ދިރިއުޅެން ފެށުނީ ކާރުބާރު ބޮޑު ކޮންކުރީޓް ޖަންގައްޔެއް ކަހަލަ މާލޭގަ އެވެ. އަމިއްލަ ގެއެއް ނެތުމުން އުޅެނީ ކުއްޔަށް އެޕާޓްމަންޓެއް ހިފައިގެންނެވެ. އަހަރު ދެކޮޅުހެން ދިރިއުޅޭ އެޕާޓްމަންޓް ބަދަލުކުރަން ޖެހެ އެވެ. އެކިއެކި ސަބަބުތަލާއި ހުރެ އެވެ. ކޮންމެ ސަބަބަކާއި ހުރެ އެޕާޓްމަންޓް ބަދަލުވި ނަމަވެސް އެތަނެއް ކުއްޔަށް ހިފުމުގެ ކުރިން އެތައް ކަމަކަށް ބަލަންވާނެ އެވެ. ތަން ބަލަން ދާ ދުވަހު ފާރުތަކުގަޔާއި ސީލިންގު ތަކުގައި ކުލަ ލާ އާ ކޮށްލާފައި ހުރުމުން އެތަން ފުރިހަމަ ކަމަށް ބަލައި ކުއްޔަށް ނުހިފައްޗެވެ. ފަހުން ބޮޑު ގެއްލުމެއްވެސް ލިބިދާނެ އެވެ.
މާލޭގެ ބޮޑު ކުލީގެ ސަބަބުން އެންމެ ރަނގަޅު ތަނެއް ހެޔޮ އަގަކަށް ނުލިބިދާނެ އެވެ. ލިބުމަށްވުރެ ނުލިބުމުގެ ފުރުސަތު ބޮޑެވެ. އެކަމަކުވެސް މިކަންކަމަށް ވިސްނަންވާނެ އެވެ.
ތަން ކުއްޔަށް ހިފައިގެން ދިރިއުޅެން ފަށާއިރު އެތަނަކީ ބައެއް ކަހަލަ ސޫފީގެ ހާއްޔަކަސް ވެއްޖެނަމަ ހަދާނީ ކިހިނެއް ހެއްޔެވެ؟ އެހެން ކަމުން ކުއްޔަށް ހިފުމުގެ ކުރިން އެޕާޓްމަންޓުގެ ކަބަޑުތަކާއި އެއްޗެހި ރަނގަޅަށް ޗެކު ކުރަންވާނެ އެވެ. ކުރަފި، ބަގް ފަދަ ތަކެއްޗަކީ އެތައް އުނދަގުލެއް ކުރިމަތިިކުރުވާ އެއްޗެކެވެ.
އެޕާޓްމަންޓުގެ ތެރޭގައި އަޑު ކޮންޓްރޯލް ކުރެވޭ މިންވަރުވެސް ބެލުން މުހިންމެވެ. އެހެން ނޫނީ ތިމާގެ ފަރާތުން ކައިރި އަވައްޓެރިންނަށް އުނދަގޫ ވެދާނެ އެވެ. ނުވަތަ އަވައްޓެރިންގެ ފަރާތުން ތިމާއަށް އުނދަގޫ ވެދާނެ އެވެ. އަދި އެ އަވައްޓެރިންނަކީ ކޮން ކަހަލަ ބައެއް ކަން ދެނެގަތުން މުހިންމެވެ. އެމީހުންނާ އެންމެ ކުރިއްސުރެ ގުޅުން ބަދަހިކޮށް އެކުވެރިކަން ބާއްވަން ވާނެ އެވެ.
ފޯނަށް ރޭންޖު އެންމެ ފުރިހަމައަށް އެ ގެއަކުން ނުވަތަ އެޕާޓްމަންޓަކުން ލިބޭތޯ ޔަގީންކޮށްފައި ނޫނީ އެތަނަކަށް ބަދަލު ނުވާށެވެ. ފޯނަށް ބަރާބަރަށް ރޭންޖު ނުލިބުމަކީ އެތައް އެތައް އުނދަގުލެއް ކުރިމަތިވާނެ ކަމެެކެވެ. ގޭގެ ހުރިހާ ތަނަކަށް އެންމެ ފުރިހަމައަށް ނެޓުވޯކް ލިބޭތޯ ޔަގީން ކުރަންވާނެ އެވެ.
ކަރަންޓާއި ފެން ވައިރު ކޮށްފައި އިނީ އެންމެ ރަނގަޅަށްކަން ޔަގީން ކުރަންވާނެ އެވެ. ވައިރުކޮށްފައި ހުންނަ ގޮތަކުން ކަރަންޓު ބިލު އަތް ނުފޯރާ ފަށަށް އަރައިގެންވެސް ހިނގައިދާނެ އެވެ. ތަނުގެ ސާފުތާހިރު ކަމށައި އެ ސަރަހައްދުގެ ސާފުތާހިރު ކަމަށް ބަލަން ޖެހޭނެ އެވެ. އަދި އެތަނަކީ ކިހާ އަމާން ތަނެއްތޯ ވެސް ކުއްޔަށް ހިފުމުގެ ކުރިން ބަލައި ޔަގީން ކުރަންވާނެ އެވެ.