ލައިފްސްޓައިލް

ތަފާތު ބަލައިލަން އަވަހާ ނިދާފައި އަވަހާ ހޭލާ ބަލަ؟

Apr 14, 2017
2

އަވަހަށް ނިދާފައި އަވަހަށް ހޭލާ މީހުންނަށް ސައިންސްވެރިން ގެނެސްދެނީ އުފާވެރި ހަބަރެކެވެ. އެއީ އެ މީހުންނަކީ އެހެން މީހުންނާ އަޅާ ބަލާއިރު އެތައް ގުނައެއް އުފާވެރި ބައެއްގެ ގޮތުގައި ދެމި ތިބޭ ކަމެވެ. ރޭގަނޑު އަވަހަށް ނިދާފައި އަވަހާ ހޭލާނަމަ މީހާގެ އުފާވެރިކަން އިތުރު ކޮށްދެއެވެ.

ނަމަވެސް ރޭގަނޑު އަވަހަށް ނިދާފަ އަވަހަށް ހޭލުމަކީ ދިވެހިންގެ ތެރެއިން މިހާރު ވަރަށް ބޮޑަށް ނެތިގެން ގޮސްފައިވާ އާދަ އެކެވެ. އެންމެ އަވަހަށް ނިދާ މީހުން ވެސް ދަންވަރު 12:00 ޖެހުމުގެ ކުރިން ނުނިދަ އެވެ. ބައެއް މީހުންނަށް މަސައްކަތް ބުރަ ކަމުން އަވަހަށް ނިދަން ފުރުސަތު ނުލިބޭއިރު އެއްވެސް ކަމެއް ނެތި ނުނިދާ ހޭލާ އުޅޭ މީހުންވެސް އުޅެ އެވެ. އަދި ނިދަން އުނދަގޫވުމުގެ ސަބަބުން ނުނިދޭ މީހުން ވެސް އުޅެ އެވެ.

ހަމަ އެގޮތަށް އަވަހަށް ވަޒީފާއަށް ދާން ނުޖެހޭ މީހެއް ނަމަ ކިތަންމެ އިރަކުވެސް ނިދަން އޮވެ އެވެ. ހެނދުނު އަވަހަށް ވަޒީފާއަށް ދާން ހޭލާ މީހުންގެ ތެރެއިން ވެސް ގިނަ މީހުން ހޭލާނީ ގަޑި ޖެހެން ކައިރި ވުމުންނެވެ. ބައެއް މީހުން ގަޑި ޖެހެން 15 ވަރަކަށް މިނެޓަށް ވަންދެން ވެސް ނިދަން އޮވެދާނެ އެވެ. އަވަސް އަވަހަށް ތައްޔާރުވެގެން ޓްރެފިކް ބޮޑު މަގުތަކުން ދުއްވާފައި އޮފީހަށް ދެވޭއިރު ހުންނާނީ ދާހިއްލާ ފޯވެފަ އެވެ. އިތުރަށް ރުޅިވެސް ގަދަވެފަ އެވެ. ބަނޑުހައިވެސް ވެފަ އެވެ.

ނަމަވެސް އޭގެ ބަދަލުގައި ފަތިސް ނަމާދުކޮށްލައިގެން ކުޑަކޮށް ދުވެލާފައި ނުވަތަ މޫދަށް އެރިލާފައި ގެއަށް ގޮސް ހަމަޖެހިލައި ތައްޔާރުވެގެން، ގެއިން ސައި ބޮއެގެން ނުވަތަ ކޮފީއެއް ބޯލައިގެން، ގަޑި ޖެހުމުގެ ތަންކޮޅެއް ކުރިން ނުކުމެގެން ނައްޓާލީމަ އަވަހަށް އޮފީހަށް ދެވި ރުޅި އަންނަން ޖެހޭނެ ކަމެއް ނެތި ދުވަސް އުފާވެރި ކަމާއެކު ފެށުނީ އެވެ. ހަމަޖެހިލައިގެން މުޅި ދުވަސް ރާވާލެވޭނެ އެވެ.

ހެނދުނު އަވަހަށް ހޭލައިގެން މަސައްކަތް ފަށާ މީހުން މަސައްކަތުގައި މާބޮޑަށް ޕްރޮޑަކްޓިވް އެެވެ. އޭގެ ބަދަލުގައި ރޭގަނޑު މަސައްކަތް ކުރާ މީހުން އެހާ ޕްރޮޑަކްޓިވެއް ނޫނެވެ.

ރޭގަނޑު ލަހުން ނިދާ ގިނަ މީހުންނަކީ ލަހުން ނިދަން ބޭނުންވެގެން ލަހުން ނިދާ ބައެއް ނޫނެވެ. އެކިއެކި ސަބަބު ތަކާއި ހުރެ ނުނިދުމުގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ ވަރަށް ނިދި ނުލިބެނީ އެވެ. ލަހުން ނިދުމަކީ ޑިޕްރެޝަންއަށް ވެސް މަގުފަހި ކުރުވާ ކަމެކެވެ. އަދި ހެލްތީ ލައިފް ސްޓައިލް އަކުން މީހާ ދުރުކޮށްދޭ ކަމެއް ކަމަށް ޖަރުމަނުގައި ކުރި ދިރާސާއަކުން ވަނީ ދައްކާފަ އެވެ. އަދި ސްޓްރެސްފުލް ދިރިއުޅުމަކަށް މީހާ ވައްޓާލާ ވެސް ކަމެކެވެ. އެހެން ކަމުން އުފާވެރިކަން ނެތިގޮސް ފިކުރުތަކުން މީހާ ހާސްކޮށްލަ އެވެ.

ހަށިގަނޑަށް ބޭނުންވާ ވަރަށް ނިދި ނުލިބުމުގެ ސަބަބުން ދުވާލުގެ ވަގުތުތަކުގައި ހަށިގަނޑު ވަރުބަލިވެ މޫޑު ގޯސްވުމަށް މެދުވެރިވެ އެވެ.

ކޮންމެ ރެެއަކުވެސް އެއް ގަޑިއެއްގައި ނިދަން އާދަކުރާށެވެ. ނިދުމުގެ ގޮތުން ކުޑަކޮށް ހޫނުކޮށް ފެންވާރާލާށެވެ. އެއީ ހަށިގަނޑު ރިލެކްސް ކޮށްލާނެ ކަމެކެވެ. މީގެ އިތުރުން ނިދަން ފަސޭހަކޮށްދޭ ކަހަލަ ބުއިންތައް ބޭނުން ކުރާށެވެ. އޭގެ ތެރޭގައި ޗެރީ ޖޫސް، ފެޝަން ފުރުޓު ޖޫސް، ސައި، ކިރު އަދި ފެން ހިމެނެ އެވެ.