އުފަލުގައި ހުންނަން ކޮންމެހެން މާމޮޅު ދިރިއުޅުމެއް ބޭނުމެއް ނުވެ އެވެ. ފައިސާ އާއި މުއްސަނދިކަންވެސް ބޭނުމެއް ނުވެ އެވެ. ދިރިއުޅުން "ސްޓްރެސްފުލް" ކަމުން ބޯ ގޮވާފައި ހުންނައިރު އުފަލުގައި ހުރެވޭހޭ މިއީ ގިނަ މީހުންގެ ހިތުގައި އުފެދޭ ސުވާލެކެވެ. އުފަލުގައި ހުންނަން ބޭނުމިއްޔާ ކުރަންވީ ކަންތައްތަކުގެ ލިސްޓުތައް އަބަދުވެސް ސޯޝަލް މީޑިއާގައި ދައުރުވެ އެވެ. މާ ބޮޑަކަށް އެއަކަށް އިތުބާރެއްވެސް ނުކުރެވެ އެވެ.
ނުވަތަ އުފާވާންވީ ވަކި ހާއްސަ ދުވަސްތަކެއްގައެއްވެސް ނޫނެވެ. ކޮންމެ ދުވަހަކުވެސް އުފާވާން ޖެހެ އެވެ. އުފާވާން މާގިނަ ކަންތައްތަކެއް ކުރާކަށް ނުޖެހެ އެވެ. ކޮންމެ ދުވަހަކުވެސް ކުރެވިދާނެ ކަންތައްތަކެވެ. ފުރަތަމަ ކަމަކަށް ތަންކޮޅެއް ގިނައިން ބޭރަށް ދާށެވެ. ވަކި ކޮންތަފާތެއް ހެއްޔޭވެސް ހިތައް އަރައިފި ނޫން ހެއްޔެވެ. ތަފާތެވެ. ދުވާކު ހަތަރުދަން ގޭގައި އޮތަސް ފޫހި ފިލާ އުފާވެރިކަމެއް ނުލިބޭނެ އެވެ. އޭގެ ބަދަލުގައި އިރުގެ އަތްވަށް ނުކުމެލާށެވެ. އަވިން ނުވަތަ އިރުގެ އަލިން ހަންގަނޑަށް ވިޓަމުން ޑީ ފޯރުކޮށްދެ އެވެ. އިރުގެ އަލިން ލިބޭ މި މާއްދާއަކީ ޑިޕްރެޝަން ފަދަ ކަންކަމުންވެސް މީހާ ދުރުކޮށްދޭނެ ކަމެކެވެ. މާގިނަ ވަގުތަކު ބޭރުގައި ހުންނާނެ ކަމެއް ނެތެވެ. ކޮންމެ ދުވަހަކުވެސް 15 ވަރަކަށް މިނެޓު ބޭރުގައި އުޅެލުން ރަނގަޅެވެ.
އާ ކަންތައްތައް ކުރުމަކީވެސް އުފާވެރިކަން ލިބޭނެ ކަމެކެވެ. ހަފްތާގެ ފަސް ދުވަހު އެއް ޝެޑިއުލަކަށް އުޅުމަށްފަހު ހަފްތާ ބަންދުގައި ތަފާތުކޮށްލާށެވެ. މިސާލަކަށް ތަފާތު ކަމެއް ކުރެވިދާނެ އެވެ. ހޮބީއެއް ގޮތަށްވެސް ކުރެވިދާނެ ކަންކަމެވެ. ކުރީގެ ރައްޓެހިންނާ ބައްދަލުކޮށްލާ އެކުގައި ވަގުތު ހޭދަކުރުމަކީވެސް ކުރެވިދާނެ މުހިންމު ކަމެެކެވެ.
އެންމެ މުހިންމު ކަމަކީ ކަސްރަތު ކުރުމެވެ. ކޮންމެ ދުވަހަކު އެންމެ މަދުވެގެން ހަތް ވަރަކަށް މިނެޓު އެކަމަށް ހޭދަ ކުރާށެވެ. ކަސްރަތު ކުރަން ކޮންމެހެން ޖިމަށް ދާކަށް ނުޖެހެ އެވެ. ހިނގާލުން ނުވަތަ ކަސްރަތު ކުރުމުންވެސް މޫޑު ރަނގަޅުވެ ދުވަސް ފެށުން ރަނގަޅުވެދާނެ އެވެ. ދެން އޮތީ ހިނިތުންވުމެވެ. އަބަދުވެސް ހިނިތުންވެލާ ނުވަތަ ހީލާފައި މީހުންނާ ބައްދަލު ކުރާށެވެ. ނުދަންނަ މީހަކު ފެނުނަސް ހީލާށެވެ. އޭގެ ރައްދުގައި ހިނިތުންވުމެއް ލިބޭނެ އެެވެ. އެކަމުންވެސް އުފާވެރިކަން އިހުސާސް ކުރެވޭނެ އެވެ.
އުފަލުގައި ހުންނަން ބޭނުންނަމަ ކޮންމެހެންވެސް ނިދި ހަމަކުރަންވާނެ އެވެ. ކޮންމެ ދުވަހެއްވެސް ފަށަންވާނީ ހަތް ގަޑިއިރުގެ ރެސްޓެއް ހަށިގަނޑަށް ދީފަ އެވެ. އެއީ ޖިސްމާނީ ގޮތުންވެސް މީހާއަށް ބަދަލު ގެނެސްދޭނެ ކަމެކެވެ. ނޫނީ މޫޑީވެ އުވާފެރިކަން ނެތިދާނެ އެވެ.
ރަނގަޅު ޑައިޓެއްވެސް ގެންގުޅުމަކީ މުހިންމު ކަމެކެވެ. ހަށިގަނޑަށް ފައިދާހުރި ކާނާ ގަޑިން ގަޑިއަށް ބޭނުންކުރާށެވެ. މިހުރިހާ ކަމެއް ކުރެވިއްޖެނަމަ މޫނުމަތިން ގެއްލިފައި ތިވާ ހިނިތުންވުން އަނބުރާ ގެނެވޭނެ އެވެ. ވަރަށް ފަސޭހަ އެވެ.