- ކާޑުން 15 ޕަސެންޓް ހެޔޮ ކުރާނެ
- ތެލުން 10 އާއި 20 ލާރީގެ ހެޔޮވުމެއް
- މި ސަރަހައްދުގެ ހެޔޮވުމެއް
އަންނަ އާދިއްތަ ދުވަހުން ފެށިގެން އެސްޓީއޯއިން ވިއްކާ ތެލާއި ކާޑްގެ ބާވަތްތަކުގެ އަގު ހެޔޮ ކުރަން އެ ކުންފުނިން ނިންމައިފި އެވެ.
އެސްޓީއޯގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ ކާޑްގެ ބާވަތްތަކުގެ އަގު 15 ޕަސެންޓް ހެޔޮ ކުރަން ނިންމާފައިވާ ކަމަށެވެ. އަދި ޑީސަލް ލީޓަރަކުން 10 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 20 ލާރި ހެޔޮ ކުރާނެ ކަމަށް ޝަހީރު ވިދާޅުވި އެވެ. އަދި މި ބަދަލު ގެނެސްފައި މިވަނީ ރައީސް އޮފީހާއެކު ބޭއްވި ބައްދަލުވުމަކަށްފަހު ސަރުކާރުގެ ވުޒާރާތަކާއެކު މަޝްވަރާ ކުރުމަށްފަހު ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައީސް ޔާމީން އަޅުގަނޑުމެންނަށް ދެއްވި އިރުޝާދާއެއްގޮތަށް މި ބަދަލާ އެކު މި ސަރަހައްދުގައި ކާޑް އަދި ތެޔޮ އެންމެ އަގު ހެޔޮ ގައުމަކަށް ރާއްޖެ ވެގެން ދާނެ،" ޝަހީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކާޑުގެ ބާވަތްތަކުގެ އަގަށް މިދިޔަ އަހަރު ބަދަލު ގެނައުމާއެކު، އާއްމު ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރި ކަމަށާއި އެ ދުވަހުން ފެށިގެން ކާޑުގެ އަގު ހެޔޮ ކުރުމަށް މަސައްކަތް ފެށި ކަމަށެވެ.
"ކާޑުގެ އަގުތައް ކުޑަ ކުރުމަށް ލޮޖިސްޓިކްސް އާއި ޕޭމަންޓް ޓާމްސް އަދި ސޯސް ކުރުމަށް ބަދަލުތަކެއް ގެނެސް ކާޑުގެ އަގުތައް ކުޑަ ކުރުމަށް ބަލަމުން ދިޔައިން. މިގޮތުން މިހާރަށް ވުރެ ރަނގަޅަށް ސޯސް ކުރުމާއި ލޮޖިސްޓިކް ހަރަދުތައް ކުޑަކުރުމާއި މިހާރު އެއްބަސްވެފައިވާ ޕޭމަންޓް ޓާމްސްތައް އަވަސް ކުރުން،" ޝަހީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ބަދަލު ގެނެސްފައިވަނީ ސަރުކާރުން އެ ކުންފުންޏަށް ދޭ ޕޭމަންޓް ލިބޭނެ ގޮތަށް މުހިންމު ބަދަލެއް ވެސް ގެނައުމުން ކަމަށެވެ.
ސަރުކާރުން ކާޑުގެ އަގަށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ބަދަލު ގެނައުމާއެކު، ކުރިން ދެމުން ގެންދިޔަ ސަބްސިޑީ ކަނޑާލުމަށް ފަހު، ހަނޑޫ ކިލޯއެއް ވިއްކަމުން ދިޔައީ 7.96ރ. އަށެވެ. އޭގެ ކުރިން ހަނޑޫ ކިލޯއެއް ވިއްކީ 3.98ރ. އަށެވެ. އަދި ހަކުރު ކިލޯއެއް އަށް ރުފިޔާ އަށް އަދި ފުށް ކިލޯއެއް 5.96 އަށް ބަދަލު ކުރި އެވެ. އަދި ކުރިން ފުށް ކިލޯއެއް ވިއްކީ 2.96ރ. އަށެވެ. އަދި ހަކުރު ކިލޯއެއް މި ބަދަލާއެކު ވިއްކަމުން ގެންގޮސްފައިވަނީ ހަތަރު ރުފިޔާ އަށެވެ.
