ބަނޑު ލުމުގެ މައްސަލައަކީ ހަމައެކަނި ފަލަ މީހުންނަށް ދިމާވާ މައްސަލައެއް ނޫނެވެ. ގެންގުޅެވޭ ނުރަނގަޅު އާދަތަކެއްގެ ސަބަބުން ހިކިކޮށް ތިބޭ މީހުންނަށް ވެސް މިއީ ދިމާވާ މައްސަލަ އެކެވެ. ފަލަ މީހަކު ބަރުދަން ލުއި ކުރަން ކުރަން ޖެހޭ މަސައްކަތަށްވުރެ ބަނޑު ހިންދަން ކުރަންޖެހޭ މަސައްކަތް އުނދަގޫ ކަމަށް އެކަން ތަޖުރިބާކޮށްފައި ތިބި ގިނަ މީހުން ބުނެ އެވެ. ބައެއް ފަހަރު އެހެން ދިމާވަނީ ހެދޭ ގޯސްތަކެއްގެ ސަބަބުންނެވެ.
ގިނަ މީހުންނަށް ގަބޫލު ކުރެވިފައި އޮންނަ ގޮތުގައި ބަނޑު ހިންދަން ބޭނުންވާނަމަ ކުރަން ޖެހޭނީ ހަމައެކަނި އެކަމާ ގުޅޭ ކަސްރަތުތަކެވެ. ހަށިގަނޑު އެހެން ގުނަވަންތަކަށް އަސަރުކުރާ ކަސްރަތުތަކެއް ނުކުރެ އެވެ. އެ ކަސްރަތުތަކަކީ ބަނޑުގެ މަސްތައް ވަރުގަދަ ކޮށްދޭނެ ކަސްރަތުތަކެކެވެ. ނަމަވެސް އެ މަސްތައް ވަށާ ލެވިފައިވާ ފެޓް ފަށަލައަށް އެއްވެސް ބަދަލެއް ނާދެ އެވެ.
ހަމައެކަނި ސިޓް އަޕްސް ނުވަތަ ކްރަންޗެސް ހަދައިގެން ބަނޑެއް ނުހިނދޭނެ އެވެ. އެންމެ ރަނގަޅު ކަސްރަތެއް ކަމަށް ތަޖުރިބާ ކާރުން ބުނަނީ "ހޯލް ބޮޑީ އެރޮބިކްސް" ކަމަށެވެ. އެއީ އަވަހަށް ކެލޮރީތައް ވިރުވާލާ ކަމަކަށް ވާތީ އެވެ.
ބަނޑު ހިންދުމުގެ ޕްރޮގްރާމް ފަށައިގެން އުޅޭއިރު އެއްގަމު މަސްކެއުން އެއްކޮށް ހުއްޓާލަން ޖެހޭނެ އެވެ. އެއީ އެއް ގަމު މަހަކީ އޭގައި ގިނަ އަދަދަކަށް ފެޓް ހިމެނޭ އެއްޗަކަށްވާތީ އެވެ. އެކަމަކު އޭގެ މާނައަކީ ހަށިގަނޑަށް ފައިދާހުރި ފެޓް ބޭނުން ކުުރުން ހުއްޓާލާށެކޭ ނޫނެވެ. ކުކުޅު ބިސް ކަހަލަ ކާނާ ބޭނުން ކުރަން ވާނެ އެވެ.
މިސާލަކަށް ބަރުދަން ލުއި ކުރުމަށް ކޮންމެ ދުވަހަކުވެސް އާފަލެއް ކާލައިގެން ހުރެދާނެ އެވެ. އޭރަށް ބަނޑު ހިނދި ބަރުދަން ލުއިވެދާނެ އެވެ. ނަމަވެސް ހަށިގަނޑަށް ބޭނުންވާ ވަރަށްވުރެ މަދުން ކެލޮރީޒް ހަށިގަނޑަށް ލިބޭނަމަ މެޓަބޮލިޒަމް ރޭޓު ދަށްވެ ބަރުދަން ލުއިވާ ރޭޓުވެސް ލަސްވާނެ އެވެ. ކެލޮރީ ބޭނުން ކުރުން އެއްކޮށް ހުއްޓާލުމުގެ ބަދަލުގައި ހަށިގަނޑަށް ބޭނުންވާ ވަރަށް ކެލޮރީ ހުންނަ ކާނާ ބޭނުން ކުރާށެވެ.
ބަނޑު ހިންދުމުގެ އަމާޒު ހިފައި އެންމެ ފުރަތަމަ ބޭނުންކުރަން ފެށި ޑައިޓު ބޭނުން ކުރާށެވެ. އެކި ކަހަލަ ޑައިޓުތައް ފެންނާނެ އެވެ. އެހުރިހާ ޑައިޓުތަކަކީ ވެސް އެންމެ ރަނގަޅު ޑައިޓުތަކެވެ. ނަމަވެސް ސަމާލުކަން ދޭންވީ އެއް ޑައިޓުގައި ސާބިތުވެ ހުންނާށެވެ. އެންމެ މުހިންމު ކަމަކީ ރަނގަޅު ބެލެންސް ޑައިޓަކާއެކު ކަސްރަތު ވެސް ކުރުމެވެ.
ކިތަންމެ ރަނގަޅު ކަސްރަތުތަކެއް ކުރި ނަމަވެސް އެކަށީގެންވާ ބެލެންސް ޑައިޓެއް ނުގެންގުޅޭނަމަ ބަނޑުހިންދަން ތިކުރާ މަސައްކަތް ކާމިޔާބުވުމަށްވުރެ ނުވުން ގަތެވެ.