ލައިފްސްޓައިލް

ކޮފީއާއި ނުލާ ހޭލާ ހުންނާނީ ކިހިނެތް؟

މަސައްކަތުގެ މާހައުލަކީ، މީހާގެ ދުވަހުގެ ބޮޑު ބައެއް ހޭދަކުރާ ތަނެވެ. މަސައްކަތުގައި ބުރަ ދުވަސްތަކުގައި ވަރުބަލި ކަން އިންތިހާއަށް ވާ ދުވަސް ދުވަސް އަންނާނެ އެވެ. އާންމުގޮތެއްގައި ހެނދުނު ކޮފީތައްޓަކާއި ނުލައި މަސައްކަތް އެންމެ ފުރިހަމަ އަށް ނުކުރެވުމަކީ، ވަރަށް ގިނަ މީހުންނަށް ކުރިމަތިވާ ކަމެކެވެ. ހެނދުނު އޮފީހަށް އައިސް ވަދެލުމަށް މަސައްކަތެއް ކުރުމުގެ ކުރިގައި އެންމެ ފުރަތަމަ ކޮފީ ތައްޓެއް ބޯލަން ދިއުމަކީ، ދިވެހިންގެ ތެރޭގައި ވެސް އާންމު ކަމެކެވެ. ނަމަވެސް، ކޮފީ އާއި ނުލައި ވެސް މަސައްކަތް ފުރިހަމަ އަށް ކޮށްލެވޭ ކަން އެނގޭހެއްޔެވެ؟ މިކަންކަން އަޅެ ކޮށްލަ ބަލާށެވެ.

ހެނދުނު އޮފީހަށް ދާއިރު ހިނގާލާފައި ދާށެވެ. ހިނގުމަކީ ހަށިގަނޑުގައި ލޭ ދައުރު ކުރުން ރަނގަޅު ކޮށްދޭ ކަމެކެވެ. މަސައްކަތުގެގައި އިނދެފައި ވެސް ކުޑަކޮށް ހިނގާލުމުން ބޯ ހަމައަކަށް އެޅި، މަސައްކަތަށް ސަމާލުކަން ދެވޭވަރު އިތުރު ވާނެއެވެ. އަދި އޮފީހުގައި އިންނަ ވަގުތުތަކުގައި، ބައެއް ފަހަރު މޭޒު ކައިރީގައި ކުޑަކޮށް ގޮނޑި ކުރިއަށާއި ފަހަތަށް ދުއްވާލާށެވެ. އޭރުން ހަށިގަނޑު ހޭލާ، މަސައްކަތް ކުރުމަށް ފަސޭހަ ވެގެން ދާނެ އެވެެ.

ސިއްހަތަށް ފައިދާ ހުރި ކާނާ ކޮންމެ ދުވަހަކު ވެސް ބޭނުން ކުރާށެވެ. ހާއްސަ ގޮތެއްގައި ހެނދުނުގެ ނާސްތާ އާއި މެނދުރުގެ ކެއުން ރަގަޅަށް ކުރަން އާދަ ކުރާށެވެ. ކެއުމުގައި ގިނައިން ކާބޯހައިޑްރޭޓްސް އާއި ޕްރޮޓީންސް އެކުލެވޭ ކާނާ ބޭނުން ކުރަން ހާއްސަ ސަމާލުމެއް ދިނުމަކީ މުހިންމު ކަމެކެވެ. ގޮދަން ފަދަ ގިނަ ވަގުތުން ހަޖަމުވާ ކާނާ ބޭނުންކުރުމުން ހަށިގަނޑުގައި ހަކަތަ ގިނަ ވަގުތު ވަންދެން ދަމަހައްޓައިދީ، މަސައްކަތު ވަގުތު ތަކުގައި ވަރުބަލި ވުމުން ރައްކާތެރިކޮށް ދޭނެ އެވެ. މީގެ އިތުރުން، ވިޓަމިންގެ މާއްދާތައް އެކުލެވޭ ޖޫސް ފަދަ ތަކެތި ބޭނުން ކުރުމުން ސިނކުޑި ފުރިހަމަ އަށް މަސައްކަތް ކުރުމަށް އެހިވެދީ، ކަންކަމަށް ސަމާލުކަން ދިނުމަށް އެހީތެރި ވެދޭނެ އެވެ.

މަސައްކަތް ކުރަމުންދާ ގަޑީގައި، މަސައްކަތާ ދުރަށް ޖެހިލާ، އިރުކޮޅެއް ވަންދެން ފެން ނޭވާ ލާށެވެ. އޮކްސިޖަން އަކީ އިންސާނާ ދިރިހުމުގައި އެންމެ މުހިންމު ރޯލު އަދާ ކުރާ އެއްޗަށް ވީއިރު، އިންސާނާގެ ދުވަހުގެ އެހެނިހެން އެކި ކަންތަކުގައި ވެސް، އޮކްސިޖަން މުހިންމު ރޯލެއް އަދާ ކުރާނެ ކަން ޔަގީނެވެ. އެގޮތުން ހަށިގަނޑަށް ގިނައިން އޮކްސިޖަން ލިބުމަކީ ވިސްނުން ރަގަޅު ކޮށްދޭ ކަމެކެވެ. މި ކަމަށް، އެތެރެއަށް ނޭވާ ދަމާލުމަށް ފަހު ފަސް ވަރަކަށް ސިކުންތު މަޑުކޮށްލާފައި، ދެން ، މަޑުމަޑުން ނޭވާ ބޭރަށް ދުކޮށްލާށެވެ. މިގޮތަށް 10 ވަރަކަށްފަހަރު ތަކުރާރު ކޮށްލާށެވެ.

މަސައްކަތް ކުރާ ވަގުތު ބައެއްފަހަރު މަސައްކަތް ހުއްޓާލާ، ކޮމްޕިޔުޓަރާ ދުރުވެލާ ހަދާލާށެވެ. މީހާގެ ހަށިގަނޑަށް އަރާމް ބޭނުންވާ ފަދައިން، ލޮލަށް ވެސް އަރާމް ބޭނުން ވާނެ އެވެ. ކޮމްޕިޔުޓަރުގެ އައްޔަކީ، ލޮލަށް އުނދަގޫ ވުމުގެ އިތުރުން ބޮލުގައި ރިހުމަށް ވެސް މަގުފަހިވާ އެއްޗެކެވެ.

މީގެ އިތުރުން، މަސައްކަތް ކުރަމުން ދާ ގަޑީގައި މަސައްކަތާ އެއްފަރާތަށް ޖެހިލާ ބައެއް އެހެން މަސައްކަތް ކޮށްލާ ހަދާށެވެ. ކުރަހާލާ، ނުވަތަ ޅެމެއް ލިޔެލަން މަސައްކަތް ކޮށްލުން ކަހަލަ ކަމެއް ވެސް ކުރެވިދާނެ އެވެ. އެހެން ކަމަކަށް ސިކުނޑީގެ ސަމާލުކަން ގޮސްފައި އަލުން މަސައްކަތަށް އެނބުރި އައުމުން މަސައްކަތަށް ސިކުނޑި ތާޒާވެ، މަސައްކަތް ކުރުމަށް ފަސޭހަ ވާނެ އެވެ.