ލައިފްސްޓައިލް

ނޭފަތް ހިރުވާނަމަ ގޭގައިވެސް މި ފަރުވާތައް ދެވިދާނެ

Apr 12, 2017
1

ނޭފަތް ހިރުވުމަކީ ވަރަށް އާންމުކޮށް ދިމާވާ ކަމެކެވެ. ބައެއް މީހުންނަށް އެއީ ވަރަށް މަޖާ ކަމަކަށްވެސް ވެދާނެ އެވެ. އެކަމަކު ހަގީގަތުގައި އެއި އެއްވެސް މަޖާ ކަމެއް ނޫނެެވެ. ނޭފަތް ހިރުވަން ފެށީމަ އެވާ އުނދަގުލަކީ މުޅި ދުވަހުގެ މޫޑަށް އެކަމުން އަސަރު ކުރާ ކަމެކެވެ. ބޮލަށް ބަރުވެ އެހެން ކަންކަމަށް ދޭން ބޭނުންވާ ސަމާލުކަން ނުދެވޭ ކަމެއްވެސްމެ އެވެ.

ނޭފަތް މާބޮޑަށް ހިރުވާން ފެށުމުން ކިނބިހި އެޅި ނޭފަތް ބެދި ރޯގާ ޖެހުމަށް މަގުފަހިކުރުވަ އެވެ. ނޭފަތް ހިރުވާން ދިމާވާ ކަންކަމުގެ ތެރޭގައި ނޭފަތަށް ލޭ ދައުރުކުރާ ލޭ ހޮޅިތައް ބްލޮކް ވުމާއި ނޭފަތުގައި ހުންނަ ޓިޝޫތައް ކޮންމެވެސް ސަބަބަކާއި ހުރެ ދުޅަވުން ހިމެނެ އެވެ. އިންފެކްޝަންގެ ސަބަބުންވެސް ނޭފަތް ހިރުވަ އެވެ. އިންފެކްޝަންގެ ސަބަބުން ނޭފަތް ބެދެނީ އެ އިންފެކްޝަންގައި ހުންނަ ވައިރަސް ފެތުރި ނޭފަތުގައި ހުންނަ ޓިޝޫތައް އިންފްލޭޓް ކޮށްލުމުންނެވެ.

އެލާޖިކް ވުމަކީވެސް ނޭފާތް ހިރުވަން ދިމާވާ ސަބަބެކެވެ. ސިނގިރޭޓް ދުމުގެ އަސަރުކޮށްގެންވެސް ނޭފަތް ހިރުވާން މެދުވެރިވެ އެވެ.

ނޭފަތް ހިރުވުމަކީ ޑޮކްޓަރަށް ނުދެއްކިޔަސް ގޭގައިވެސް ފަރުވާ ކުރެވިދާނެ ބައްޔެކެވެ. އެގޮތުން ހޫނު ކޮފީއެއް ބޯލުމަށްފަހު ހޫނު ފެނުން ފެންވަރާލާށެވެ. ހޫނު ފެނުން ފެންވެރުމަކީ ނޭފަތުގައި ހުންނަ އަރުދަފުސް ތައް ނޭފަތުން ބޭރުވެ ނޭފަތް ސާފުކޮށްލާ ކަމެކެވެ. މިއި ދާއިމީ ހައްލެއް ނޫނެވެ. އެއް ފަހަރަކުން ރަނގަޅެއްވެސް ނުވާނެ އެވެ. އެކަމަކު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރަނގަޅުވާނެ އެވެ.

ތާފަނާ ފެނުން ބޮނޑިތާން ކުރުމަކީވެސް ވަރަށް ރަނގަޅު ފަރުވާ އެކެވެ. ކުޑަކޮށް ހޫނުކަން ހުންނަ މި ފެނުން ނޭފަތް ކައިރި ބޮނޑިތާން ކުރުމުން ނޭފަތަށް ލުއި ލިބޭނެ އެވެ. މީގެ އިތުރުން ކެއުމުގައި ލޮނުމެދު ބޭނުންކުރާ މިންވަރު އިތރުުކުރުމަކީވެސް މުހިންމު ކަމެކެވެ. އެއީ ލޮނުމެދަކީ ބެކްޓީރިއާ އިން ދިފާއީ ނިޒާމް ރައްކާތެރިކޮށްދޭ މާއްދާތައް ހިމެނޭ އެއްޗަކަށް ވާތީ އެވެ. ވަރަށް ފަސޭހަ ގޮތެއް އެބަ އޮތެވެ. ކޮންމެ ދުވަހަކުވެސް ރޮލާ ތިނަކާއި ފަހަކާއި ދެމެދުގެ ލޮނު މެދު ރޮލާ ކާށެވެ. ނުބައި ރަހައެއް ލީ ނަމަވެސް މިއީ 10 ވަރަކަށް ދުވަހުގެ ތެރޭގައި ރަނގަޅު ނަތީޖާއެއް ފެންނާނެ އެވެ. އެކަމަކު ހުސް ބަނޑާ ހުރެ ލޮނުމެދު ނުކައްޗެވެ.

ނިދުމުގައި ގެންގުޅޭ އުސޫލަށްވެސް ބަދަލު ގެންނަން އެބަޖެހެ އެވެ. ކޮޓަރިތެރެ ވީހާވެސް ބޮޑަށް ފިނިކޮށްލާށެވެ. އެއީ އަވަހަށް ނިދުމަށް އެހީވެދޭނެ ކަމެކެވެ. މީގެ އިތުރުން ނިދާއިރު ވީހާވެސް ގިނަ ބާލީސް ބޭނުންކުރުމަކީ މުހިންމު ކަމެކެވެ. ބޯދަށަށް ވީހާވެސް އުސްކޮށްލާށެވެ. އޭރަށް ނިދަން ފަސޭހަވެ އަރުދަފުސް ތަށް އެތެރެއަށް ދިޔަ ނުދޭނެ ކަމެކެވެ.

ކެއުމުގައި ވީހާވެސް ގިނައިން ފެހިކަން ގަދަ ފަތް ބޭނުންކުރުން މުހިންމެވެ. އެއީ ހަށިގަނޑަށް އެތެރެވާ ވައިރަސްތަކާއި ބެކްޓީރިއާތައް ނައްތާލާ ދިފާއީ ނިޒާމް ބަރުގަދަކޮށްލާ ކަމެކެވެ. މިއި ނޭފަތް ހިރުވުމަށް މާބޮޑު ލުޔެއް ގެނެސްދޭ އެއްޗެއް ނޫން ނަމަވެސް އެބަލިން އަވަހަށް ރަނގަޅުކޮށްލާ އެއްޗެކެވެ.