ކާޑަށް ގެނައި ބަދަލު ކުރުކޮށް
- ހަނޑޫ ބަސްތާއެއް 338ރ. އަށް، ކިލޯއެއް 6.7ރ. އަށް
- ހަކުރު ބަސްތާއެއް 340ރ.އަށް، ކިލޯއެއް 6.8ރ. އަށް
- ފުއް ބަސްތާއެއް 298ރ. އަށް، ވަކިން ކިލޯއެއް 5.26ރ. އަށް
އެސްޓީއޯ އާދީއްތަ ދުވަހުން ފެށިގެން ގެންދަ ބަދަލާއެކު، ހަނޑޫ ބަސްތާއަކުން 15 ޕަސެންޓް ހެޔޮކުރާނެ އެވެ. މި ބަދަލުގެ ސަބަބުން ބަސްތާއަކުން 60ރ. ހެޔޮވާނެ އެވެ. އަދި ހަކުރުވެސް 15 ޕަސެންޓް ހެޔޮކުރާނެ އެވެ. މީގެ ބަސްތާއެއް ވެސް 60ރ. ހެޔޮވާނެ އެވެ. އަދި ފުއް ބަސްތާއަކުން 12 ޕަސެންޓް ހެޔޮ ކުރާނެ އެވެ. އަދި ބަސްތާއަކުން 35ރ. ހެޔޮވާނެ އެވެ. އަގަށް ގެންނަ ބަދަލާއެކު މިހާރު 398ރ. އަށް ވިއްކާ ހަނޑޫ ބަސްތާއެއް އާދިއްތަ ދުވަހުން ފެށިގެން ލިބެން ހުންނާނީ 338ރ. އަށެވެ. އަދި މިހާރު 400ރ. އަށް ވިއްކާ ހަކުރު ބަސްތާއެއް 340ރ. އަށެވެ. އަދި މިހާރު 298ރ. އަށް ވިއްކާ ފުއް ބަސްތާއެއްގެ އަގު 263ރ. އަށް ބަދަލުވާނެ އެވެ.
މި ބަދަލާއެކު ހަނޑޫ ކިލޯއެއް ލިބެން ހުންނާނީ 6.76ރ. އަށެވެ. މިއީ ސަބްސީޑީ ކަނޑާލުމާއެކު ވިއްކި 7.96ރ. އާ އަޅާބަލާއިރު 1.2ރ. ހެޔޮ ވުމެކެވެ. އަދި ހަކުރު ކިލޯއެއް ވަކިން ވިއްކާނީ 6.8ރ. އަށެވެ. މިއީ މިހާރު ހަކުރު ކިލޯއެއް ވިއްކާ އަށް ރުފިޔާއާ އަޅާބަލާއިރު 1.2ރ. ހެޔޮވުމެވެ. އަދި ފުއް ކިލޯއެއް ވަކިން ވިއްކާނީ 5.26ރ. އަށެވެ. މިއީ މިހާރު ވިއްކާ ހަތަރު ރުފިޔާއާ އަޅާބަލާއިރު 1.26ރ. ހެޔޮވުމެކެވެ.
ޝަހީރު ވިދާޅުވީ މި އަގަށް ބަދަލު ގެނައި ނަމަވެސް ދުނިޔޭގެ ބާޒާރުގައި މި ބާވަތްތަކުގެ އަގުތައް ހުރީ އެއްވަރެއްގައި ހިފަހެއްޓިފައި ކަމަށެވެ. އަދި އަތޮޅުތަކުގައި ވިއްކާ ފަރާތްތަކަށް ލުއިތަކެއް ދެމުން ގެންދާކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"ތެލުގެ އަގު އިންޓަނޭޝަނަލް މާކެޓުގައި ހުރީ މައްޗަށް. ކާޑުގެ އަގުތައް ދައްކާ ގޮތުން ކުރިއަށް އޮތް ދެ އަހަރު ތެރޭގައި އެއްވަރެއްގައި ހުންނާނެ ކަމަށް ބެލެވެނީ،" ޝަހީރު ވިދާޅުވި އެވެ.
އެސްޓީއޯ އިން ބުނީ ކާޑުގެ އަގުތަކަށް ގެނައި މި ބަދަލާއެކު، ސާކް ރީޖަންގައި އެންމެ ހެޔޮކޮށް ކާޑު ވިއްކާ ގައުމަށް ވާނެ ކަމަށެވެ.