އަނގައިގެ ކެންސަރަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް އެސްޓީއޯ އާއި ކެންސަ ސޮސައިޓީ އޮފް މޯލްޑިވްސް ގުޅިގެން ފަށައިފި އެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ. މި ކެމްޕޭން އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު ވިދާޅުވީ ސިއްހަތަށް ގެއްލުންހުރި ބާވަތްތައް ރާއްޖެއެތެރެކުރުން މަދުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް އެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އަނގައިގެ ކެންސަރަކީ މިހާރު ރާއްޖޭގައި ވަރަށް ބޮޑަށް އިތުރުވަމުން އަންނަ ބައްޔެއް ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކެންސަ ސޮސައިޓީގެ ރައީސް ޖުވައިރިޔާ ސައީދު ވިދާޅުވީ މި ކެމްޕޭންގެ ދަށުން އަނގައިގެ ކެންސަރަށް އާންމުން ސްކްރީންކުރުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ. އެގޮތުން މާލޭގެ 10 ޑެންޓަލް ކްލިނިކަކުން އަނގައިގެ ކެންސަރަށް ހިލޭ ސްކްރީންކުރުމުގެ އިންތިޒާމް ހަމަޖައްސާނެ ކަމަށް ވިދާޅުވި އެވެ.
ޖުވައިރިޔާ އިތުރަށް ވިދާޅުވީ އަނގައިގެ ކެންސަރަށް އާންމުން ހޭލުންތެރިކުރުވުމަށް މާލޭގައިި އާއި އަތޮޅުތެރޭގައި ހާއްސަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދާނެ ކަމަށާއި މާލޭގެ ބައެއް ރެސްޓޯރަންޓްތަކާއި ކެފޭތަކުގައި އާއްމުން ހޭލުންތެރިކުމުގެ މެސެޖް ފެންނަ ގޮތަށް ހަރުކޮށްފައި ބަހައްޓާނެ ކަމަށެވެ.