މިއީ ހެންވޭރުކޮޅު ރާޅުގަނޑުގައި ރާޅާ އަޅަން އުޅުނު ޒުވާނެއްގެ މިހާރުގެ އިހުސާސްތަކެވެ. އޭނާ ފަދައިން ރާޅުގަނޑުގެ ތެރޭގައި އުޅުނު އެހެން ގިނަ ރާޅު ބޯއީޒްގެ ވާހަކަ ވެސް ހުރީ މިހެނެވެ: "ހެނދުނު ހޭލާ ގޮތަށް މޫނުވެސް ނުދޮވެ ކޮންމެ ދުވަހަކުވެސް އެރެނީ މޫދަށް. ރީތި ރާޅެއް ނަގާތަން ފެންނަ އިރަށް އެރާޅާ އަޅަން މޫދަށް އެރެން އެކަމަށް ވަރަށް ބޮޑަށް ދެވިި ހިފާފަ ތިބެނީ. ރާޅުގަނޑު ސަރަހައްދަށް މޫދަށް އެރުން މަނާ ކުރިކަން އެނގުނީ އެއްދުވަހު މޫދަށް އެރިފަ އެއްގަމަށް އެރި އިރު އެ ސަރަހައްދަށް މޫދަން އެރުން މަނާ ކަމަށް ލިޔެފަ އިން ބޯޑެއް ހަރުކޮށްފައި ހުރުމުން. އެ ދުވަހު ހީވީ ހަށިގަނޑުން އެއްބައި ވަކި ކޮށްލިހެން. ދުވަހަކުވެސް ހިތަކަށް ނާރާ ރާޅުގަނޑު ސަރަހައްދަށް މޫދަށް އެރުން މަނާ ކުރާނެ ކަމަކަށް. އަށް އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ ރާޅާ އަޅާތާ. ކުއްލިއަކަށް ހުއްޓާލަން ޖެހުމުން ކުރެވުނު އިހުސާސްތަށް ބުނެދޭން ވެސް ދަތި،"
މީގެ އަހަރެއްހާ ދުވަސް ކުރިން ހުޅުލެ އާއި މާލެ ގުޅުވާލައި، ބުރިޖްގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި އެ ސަރަހައްދަށް މޫދުން އެރުން ވަނީ މަނާ ކޮށްފަ އެވެ. ބުރިޖްގެ މަސައްކަތާއެކު ރާޅުގަނޑު ސަރަހައްދަށް މޫދަށް އެރުން މަނާ ކުރުމުން ރާޅު ބޯއީޒް އެކަމާ ނުރުހުން ފާޅުކުރި އެވެ. އެކަމުގެ ތެރޭގައި ހިނގި ބައެއް ހާދިސާތަކަށްފަހު ރާޅު ބޯއީޒް އަށް ޖެހުނީ ބިޔަ އެ މަޝްރޫއު ނިމެންދެން ވަރުނުލާ ރާޅުގަނޑާ ދުރަށްދާށެވެ.
"ކޮންމެ ދުވަހަކުވެސް ރާޅުގަނޑަށް މޫދަށް އެރި އެރި އާދަވެފަ ތިބީ. މިހާރު އެ ދިމާއިން ރާޅު ނަގާތަން ފެނުމުން ވަރަށް އުނދަގޫވޭ. ރާޅުގަނޑު ސަރަހައްދަކީ އޭރުގެ ޕްލޭ ގްރައުންޑް. ޕްރެކްޓިސް ކުރަން އެވަރު ދެވަނަ ތަނެއް ނުލިބޭނެ. އަދިވެސް ހެނދުނު ހޭލައިގެން ރާޅުގަނޑު ސަރަހައްދަށް އާދެވެނީ. އާދަވެފަ ހުރި ކަމެއްވީމަ އާދެވެނީ. ބައެއް ފަހަރު ހިތްހަމަ ޖައްސާލަން މަދު މަދުން ފީނާލަން އެރިލަން،" މުހައްމަދު އިހުސާން (ޗިއްކޮ) ބުންޏެވެ.
ބްރިޖުގެ މަސައްކަތް ނިމެންދެން ރާޅުގަނޑު "ގެއްލުމުން" ރާޅަށް ދާން މިހާރު ޖެހެނީ ދަތުރު ހަދައިގެން ހިންމަފުއްޓަށް ދާށެވެ. ރާޅާ އަޅަން ދެން އޮތް އެންމެ ފަހި މަންޒިލަކީ އެއީ ކަމަށްވާތީ އެވެ. ހިންމަފުއްޓަކީ ރާޅު ބޯއީޒްގެ ރަށެވެ. އެކަމަކު މާލޭގައި ދިރިއުޅެމުން ރާޅާ އަޅަން ކޮންމެ ފަހަރަކު ހިންމަފުއްޓަށް ދިޔުމަކީ އެހާ ފަސޭހަ ކަމަކަށް ނުވެ އެވެ.
