ހަބަރު

"ގައުމުގެ ތަރައްގީ ކުރުމުގެ ހަނގުރާމާގައި ދަސްވެނިން ބައިވެރިވާން ޖެހޭ"

ޔުނިވާސިޓީތަކުން ދަސްވެނިވެގެން ނުކުންނަ ދިވެހި ދަރިވަރުން ރާއްޖެ ތަރައްގީ ކުރުމުގެ ހަނގުރާމާގައި ބައިވެރިވާންޖެހޭ ކަމަށް ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ގައުމީ ޔުނިވާސިޓީން ދަސްވެނިވި ކުދިންނަށް ސެޓިފިކެޓު ހަވާލު ކުރަން މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އާޒިމާ ވިދާޅުވީ ރާއްޖޭގެ ޔުނިވާސިޓީތަކުން ދަސްވެނިވެގެން ނުކުންނަ ކުދިންނަކީ އެ ޔުނިވާސިޓީއެއްގެ ނަމާއި ޝަރަފު ހިފަހައްޓަން ތިބޭ ބައެއް ކަމަށާއި އެ ޒިންމާ އަދާ ކުރުމަށްޓަކައި އެ މީހަކު ކިޔެވި ދާއިރާތަކުން ގައުމުގެ ތަރައްގީއަށް ހިދުމަތްކޮށްދޭން ނިކުންނަން ޖެހޭނެ ކަމަށެވެ. އޭގެ ބަދަލުގައި ސަރުކާރުން ގައުމުގެ ތަރައްގީއަށް ކުރާ މަސައްކަތްތަކަށް ފާޑުކިޔަން ތިބުމަކީ ވަރަށް ފަސޭހަ ކަމެއް ކަމަށާއި ނަމަވެސް ހަގީގީ ކާމިޔާބީއަކީ ގައުމަށް ދިމާވާ އެންމެ ދަތި ހާލަތުގައި ވެސް ނިކުމެ ހިދުމަތް ކުރުން ކަމަށް އެކަމަނާ ވިދާޅުވި އެވެ.

"ތިޔަ ބޭފުޅުންގެ އަތްމައްޗައް މިރޭ ދޫކޮށްލަން ބޭނުންވާ ސުވާލަކީ ގައުމަށް ލިބޭ ކުރިއެރުންތަކާއި ތަރައްގީގައި ބައިވެރިވާނީތޯ ނުވަތަ އަރިމަތީގައި ފާޑުކިޔަން ތިބޭނީތޯ. މި ގައުމުގެ ތަރައްގީގައި ފަހުރުވެރިކަމާއެކު އަޅުގަނޑުމެންގެ ޒިންމާތައް އަދާ ކުރަނާންން ހޭ. ފަހުރުވެރި އަދި ޝަރަފުވެރި މަގާމުތައް ހާސިލް ކުރަން ބޭނުންހޭ،" އާޒިމާ ވިދާޅުވި އެވެ. "އެ ތަރައްގީ ބޭނުން ނޫން ކަމަށް ވަނީނަމަ ގޭގެ ސޯފައިގައި ތިބެގެން ސަރުކާރުން ކިޔާ ހުރިހާ ކަމަކަށް ފާޑުކިޔަން ތިބެވިދާނެ. އެއީ ވަރަށް ފަސޭހަ ކަމެއް. އެކަމަކު ހިތްވަރާއެކު ގައުމަށް ދިމާވާ އެންމެ އުނދަގޫ މަރުހަލާތަކުގައި ހިދުމަތް ކުރަން ނުކެރޭ ކަމަށް ވަނީނަމަ އެ ކިޔެވި ތައުލީމުގެ ބޭނުމެއް ނެތް. އެހެންވެ ގައުމު ތަރައްގީ ކުރުމުގެ ހަނގުރާމައިގަ ބައިވެރިވާން ޖެހޭ،" އާޒިމާ ވިދާޅުވި އެވެ.

އާޒިމާ ވިދާޅުވީ މި ދުވަސް ވަރު ގައުމުގައި އެކި ފަރާތްތަކުން ބަހުސް ކުރަމުންދާ މައްސަލަތަކަކީ މީހެއްގެ ވިސްނުން އަނެއް ފަޅިއަށް ބަދަލުކޮށްލާ ފަދަ ބަހުސްތަކެއް ކަމަށާއި ނަމަވެސް އެ މައްސަލަތަކު ތެރެއަށް ފީނާލާ ކަމުގެ ހަގީގަތް އޮޅުން ފިލުވާލުމުން ދުރު މަންޒަރު ވަރަށް ސާފު ވާނެ ކަމަށެވެ. އެގޮތުން ގައުމީ ޔުނިވާސިޓީން ސަރުކާރާ ގުޅިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުށް ކުރުމާ ބެހޭ ބޮޑު ދިރާސާއެއް ހަދަމުން އަންނަ ކަމަށާއި އޭގެން ހާމަވާ ނަތީޖާއިން ވެސް ރާއްޖޭގައި ހިނގާ ގިނަ ކަންކަމުގެ ހަގީގަތް ސާފުވާނެ ކަމަށެވެ.

ގައުމީ ޔުނިވާސިޓީން ދަސްވެނިވި ކުދިންގެ ތެރެއިން 73 ޕަސަންޓު ކުދިންނަކީ އަންހެނުންކަން ފާހަގަ ކުރައްވާ އާޒިމާ ވިދާޅުވީ އެކަމަކީ ދިވެހި އަންހެނުންނަށް ލިބޭ ބޮޑު ޝަރަފެއް ކަމަށެވެ. ނަމަވެސް މުޖުތަމައު ތެރޭގައި އަންހެނުންނަށް ކުރިއެރުމަށް ބޮޑެތި ގޮންޖެހުންތަކެއް ހުންނާނެ ކަމަށާއި ނަމަވެސް އެ ގޮންޖެހުންތައް ހުރަސްކޮށް ކާމިޔާބު ހޯދާ މީހަކީ އެހެން އަންހެނުންނަށް މިސާލު ދައްކާނެ މީހެއް ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ.