ހަބަރު

އިދިކޮޅުގެ ކަންބޮޑުވުންތައް އިންޑިއާ ސަފީރާ ހިއްސާކޮށްފި

އިދިކޮޅު ފަރާތްތަކުގެ ކަންބޮޑުވުންތައް އިންޑިއާއިން ރާއްޖެ ކަނޑައަޅުއްވަވާފައި ހުންނަވާ ސަފީރު، އަކިލޭޝް މިޝްރާއާ ހިއްސާކޮށްފި އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒު އަދި ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވަނީ އިންޑިއާ ހައިކޮމިޝަނަށް ވަޑައިގެން ހައިކޮމިޝަނާއާ ބައްދަލު ކުރައްވާފަ އެވެ.

ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ގާސިމް ވިދާޅުވީ، އިންޑިއާ ސަފީރާ ބައްދަލު ކުރެއްވީ، އިންޑިއާއަކީ ހުރިހާ ގޮތަކުން ވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭ ގައުމަކަށްވާތީ ކަމަށާއި ސަފީރާ ބައްދަލުކޮށް ގައުމުގެ ސިޔާސީ މަސްރަހާއި އިގްތިސޯދާއި އިޖުތިމާއީ ހާލަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރައްވާފައިވާނެ ކަމަށެވެ. ނަމަވެސް އެކަންކަމުގެ ތަފްސީލެއް ނުދެއްވަ އެވެ.

މީގެ އިތުރުން ޔުމްނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ފަށާފައިވާ އިސްލާހީ މަސައްކަތްތަކުގެ މައުލޫމާތާއި އެ ފަރާތްތަކުގެ ކަންބޮޑުވުންތައް ވެސް ސަފީރަށް އަރުވާފައިވާނެ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން މިއަދު އިންޑިއާ ސަފީރާ ބައްދަލުކޮށްފައިވާއިރު އިއްޔެ ވަނީ ކޯޓު އަމުރެއްގެ ދަށުން ގާސިމްގެ ގެކޮޅާއި ބައެއް އޮފީސްތައް ބަލައި ފާސްކޮށްފަ އެވެ. ގާސިމްގެ ފޯނު ފުލުހުން އަތުލާފައިވާއިރު އޭނާގެ މައްޗަށް ވަނީ ތިން ދައުވާއެއް ވެސް އުފުލައި، ޝަރީއަތް ފަށާފަ އެވެ.