ވިޔަފާރި

އުރީދޫއިން ރާއްޖެއަށް އިންޓަނެޓް ޓީވީ ތައާރަފު ކުރަނީ

Apr 19, 2017
2

އުރީދޫ މޯލްޑިވްސް އިން ރާއްޖެއަށް އިންޓަނެޓް ޕްރޮޓޮކޯލް ޓެލެވިޒަން (އައިޕީޓީވީ) ތައާރަފު ކުރާނެކަން އިއުލާނުކޮށްފި އެވެ.

އުރީދޫގެ ހިއްސާ ވިއްކަން ފެށުމުގެ ގޮތުން، އިނީޝަން ޕަބްލިކް އޮފަރިންގް (އައިޕީއޯ) އިފުތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އުރީދޫ ގްރޫޕުގެ ސީއީއޯގެ ނައިބު ވަލީދު އަލް ސައީދު ވިދާޅުވީ އައިޕީޓީވީ ތައާރަފު ކުރުމުގެ މަސައްކަތް ފަށަން އެ ކުންފުނިން މިހާރު މަސައްކަތް ފަށާފައިވާ ކަމަށެވެ.

"އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބު ޚާން އަދި އެމްޑީ ވިކްރަމް ސިންހަ [މެނޭޖިން ޑިރެކްޓަރު] އަޅުގަނޑު އަރިހުގައި އެދިވަޑައިގެންނެވި ރާއްޖެ އަށް އައިޕީޓީވީ ތައާރަފު ކޮށްދޭން،" ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި މި ހިދުމަތް ތައާރަފު ކުރެވޭ ވަރުވާނެ ކަމަށެވެ.

އުރީދޫން އިންޓަނެޓު ޓީވީ ތައާރަފު ކުރުމަށް މަސައްކަތް ކުރަމުންދާއިރު، 2005 ވަނަ އަހަރުން ފެށިގެން ޓެކްނޮލޮޖީގެ އާ ހިދުމަތްތައް އެ ކުންފުނިން ވަނީ ރާއްޖެއަށް ގެނެސްދީފަ އެވެ.