ލައިފްސްޓައިލް

އިސްތަށިގަނޑުގެ ރީތި ކަމަށް ކާށި ތެޔޮ ވަރެއް ނެތް!

ކާށި ތެލަކީ އެންމެންގެ މެދުގައި ވެސް ވަރަށް މަގުބޫލު އެއްޗެކެވެ. ކެއްކުމުގެ އިތުރުން މީހާގެ ރީތިކަން ދެމެހެއްޓުމުގައި ވެސް ވަރަށް މުނިންމު ރޯލެއް ކާށި ތެޔޮ އަދާކުރާ އެވެ. ހަމުގެ ރީތިކަމާއި އޮމާންކަން ދެމެހައްޓުމަށް ގިނަ ބަޔަކު ކާށި ތެޔޮ ބޭނުން ކުރެ އެވެ. މީގެ އިތުރުން ބޮލުގެ އިސްތަށުގަނޑުގެ ރީތިކޮށް ބޭއްވުމުގެ ފަރުވާ އެއްގެ ގޮތުގައި ވެސް ކާށި ތެޔޮ މުހިންމު ރޯލެއް އަދާކޮށްދެ އެވެ.

އިސްތަށިގަނޑަށް އާންމު ގޮތެއްގައި ދިމާވާ އެންމެ ބޮޑު އެއް މައްސަލަ އަކީ، އިސްތަށި ފޭބުމެވެ. މިއިީ އުމުރުން ދުވަސްވީ މީހުންގެ އިތުރުން ޒުވާން އުމުރުގައި ވެސް ކުރިމަތިވާ ކަމެކެވެ. ބޮލުން އިސްތަށި ފޭބުމާ ކުރިމަތި ވަނީ، ހޫނު ގަދަވުމުގެ ސަބަބުން ބޮލުން މާގިނައިން ދާހިތްލުމާއި ފެންވަރަން ބޭނުންކުރާ ފެން ތަޣައްޔަރު ވެފައި ހުރުމުގެ ސަބަބުންނެވެ. ބައެއް ފަހަރު އިސްތަށިގަނޑާ ނުގުޅޭ ތެލެއް ނުވަތަ ކްރީމެއް ބޭނުން ކުރެވިގެން ވެސް އިސްތަށި ފައިބައި ގޮތް ވެއެވެ.

ބޮލުން އިސްތަށި ފޭބުމަކީ އެންމެން ވެސް އެކަމާ ވަރަށް ކަންބޮޑުވާ ކަމެކެވެ. ބައެއް މީހުން އެކަމަށް ހައްލެއް ހޯދަން ތަފާތު އެއްޗެހި ބޭނުން ކުރާ އިރު، އަނެއް ބައި މީހުން ޑޮކްޓަރުންގެ ލަފާ ހޯދައެވެ. ނަމަވެސް އެކަށީގެންވާ ވަރުގެ ބަދަލެއް އަންނަތަން ފެންނަނީ ވަރަށް ވެސް މަދުންނެވެ. މިހާރު ތިޔަ ބޭނުން ކުރާ އެހެން ބާވަތްތަކުގެ ތެލާއި ކްރީމްތައް ދޫކޮށްލާފައި އަޖުމަ ބަލައިލަން ނަމަވެސް ކާށި ތެޔޮ ބޭނުން ކޮށްލަބަލާށެވެ.

ބޮލުގައި ބޭނުން ކުރަން ކާށި ތެޔޮ ގަންނަ އިރު، "އެކްސްޓްރާ ވާޖިން" މި ގޮތަށް ލޭބަލް ގައި ޖަހާފައި ހުންނަ ކާށިތެޔޮ ގަންނާށެވެ. ލޭބަލްގައި އެގޮތަށް ޖަހާފައި ހުންނަ ތެލަކީ، އެހެން ބާވަތްތައް އެއްވެސް ވަރަކަށް އެއްކޮށްފައި ނުހުންނަ ތާޒާ ކާށި ތެލެވެ. އިސްތަށިގަނޑަށް ދޭ ފަރުވާއަށް އަބަދުވެސް އެންމެ ރަނގަޅީ އެފަދަ ތާޒާ ތެލެވެ.

ބޮލުން އިސްތަށި ފައިބައި ހަންފޮޅޭނަމަ އެންމެ ރަނގަޅީ ކާށި ތެޔޮ ހޫނުކޮށްގެން ތެޔޮ ބޭނުން ކުރުމެވެ. ބޮލުގައި ތެޔޮ ލުމުގެ ކުރީގައި ތެޔޮ ފޮދު ހޫނުކޮށްލާށެވެ. އޭގެ ފަހުގައި ބޮލުގައި ތެޔޮލައި، އިނގިލިތަކުން ރަނގަޅަށް މަސާޖް ކޮށްލާށެވެ. ދެން، މުޅި އިސްތަށިގަނޑުގައި ތެޔޮ އުނގުޅާ، ޝަވާކެޕް އަކުން ބޯ އެއްކޮށް ނިވާ ކޮށް، ނިދާށެވެ. ހެނދުނު ތެދުވެ ބޯ ދޮވެލާށެވެ. ކޮންމެ ހަފުތާއަކު ވެސް ދެފަހަރު ނުވަތަ ތިން ފަހަރު މިގޮތަށް ހަދާށެވެ. އޭރަށް އަބަދުވެސް އިސްތަށިގަނޑުގެ ރީތިކަމާއި، ދުޅަހެޔޮކަން ދަމަހައްޓާދޭނެ އެވެ.