ރާއްޖެ ފަރާތުން ބޭރު ގައުމުތަކަށް ކަނޑައަޅުއްވާފައިވާ ސަފީރުންގެ މަހާސިންތާގައި ސަފީރުންގެ ކަންބޮޑުވުންތަކާއެކު މަހާސިންތާގެ ފުރަތަމަ ދަންފަޅީގެ ގޮތުގައި ކުރިޔަށް ގެންދިޔަ ދުވަސް ނިންމާލައިފި އެވެ. މިއަދު ހެނދުނު ޖެން ހޮޓެލްގައި ފެށި މަހާސިންތާގައި 16 މިޝަނަކުން 15 ސަފީރަކު ބައިވެރިވެ ވަޑައިގަންނަވަ އެވެ. މާދަމާގެ ނިޔަލަށް ކުރިޔަށްދާ މި މަހާސިންތާއަކީ ރާއްޖޭގެ ފަހުގެ ތާރީހެއްގައި ބާއްވާ މިފަދަ ފުރަތަމަ އެއްވުމެވެ.
ސަފީރުންގެ މަހާސިންތާގެ ފުރަތަމަ ދަންފަޅި ނިންމާލުމުގެ ގޮތުން ނޫސްވެރިންނާ ބައްދަލު ކުރައްވާ ފޮރިން މިނިސްޓްރީގެ ޑިރެކްޓާ މަރިޔަމް މިދުފާ ވިދާޅުވީ މަހާސިންތާގެ ފުރަތަމަ ދުވަހު އެކި މިނިސްޓްރީތަކުގެ މަސައްކަތްތަކާބެހޭ ގޮތުން ސަފީރުންނަށް މައުލޫމާތު ހިއްސާ ކުރި ކަމަށާއި ބައިނަލްއަގުވާމީ މަޝްރަހުގައި ރާއްޖެއިން ވަކާލާތު ކުރާ މައްސަލަތަކާބެހޭ ގޮތުން ވެސް އެ ފަރާތްތަކުން ވެސް މައުލޫމާތު ދެއްވި ކަމަށެވެ. އަދި ސަފީރުންނަށް މިހާރު ކުރިމަތިވެ ވަޑައިގަންނަވާ ދަތިތަކާއި ގޮންޖެހުންތައް ވެސް މިޝަންތަކުން މަހާސިންތާއަށް ހިއްސާކުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއަދު ބޭއްވި ސެޝަންތަކުން ވަރަށް ބިނާ ކުރަނިވި މަޝްވަރާތަކެއް ކުރިޔަށް ދިޔަ. ގިނަ ފަހަރަށް މި އޮންނަނީ މައުލޫމާތު ހިއްސާ ކުރުމުގައި ލަސްތަކެއް ވުން ނޫނީ މައުލޫމާތު ފުރިހަމައަށް ނުލިބުމުގެ މައްސަލަތައް. އެކަންކަން ހައްލު ވެގެން ދިޔަ. ކުރިޔަށް އޮތްތާނގައި މައުލޫމާތު ހިއްސާ ކުރުމުގައި އަމަލު ކުރެވޭނެ ފަސޭހަ ނިޒާމްތަކާކާބެހޭ ގޮތުން ވެސް މަޝްވަރާ ކުރެވުން،" މިދުފާ ވިދާޅުވި އެވެ.
ސަފީރުންގެ މަހާސިންތާގެ ބޭނުމަކީ ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރަން އެ ފަރާތްތަކަށް އަދާ ކުރެވިދާނެ މަސައްކަތްތަކާއި ރާއްޖޭގައި ހުރި އިންވެސްޓްމެންޓްގެ ފުރުސަތުތަކާބެހޭ ގޮތުން ބޭރުގެ އިންވެސްޓަރުންނަށް މައުލޫމާތު ހިއްސާ ކުރެވިދާނެ ގޮތާ ބެހޭ ގޮތުން މަޝްވަރާ ކުރުމެވެ. އަދި ސަރުކާރުގެ ހާރިޖީ ސިޔާސަތުތަކާއި، ބައިނަލްއަގުވާމީ ކަންކަމުގައި ސަރުކާރުން ނަގާ ސްޓޭންޑް ހުރިހާ އެމްބެސެޑަރުންނާ ހިއްސާ ކުރުމެވެ.