ ވެގެންދާނެ އެވެ. އަދި އާންމުކޮށް އުޅޭއިރު ވެސް ޓިޝޫގައި ބޮޑުއާވި ތެޔޮކޮޅެއް އުނގުޅާލުމަށްފަހު ނެފަތާއި ކައިރިކޮށް އޭގެ ވަސްބަލާލުމުން ވެސް ރޯގާޖެހިފައި ހުންނަ މީހަކަށް ފަސޭހަ ވާނެ އެވެ.
އިނގުރުސައި
ހޫނު ފެނުގެ ތެރެއަށް އިނގުރު އެޅުމަށްފަހު ނުވަތަ އިނގުރު ކެއްކުމަށްފަހު އެ ފެން ބުއިމަކީ ރޯގާ އަވަހަށް ރަނގަޅުކޮށްދޭ ކަމެކެވެ. ނުވަތަ އިނގުރު ސަޔެވެ. އިނގުރުސައި ހަދާއިރު، ސައި އިތުރަށް ރަނގަޅުކޮށްލުމަށް ބައި ސަމްސާ މާމުއި އަދި ލުނބޯ ހުތް ފޮދަކާއި ކުޑަ ފޮނިތޮށިކޮޅެއް އެއްކޮލުމަށްފަހު ބޯލާށެވެ.
މާމުއި އަދި ލުނބޯ
މިއީ ރޯގާޖެހި ކެއްސާ ކަރުގައި ރިއްސާ ހަދާނަމަ ބޯން އެންމެ ރަނގަޅު އެކައްޗެވެ. މާމުއި ސަމްސަލެއްގެ ތެރެއަށް ލުނބޯ ފަޅިއެއްގެ ހުތް އެއްކޮށްލާށެވެ. އަދި ރަނގަޅަށް މިކްސް ކޮށްލުމަށްފަހު ބޯލާށެވެ.
ރޯގާޖެހި ކެއްސާ އަރިދަފުސް ފޮޅާ ހަދާއިރު އަބަދުވެސް އާންމު ސާފުތާހިރު ކަމަށް އިސްކަންދޭންވާނެ އެވެ. ހާއްސަކޮށް ކެއްސާއިރު އަނގަމަތި ނިވާ ކުރުމާއި އަރިދަފުސް ފޮޅާފައި އެހެންމީހުން އަތުޖެހޭ ތަންތަނުގައި ޓިޝޫ ނުބާއްވަން އާދަކުރަންވާނެ އެވެ.
އަރިފުސް ރޯގާއަށް ފަރުވާ ކުރާއިރު ވިސްނަންވީ ކޮންމެ ބައްޔެއް ވެސް ރަނގަޅުވާން ވަގުތުނަގާނެ ކަމެވެ. އަދި އެއްވެސް ކަމަކީ ބޭސްކުރަން ފަށާތަނުން ރަނގަޅު ވާނެ ކަމެއް ނޫނެވެ. ވީމާ ގުދުރަތީ އެއްޗެއް ބޭނުންކުރާއިރު ވެސް ގަވައިދުން ކޮންމެ ދުވަހަކު ވެސް ރަނގަޅު ވަންދެން ބޭނުންކުރަން އާދަކުރަންވާނެ އެވެ. މީގެއިތުރުން ވެސް ކުރުނބާފެން ކަޅުސައި އޮރެންޖް ޖޫސް ފަދަ ތަފާތު ވައްތަރުގެ ޖޫސް ގިނައިން ބޯން އާދަކުރަންވާނެ އެވެ. އަދި ރޯގާޖެހި ހުން ނުފިލާ ތިން ދުވަހަށްވުރެ އިތުރުވާނަމަ ޑޮކްޓަރެއްގެ ލަފާހޯދަންވާނެ އެވެ.