ހިތްހަމަ ނުޖެހޭ ކަންކަން އެއް ފަރާތްކޮށްލުމަށްފަހު ދުވަހުގެ މަސައްކަތް ފެށީ ވަރަށް ބުރަ ދުވަހަކަށް ވާނެތީ އެވެ. ކޮންމެހެން ނިންމަން ޖެހޭ މަސައްކަތްތައް ފުނި ޖެހިފައިވެސް ހުރުމުންނެވެ. މެންދުރު ވެގެން އައި އިރުވެސް މަސައްކަތުގެ ބޮޑުބައި ނުނިންމުނީ ހިތްހަމަ ނުޖެހޭ ކަމެއް މެދުވެރިވެގެނެއް ނޫނެވެ. މައްސަލައަކީ ބޮލުގައި ރިއްސުމެވެ.
އެކަމުގެ ފަރުވާ ހޯދަން އެންމެ ފުރަތަމަވެސް ދެވެނީ ޕެނެޑޯލާ ދިމާލަށެވެ. ނުވަތަ އެކަހަލަ ކޮންމެވެސް ކަހަލަ ޕެއިން ކިލާއެއްގެ އެހީ ހޯދާށެވެ. ބައެއް ފަހަރަށް މިގޮތަށް ބޮލުގައި ރިއްސަން ފެށުމުން ބައެއް މީހުން މަސައްކަތްތައް އަަވަހަށް ނިންމާލާފައި ގެއަށް ގޮސް ނިދާލަނީ އެވެ.
ބޮލުގައި ރިއްސަނީ ކީއްވެކަން އެނގޭ ހެއްޔެވެ؟ ސްޓްރެސް ހެއްޔެވެ؟ ނޫނީ މައިގްރޭން ހެއްޔެވެ؟
މިއިން ކަމެއް ނެތިވެސް ބޮލުގައި ރިއްސާފާނެ އެވެ. އެއީ ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ނުބޮވުމެވެ. ބޮލުގައި ރިއްސުމަށް އެންމެ ގިނައިން މެދުވެރިވާ ސަބަބަކީ މިއީ އެެވެ.
ސިކުނޑީގެ ވަށައިގެން އިންނަ ފެން ފަށަލައަށް ބޭނުންވާ ވަރަށް ފެން ނުލިބިއްޖެ ނަމަ ބޮލުގައި ރިއްސާނެ އެވެ. މި ފަށަލައަށް ބޭނުންވާ ވަރަށް ފެން ހަށިގަނޑަށް ފޯރުކޮށް ދިނުމަށް ވީހާވެސް ގިނައިން މޭވާ އާއި ތަރުކާރީ ބޭނުން ކުރާށެވެ. މަސައްކަތުގެ ވަގުތުތަކުގައި ވެސް މޭވާ އާއި ތަރުކާރީ ބޭނުން ކުރާށެވެ. ޗިޕްސް ޕެކެޓުގެ ބަދަލުގައި އާފަލެއް ކަހަލަ މޭވާއެއް އިހުތިޔާރު ކުރާށެވެ. ގިނަ ގިނައިން މޭވާ އާއި ތަރުކާރީ ބޭނުން ކުރުމަކީ ފެން ބުއިމަށް އެހީތެރިވެދޭނެ ކަމެެކެވެ.
ކެއުމުގެ ކުރިންނާއި، ކެއުމުގެ ވަގުތުގައި އަދި ކައި ނިންމާފައި ވެސް ފެން ބޯށެވެ. ކޮންމެ ފަހަަރަކުވެސް އެއް ތަށި ފެން ބޯން ވާނެ އެވެ. ކެއުމުގެ ދެ ވަގުތެއްގައި މިގޮތަށް ފެން ބުއިމަކީ ބޮލުގައި ރިހުމަށް ލުއިވާނެ ކަމެެކެވެ. ގިނައިން ފެން ބުއިމަކީ ގިނައިން ކެއުމަށް ހުރަސް އެޅޭނެ ކަމެއްވެސް މެއެވެ. އެއީ އޯވަ ވެއިޓު ވުމަށްވެސް އެޅޭނެ ހުރަހެކެވެ.
މިހެން އަމަލު ކޮށް އެއް ފަހަރުވެސް އަޖުމަ ބަލައިލަ ބަލާށެވެ. ބޭހުން އަދި ނިދައިގެން ބޮލުގައި ރިހުމަށް ނުލިބޭ ލުއި ލިބޭނެ އެވެ.