މާލޭގެ ދިރިއުޅުން ހުންނަ ގޮތުން ގިނަ ފަހަރަށް ދެބެން ނުވަތަ ތިން ބެއިން މިއުޅެނީ އެއް އެޕާޓްމަންޓެއްގަ އެވެ. ހުރިހާ އެންމެންގެ ދަރިން އާންމުކޮށް ބަލަނީ ކުދިންގެ މާމަ އެވެ. ނުވަތަ ކޮންމެވެސް އެކަކެވެ. މާލޭގެ ދިރިއުޅުން އަގު ބޮޑު ވުމުން އެހެން ހުރިހާ އެންމެން ވަޒީފާއަށް ދާން މަޖުބޫރުވެ އެވެ. ގާތް ގަނޑަކަށް އެއް އުމުރެއްގެ ކުދިންތައް ގެންގުޅެން ވުމުން އެންމެ އެކަށީގެންވާ ސަމާލުކަމެއް އެއްވެސް ކުއްޖަކަށް ދެވޭގޮތް އޮންނަނީ ނުވެފަ އެވެ. ނަމަވެސް ކުދިން ގޯސް އާދަތަކުން ދުރުވެސް ވެއެވެ.
އެއް ކުއްޖަކު އަނެއް ކުއްޖަކާ ތޮޅެ ބައެއް ފަހަރު އަނިޔާ ކުރެ އެވެ. ގިނަ ބަޔަކާއި ނުލާ މަންމަ އާއި ބައްޕަ އާއެކު އެކަނި އުޅޭ ކުދިންގެ ކިބައިންވެސް ބައެއް ފަހަރު މިކަހަލަ އަމަލުތައް ފެނެ އެވެ.
"މިގޭގައި ނޫޅޭނެ އިތުރު ކުޑަކުއްޖެއް އަހަރެންގެ ދަރިފުޅު ނޫނިއްޔާ. ތިން އަހަރު އަދި ވީ. ނޭނގެ ކިހިނެއް ކަމެއް ދަސް ކުރަނީކީ. ސްކޫލްގައި ކުދިންނަށް އަނިޔާ ކުރާ ވާހަކަ އާންޓީ ބުނާނެ ކޮންމެ ދުވަހަކުވެސް. ގެއަށް އައިސް ވެސް އުޅޭނެ އެގޮތަށް. ވަރަށް ތޮޅޭ. ނޭނގެ އެކަން ހުއްޓުވަން ހަދާނެ ގޮތެއް."
މިކަހަލަ ޝަކުވާ ތަކަކީ ވަރަށް ގިނަ މައިންބަފައިންގެ ފަރާތުން އިވޭ ޝަކުވާ އެކެވެ. ނަފްސާނީ ގޮތުން ކުއްޖާއަށް ލިބިދާނެ ގެއްލުމަކަށް ވިސްނާފައި އަދަބެއް ދޭން ވެސް ނުކެރޭ ކަމަށް ގިނަ މައިންބަފައިން ބުނެ އެވެ.
ނަމަވެސް މިފަދަ ކަންތައްތަކަކީ ހުއްޓުވަން ޖެހޭނެ ކަންތައްތަކެވެ. އެހެން ނޫނީ ކުއްޖާއަށް އެންމެ ރަނގަޅު އަހުލާގަކާއި ތަރުބިއްޔަތެއް ނުދެވޭނެ އެވެ. ކުއްޖާ ގޯސް ކަމެއް ކުރާތަން ފެނިއްޖެނަމަ އެ ވަގުތު އެކަން ހުއްޓުވާ އެކަމަށް ފިޔަވަޅެއް އަޅަންވާނެ އެވެ. އެކުރީ ގޯސްކަމެއްކަން ބުނެދީ ވިސްނައިދޭން ޖެހޭނެ އެވެ. ރުޅި އައިސް ބާރަށް އެއްޗެހި ކިޔާ އުސޫލުން ބުންޏަސް ކުއްޖާއަށް ނުވިސްނޭނެ އެވެ. އޭގެ ބަދަލުގައި މަޑުމަޑުން ކުއްޖާއަށް ވިސްނޭނެހެން ވާހަކަ ދައްކާށެވެ. ހިންހަމަ ނުޖެހި ބާރަށް ބުނާނަމަ ހިންހަމަ ނުޖެހޭ ކަމެއް ދިމާވުމުން ކުއްޖާގެ އަމަލުތައްވެސް ހުންނާނީ އެކަހަލަ ގޮތަކަށެވެ.
އަބަދުވެސް ރަނގަޅު ނަމޫނާ ދައްކަން ޖެހެނީ އެހެންވެ އެވެ. ދަރިފުޅު ކިތަންމެ ކުޑައަސް ގޯސް ކަމެއް ކޮށްފިނަމަ އެއީ ގޯސްކަމެއްކަން ވިސްނައިދޭން ޖެހޭނެ އެވެ. ތަކުރާރުކުރުމުން އިތުރަށް ހަނދާންވެސް ކޮށްދޭށެވެ. ބައެއް ފަހަރު އަދަބުވެސް ދޭށެވެ. މިސާލަކަށް ކިިޔަވަން ކަނޑައަޅާފައި އިންނަ ވަގުތަށް 10 މިނެޓު އިތުރުކޮށްލިއަސް އެއީ ކުއްޖާއަށް ބޮޑު އަދަބަކަށް ވާނެ އެވެ. އެންމެ ރަނގަޅު ގޮތަކީ ކުއްޖާއަށް ވިސްނައިދިނުމެވެ.
ކުއްޖާގެ ވާހަކަތައްވެސް އަޑުއަހާށެވެ. ކުއްޖަކު ގައިގައި ޖަހައިފިނަމަ އެގޮތަށް ކަންތައްކުރީ ކީއްވެގެންކަން އޮޅުން ފިލުވާށެވެ. ކުއްޖާގެ ވާހަކަތައް އަޑުއެހުމަށްފަހު ރަނގަޅު ގޮތް ބުނެދޭށެވެ. ރުޅި އައިސް ހިންހަމަނުޖެހިއްޖެ ނަމަ ކަންތައްތައް ކުރަންވީ ގޮތްވެސް ކުއްޖާއަށް ބުނެދީ ވިސްނައިދޭށެވެ. ހަމަ އެގޮތަށް ކުއްޖާކުރާ ރަނގަޅު ކަންތައްތައްވެސް ފާހަގަކޮށް ހިތްވަރު ދޭން ވާނެ އެެވެ.