ލައިފްސްޓައިލް

އަރާމު ނިންޖަށްޓަކައި މުހިންމު ބައެއް ކަންކަން!

ރޭގަނޑުގެ ނިންޖަކީ، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ އިތުރުން، ބުރަ މަސައްކަތުގައި އުޅޭ މީހުން މަސައްކަތުގައި ރަނގަޅު ދުވަހެއް ހޭދަކޮށްލުމަށް ވެސް ވަރަށް މުހިންމު އެއްޗެކެވެ. ވަރުބަލި ކަމެއް ނެތި ދުވަހުގެ މަސައްކަތްތައް ފުރިހަމަ ކޮށްލުމަށް ރޭގަނޑުގެ ނިދި ވަރަށް މުހިންމު ރޯލެއް އަދާ ކުރެ އެވެ. ހިތްހަމަ ޖެހިގެން ނިދާލުމަށް ބައެއް ކަންކަން ކޮށްލާށެވެ. އޭރުން ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އައިސް، މަސައްކަތަށް ވެސް ބޮޑު ކުރިއެރުމެއް ލިބޭނެ އެވެ.

ފުރަތަމަ ކަމަކަށް، ޓީވީ އާއި ކޮމްޕިޔުޓަރު ފަދަ ތަކެތި ނިދާ ކޮޓެރީގައި ނުބަހައްޓާށެވެ. ސަބަބަކީ، މިތަކެތި، ކޮޓެރީގައި ހުންނަނަމަ، ނިދުމުގެ ބަދަލުގައި ޓީވީ ބަލައި ކޮމްޕިޔުޓާރާ ކުޅެ ހެދޭނެއެވެ. އަދި އެގޮތަށް ކަންތައްވާނަމަ، ނިންޖަށް ބުރޫއަރަ އެވެ. އޭރުން ނިދޭ ވަގުތު ލަސްވެ، ރޭގަނޑުގެ ނިދި ލިބޭ ވަރު މަދުވެ އެވެ.

ދެވަނަ ކަމަކަށް، ވީހާވެސް އަނދިރިކޮށްގެން ނިދަން އާދަ ކުރާށެވެ. ކޮޓަރި އަލިކޮށްގެން ނިދާނަމަ، އަވަސް އަވަހާ ހޭލެވުމަކީ އެކަށީގެންވާ ކަމެކެވެ. އޭރުން ހަމަ ނިދި ނުލިބި، ދުވާލުގެ މަސައްކަތަށް ބުރޫއަރައި މަސައްކަތް ކުރާހިތް ނުވުންފަދަ ކަންކަން ވެއެވެ. މީގެ އިތުރުން، ނިދާ ކޮޓެރީގައި މީރުވަސް ދުުވާ އެއްޗެހި ބެހެއްޓުމަކީ ވެސް ނިދަން ފަސޭހަ ކޮށްދޭ ކަމެކެވެ. މީރުވަސް ދުވާ އުއްބައްތި ފަދަ ތަކެތި ކޮޓެރީގައި ބަހައްޓާނަމަ ހިތްހަމަ ޖެހިގެން ނިދާލަން އެހީ ވެދެއެވެ.

އިތުރު މީހަކާއެކު ނިދާނަމަ، ނިދުމުގެ ކުރީގައި އެކަކު އަނެކަކާ ވާހަކަ ދައްކާ ހަދާށެވެ. ދުވަހުގެ ތާވަލު ދިޔަ ގޮތާ މެދު ވާހަކަ ދައްކާލާ، ދުވަހު ކުރި ކަންތަކާ ބެހޭގޮތުން ވާހަކަ ދައްކާލުމުން، ނިދުމަށް ފަސޭހަކަން ލިބޭނެ އެވެ. އަދި، ނިދުމުގެ ކުރީގައި، ސައި ތައްޓެއް ބޯލުމުން ވެސް ނިދާލަން ފަސޭހަ ވެއެވެ. އެއީ ހަށިގަނޑަށް އަރާމުކަން ލިބި، ވަރުބަލިކަން އިހުސާސްވާ ވަރު ކުޑަ ކޮށްދޭނެ ކަމެއް ވެސް މެއެވެ. ނިދަން އުނދަގޫ ވާނަމަ، ކުޑަ ވަގުތު ކޮޅެއް ވަންދެން ފުންކޮށް ނޭވާ ލާށެވެ. ހަށިގަނޑަށް ލުއިކަމެއް ލިބި ނިދަން ފަސޭހަކޮށްދޭނެ އެވެ.