"މިހާރު ރާޅާ އަޅަން ދާން ޖެހެނީ ބޮޑު ހަރަދެއް ކޮށްފައި. [މިހާރު] ހިންމަފުއްޓަށް އެންމެ އާންމުކޮށް ގޮސް އުޅެނީ. ބަންދު ދުވަސްތަކާ ދިމާކޮށް ފެރީގައި ގޮސް ރާޅާ އަޅާލާފައި އަންނަނީ. ކުރިން ލިބޭ ހުސް ވަގުތުގަ ވެސް އޭރު މޫދަށް އެރި އުޅުނީ. މިހާރު އެހެން ރަށަކަށް ދާން ވީމަ ވަރަށް އުނދަގޫވޭ. އެކަމަކު މި ކަމެއް ނުހުއްޓާނަން. އަޒުމަކަށް ބަދަލެއް ނާާންނާނެ،" އަލީ ޖާވިދު (ޖާއްޓެ) ބުންޏެވެ.
ރާޅާ އެޅުމުގެ އަޒުމަށް ގުޑުން ނޭރި ނަމަވެސް މި ޒުވާނުންގެ ހުސްވަގުތު މިހާރު ފިލުވައިދެނީ ރާޅުތަކެއް ނޫނެވެ. އެ ރާޅުތަކުގެ ބަދަލުގައި މިހާރު އެއްޗަކީ ބޯޅައަކާއި ނެޓެކެވެ. އެއީ މަޖުބޫރީ ހާލަތެއްގައި އެ މީހުންގެ ތެރެއިން ފެށިގެން އައި ސަޅި ކަމެކެވެ. މިހާރު ރާޅު ބޯއީސްއަކީ ވޮލީ ކުޅުންތެރިންނެވެ. އެ ޒުވާނުންގެ ހުސްވަގުތައް ހޭދަކުރަނީ ވޮލީ ކުޅުމުގަ އެވެ. އެމީހުންގެ ހަޔާތާ ވޮލީ ބޯޅަ މިހާރު ވަނީ ވަރަށް ބޮޑަށް ގުޅިފަ އެވެ. ރާޅަށް ދެވިފައިވާ ލޯބި ނުދެވުނު ނަމަވެސް ވޮލީއަށް ވެސް ހިތުން ހާއްސަ ޖާގައެއް ދީފަ އެވެ.
"ރާޅަށް ނޭރެވޭތީ ކުރާނެ ކަމެއް ނެތިގެން ފެށުނު ކަމެއް ވޮލީ ކުޅުމަކީ. މިކަމަކީ ވެސް ވަރަށް ސަޅި ކަމެއް. ތިން މަސް ވަރު ވަނީ މިހާރު ކުޅޭތާ. ރާޅާ އެޅުންތެރިން ވޮލީ ޓީމެއް ނެރެން ވެސް އެބަ ވިސްނަން. ރާޅާ އަޅަން އަލުން މިކޮޅުގައި ފެށުނަސް ދެން ވޮލީ ކުޅުން ހުއްޓައެއް ނުލާނަން. ބައެއް ރާޅު ކުދިން އެބަ ވިސްނާ ވޮލީ އަށް ކެރިއަރު ބަދަލު ކުރަންވެސް. އެހާވެސް ބޮޑަށް ޝައުގުވެރިކަން އުފެދިފަ ތިބީ،" ޗިއްކޮ ބުންޏެވެ.
ވޮލީއާ ދިމާލަށް މިސްރާބު ހުރި ނަމަވެސް ރާޅާ އެޅުންތެރިން އުފެއްދުމާއި ސޯޝަލް މީޑިއާ މެދުވެރިކޮށާއި އެ ނޫން ގޮތްގޮތަށް ރާޅު އިވެންޓްތައް އިންތިޒާމް ކުރުމަކީ ވޮލީ ކުޅުމުގެ އިތުރުން މިހާރު ޖާއްޓެމެން ކުރަމުން އަންނަ މަސައްކަތެވެ. ޖާއްޓެ ބުނި ގޮތުގައި އެންމެ ބޮޑު އަމާޒަކީ ރާއްޖެ ތެރެއިން ގިނަ ކުދިންތަކެއް ރާޅަށް ނެރުމެވެ.
ރާޅުގަނޑުގެ ހިތްގައިމު ރާޅުތަކަށް ބަލަމުން ވޮލީ ކުޅެލަ ކުޅުލެ ތިބި މި ޒުވާނުންގެ މިހާރު އޮތީ އެންމެ އެދުމެކެވެ. ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި ރާޅާ އަޅަން ވަކި ސަރަހައްދެއް ކަނޑަ އަޅައި، އެރެވޭ ގޮތަށް ސަރުކާރުން ހަމަޖައްސައިދިނުމެވެ. އޭރުން ރާޅުގަނޑާއެކު ވޮލީ ކޯޓްގައި ވެސް ދުވެވޭނެ އެވެ.