ލައިފްސްޓައިލް

ބުރަ މަސައްކަތް ކުރާ މީހުން ސަމާލުވާންވީ މި ކަންކަމަށް

މަސައްކަތުގައި ވަގުތު ހޭދަކުރަމުން އައިސް މެންދުރުވާ އަތަށް އަޅާއިރު މީހާގެ ލޯ ކުޑަވެ، އާފުރެ، ނިދި އައުމަކީ ވަރަށް ގިނަ މީހުންނާ ކުރިމަތިވާ ކަމެކެވެ. މަސައްކަތް ކުރަމުންދާއިރު ކޮމްޕިޔުޓަރުގެ ސްކްރީނަށް ބަލަން އިންނަ އިރު ސާފު ކޮށް ނުފެނުމުގެ ސަބަބުން ގިނައިން އެސްފިޔަ ޖަހަން ވެސް އޭގެ ސަބަބުން ޖެހޭ ފަހަރު އާދެއެވެ. އަހަރުމެންނަކީ ވެސް އިންސާނުން ކަމަށް ވާއިރު، މުޅި ދުވަސް އެއްކޮށް މަސައްކަތުގައި ހޭދަ ކުރުމަކީ، ވާނެ ކަމެއް ވާނެ ކަމެއް ނޫނެވެ.

މަސައްކަތުގައި މާގިނަ ވަގުތު ހޭދަކުރުމަކީ، މަސައްކަތް މަތިން ފޫހިވެ، ކުރަން ހުންނަ މަސައްކަތަށް ލަސް ކަން އައިސް، މަސައްކަތްތައް ވަގުތަށް ނުނިމުން އެކަށީގެންވާ ކަމެކެވެ. އެކި މަސައްކަތްތައް ކުރުމަށް ހަށިގަނޑަށް ހަކަތަ ބޭނުން ވަނީ އެކި މިން ވަރަށެވެ. ހެނދުނުއްސުރެ ބުރަ މަސައްކަތުގައި އުޅޭ ނަމަ، އާންމުގޮތެއްގައި މެންދުރު ދޭތް ޖެހުމުގެ ފަހުން މީހާގެ ހަށިގަނޑަށް ވަރުބަލި ކަން އިހުސާސްވާން ފަށާނެ އެވެ. އޭގެ ސަބަބުން މަސައްކަތަށް ދެވޭ ސަމާލުކަން ކުޑަވެ، ފަށާ މަސައްކަތްތައް ނުނިމި ހުންނަ ގޮތް ދިމާވެ އެވެ. އެހެންކަމުން، މެންދުރު ދޭތްގެ ފަހުން ބުރަ މަސައްކަތުގެ ބަދަލުގައި ލުއި މަސައްކަތްތަކަށް ބޮޑަށް ސަމާލުކަން ދީގެން ނުނިމި ހުންނަ ކުދިކުދި މަސައްކަތްތައް ނިންމާލެވޭތޯ ބަލާށެވެ.

މާ ބޮޑަށް ބަނޑުހައިވަންދެން މަސައްކަތް ކުރުމަކީ ވެސް ހަށިގަނޑަށް ގެއްލުން ހުރި ކަމެކެވެ. އޭގެ ސަބަބުން ލޭގެ ޕްރެޝަރު މައްޗަށް ގޮސް ނުވަތަ ދަށްވެ، ބޮލުގައި ރިއްސުން ފަދަ ކަންތައްތަކަށް މަގުފަހި ކުރެއެވެ. ލޭގެ ޕްރެޝަރު މައްޗަށް ދިއުމާއި ދަށްވުމަކީ، މަސައްކަތަށް ދެވޭ ސަމާލުކަން ކުޑަވެ، މަސައްކަތަށް ދެވޭ ޝައުގުވެރިކަން ކުޑަވާ ކަމެކެވެ. މިކަމުގެ ހައްލެއްގެ ގޮތުން ހެނދުނު މަސައްކަތަށް އަންނަ އިރު ރަގަޅު ނާސްތާއެއް ކުރާށެވެ. އަދި މަސައްކަތް ކުރާ ގަޑީގައި ގިނައިން ފެން ބޯށެވެ.

މަސައްކަތް ކުރާ ގަޑީގައި ކޮފީ ބުއިމަކީ ވެސް މަސައްކަތަށް ހަލުވި ކަން ގެނެސްދޭ ކަމެކެވެ. ބައެއް މީހުންނަށް ގަބޫލު ކުރެވިފައި އިންނަ ގޮތުގައި، ގިނައިން ކޮފީ ބުއިމަކީ، ހަށިގަނޑަށް ގެއްލުން ދޭ، މަސައްކަތަށް ވެސް އޭގެ ސަބަބުން އަސަރު ކުރާ ކަމެކެވެ. އެހެން ނަމަވެސް، މަސައްކަތްކުރާ ގަޑިގައި ބައެއް ވަގުތު ތަކުގައިި ކޮފީ ބުއިމަކީ މަސައްކަތަށް ފައިދާ ހުރި ކަމެކެވެ. މީގެ އިތުރުން ކޮފީއަކީ، ނިދި އައުމުންނާއި، ކަންނެތްކަން ފިލުވާދީ، މަސައްކަތް ފަރުވާތެރި ކަމާއެކު ކުރުމަށް އެހީ ވެދޭކަމެކެވެ.

މީގެ އިތުރުން، ކުރަން ހުންނަ ކަންތަކާ ދޭތެރޭ މާގިނައިން ނުވިސްނާށެވެ. ކުރިއަށް ހުރި ކަންތައްތަކާއި، ނުނިމި ހުރި މަސައްކަތްތަކާ ދޭތެރޭ މާގިނައިން ވިސްނުމަކީ، މަސައްކަތުގެ ފޯރިއާއި ޖޯޝު ގެއްލޭ ކަމެކެވެ. ސިނކުނޑީގައި ކުރަން ހުންނަ ކަންތައްތައް ނުބަހައްޓާ، ކަނޑެއްގައި ލިޔެފައި ބާއްވާށެވެ. ނުވަތަ މަސައްކަތުގެ ތާވަު ލިޔާނެ ޑައިރީ އެއް ގެންގުޅޭށެވެ. އެ ފޮތުގައި މަސައްކަތުގެ ތާވަލާއި، ނިމޭ މަސައްކަތްތައް ލިޔެ ފާހަގަ ކޮށްފައި ބަހައްޓާށެވެ. އޭރުން ވެސް ސިނކުނޑިއަށް ލުއިވުމުގެ އިތުރުން މަސައްކަތަށް ވެސް ލުއި ވެގެން ދާނެ އެވެ.