- ބޮޑަށް އިންވެސްޓްކުރީ ޓޫރިޒަމްގައި
- 10 ކުންފުނިން ރަޖިސްޓާ ކުރި
- ފަސް އަހަރުތެރޭ އިންވެސްޓް ކުރާނެ
މި އަހަރުގެ މިހާތަނަށް ރާއްޖޭގައި 200 މިލިއަން ޑޮލަރުގެ ފޮރިން އިންވެސްޓްމަންޓް ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ ތަފާސްހިސާބުތައް ހާމަކޮށްފި އެވެ.
އިކޮނޮމިކް މިނިސްޓްރީގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ރަޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވީ މި އަހަރުގެ ފުރަތަމަ ކްއާޓަރު ރާއްޖޭގައި ބޭރުގެ 10 ކުންފުންޏަކުން އިންވެސްޓްމަންޓް ރަޖިސްޓްރީ ކޮށްފައިވާ ކަމަށާއި އެ ކުންފުނިތަކުން ފަސް އަހަރު ތެރޭގައި 200 މިލިއަން ޑޮލަރު އިންވެސްޓް ކުރާނެ ކަމަށެވެ.
"މި އަދަދަކީ ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި އިންވެސްޓް ކުރާނެ އަދަދު. އިންވެސްޓްމަންޓް ރަޖިސްޓްރީ ކުރި ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ ޓޫރިޒަމް ދާއިރާ. ބޮޑެތި އިންވެސްޓްމަންޓްތައް މި އަންނަނީ ޓޫރިޒަމްގެ ދާއިރާއަށް. މީގެ އިތުރުން ހޯލްސޭލް ޓްރޭޑިން އަދި ކޮންސްޓްރަކްޝަން ދާއިރާ ވެސް ހިމެނޭ،" ވިސާމް ވިދާޅުވި އެވެ.
ރަޖިސްޓްރާ ވިދާޅުވީ ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާގައި ރީ-ރަޖިސްޓްރާ ކުރެވޭނީ ފަސް މިލިއަން ޑޮލަރަށްވުރެ ބޮޑެތި އިންވެސްޓްމަންޓްތަކަށް ކަމަށެވެ.
"ފަސް މިލިއަން ޑޮލަރަށްވުރެ ކުދި އިންވެސްޓްމަންޓްތައް މި ޖެހެނީ 35 ޕަސެންޓް ދިވެހި އެންޓިޓީ ނޫނީ ދިވެހި ރައްޔިތަކާ ގުޅިގެން ރަޖިސްޓްރީ ކުރަން،" ވިސާމް ވިދާޅުވި އެވެ.
ރާއްޖޭގައި މި އަހަރުގެ މިހާތަނަށް 200 މިލިއަން ޑޮލަރު އިންވެސްޓްމަންޓް ރަޖިސްޓްރީ ކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީ ބުނިއިރު، މިދިޔަ އަހަރު ރާއްޖޭގައި 20 ރިސޯޓެއް ހުޅުވާފައިވެ އެވެ. އަދި މި އަހަރުގެ މިހާތަނަށް އިތުރު ރިސޯޓުތަކެއް ހުޅުވަން ދަނީ ތައްޔާރުވަމުންނެވެ. އަދި ރާއްޖޭގައި ހައުސިން ވިޔަފާރިއަށް ވެސް ދަނީ ބޭރުގެ ކުންފުނިތަކުން އިންވެސްޓް ކުރަމުންނެވެ.