ލައިފްސްޓައިލް

ދުޅަ ހެޔޮ ސިއްހަތަކަށް މި ގައިޑްލައިން ފިޓްވޭތޯ ބަލަމާ!

ދުޅަ ހެޔޮ ސިއްހަތެއްގައި ހުންނަން ބޭނުންވާ މީހާ ދުވަހުގެ ކެއުމުގެ ތާވަލު ވަކި ގޮތަކަށް ބައްޓަން ކުރަން ޖެހެ އެވެ. އާންމުކޮށް ކެއުމުގައި ބޭނުން ކުރާ ބައެއް ބާވަތްތައް އުނިކޮށްލަން، ނުވަތަ އެހެން ބާވަތެއް އިތުރު ކުރަން ޖެހެ އެވެ. އާންމުކޮށް ބޭނުން ކުރާ ބާވަތްތަކުގެބަދަލުގައި އެ ބާވަތުގެ އެހެން އެއްޗެއް ބޭނުން ކުރަން ވެސް ޖެހިދާނެ އެވެ.

އެންމެ ފުރަތަމަ ކަމަކަށް ހަށިގަނޑުގެ ބަރުދަން އިތުރު ކުރާ ބާވަތްތަކަކީ ކޮބާތޯ ބަލަމާ ހިނގާށެވެ. އެގޮތުން ބަލާއިރު، ގިނަ މިންވަރަކަށް ތެޔޮ އެކުލެވޭ ކާނާއަކީ، ހަށިގަނޑުގެ ބަރުދަން އިތުރު ކުރާ، ސިއްހަތަށް ނޭދެވޭ އަސަރު ކުރާ ތަކެއްޗެވެ. އެހެން ކަމުން ކެއުމުގައި ތެޔޮ ބޭނުން ކުރާ މިންވަރު މަދު ކުރުމަށް ސަމާލުކަމެއް ދިނުމަކީ މުހިންމު ކަމެކެވެ.

އާންމުކޮށް ކެއްކުމުގައި ބޭނުން ކުރާ އެކި ބާވަތްތަކުގެ ކައްކާ ތެލުގެ ބަދަލުގައި، ޒައިތޫނި ތެޔޮ ކެއްކުމުގައި ބޭނުން ކުރާށެވެ. އަދި ވީހާ ވެސް މަދުން ތެޔޮ ބޭނުން ކުރެވޭތޯ ބަލާށެވެ. އެކި ބާވަތްތަކުގެ ކާނާ ތެލުލުމުގެ ބަދަލުގައި ފިހެގެން ބޭނުން ކުރާށެވެ. މަހާއި، ހެދިކާ ފަދަ ތަކެތި އަވަނުގައި ފިހެގެން ބޭނުން ކުރާނަމަ، ކެއުމުގައި ތެލުގެ މިންވަރު ބޭނުން ކުރެވޭ މިންވަރު ވަރަށް ބޮޑުތަން ކުޑަ ވެގެންދާނެ އެވެ.

ދެވަނައަށް ހަކުރު ބޭނުން ކުރާ މިންވަރު މަދު ކޮށްލާށެވެ. އެންމެ ރަނގަޅު ގޮތަކީ، ހަކުރު އެއްކޮށް އުނި ކޮށްލުމެވެ. ހަކުރުގެ ބަދަލުގައި މާމުއި ބޭނުން ކުރުމަކީ، ހަށިގަނޑުން ބަރުދަން ލުއި ކުރުމަށް އެހީ ތެރިވެދޭ އެއްޗެކެވެ. މާމުޔަކީ، ބަރުދަން އިތުރުވުން ހުއްޓުވުމުގެ އިތުރަށް، ސިއްހީ ގޮތުން ވެސް ހަށިގަނޑަށް ގިނަ ފައިދާ ތަކެއް ވެސް ހޯދައިދޭ އެއްޗެކެވެ. ގިނަ ބަލިތަކެއްގެ ފަރުވާއެއްގެ ގޮތުގައި ގިނަ ބަޔަކު ބޭނުން ކުރާކަން ސިއްހީ މާހިރުންގެ ކިބައިން ވެސް ސާބިތު އެއްޗެކެވެ.

ކާގަޑިތަކާއި، ކެއުމަށް ބޭނުން ކުރާ ކާނާ ތާވަލު ކޮށްލާށެވެ. އެންމެ ފުރަތަމަ ހެނދުނުގެ ނާސްތާ ރަނގަޅހަށް ކުރަން އާދަ ކުރާށެވެ. އަދި ހެނދުނުގެ ނާސްތާގައި ކާބޯހައިޑްރޭޓްސް އާއި ޕްރޮޓީން އެކުލެވޭ ކާނާ ބޭނުން ކުރާށެވެ. އަދި މެނދުރުގެ ކެއުން ވެސް 11 އާއި އެކާ ދޭތެރޭގައި ނިންމާލާށެވެ. ރޭގަނޑުގެ ކެއުން އިރުއޮއްސޭ އިރު ކުރާށެވެ. ރޭގަނޑު ހަތެއްގެ ފަހުން ބަރުދަން އިތުރު ކުރާފަދަ އެއްވެސް އެއްޗެއް ނުކާށެވެ. ރޭގަނޑުގެ ވަގުތުގައި ބަނޑުހައިވާނަމަ، މޭވާ ކާށެވެ. ބަރުދަން ލުއި ކުރުމަށް ފެހި އާފަލަކީ ކާލަން ވަރަށް ރަނގަޅު އެއްޗެކެވެ. މީގެ އިތުރުން، ގިނައިން ފެނާއި، ތާޒާ މޭވާގައި ޖޫސް ފަދަ ތަކެތި ބޭނުން ކުރުމަށް ސަމާލުކަމެއް ދޭށެވެ. އަދި ކާ ގަޑިތަކުގައި ކާ މިންވަރު މަދު ކޮށްލާށެވެ.

ކެއުމުގައި މިކަން ކަމަށް ސަމާލުކަން ދީފި ނަމަ ހަށިގަނޑުން ބަރުދަން ލުއި ކޮށްދީ، އެއް މިންގަނޑެއްގައި ހިފަހައްޓައި ދިނުމުގެ އިތުރުން ރަނގަޅު ސިއްހަތެއްގައި ހުރުމަށް ވެސް އެހީތެރިވެ ދޭނެ އެވެ.