ބަންކަރިންގެ ހިދުމަތް ލަގްޒަރީ އުޅަނދުފަހަރުގެ އިތުރުން ބޮޑެތި ފައިދާ ނެގޭނެ އުޅަނދުފަހަރަށް އަމާޒު ކުރައްވާނެ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ބައިނަލްއަގުވާމީ ބަންކަރިންގެ ހިދުމަތް ފެށުމަށް މިއަދު ހއ. ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތުގައި ޝިމާދު ވިދާޅުވީ އެސްޓީއޯ އިން ކުރާ ތެލުގެ ވިޔަފާރިއާއެކު އިންޓަނޭޝަނަލް ފިއުލް ބަންކަރިން ހިދުމަތަށް ނިކުންނަން އެ ކުންފުނިން ނިންމި ކަމަށެވެ.
އެކަމަށް ދައުވަތު ދިނުމުން އެންމެ ރަނގަޅު ހުށަހެޅުމެއް ލިބުނީ މި ދާއިރާގައި އެންމެ ރަނގަޅު އެއް ކުންފުނި ކަމުގައިވާ ވިޓޯލް ކަން ޝިމާދު ފާހަގަކުރެއްވި އެވެ.
ބަންކަރިންގެ ހިދުމަތް މިއަދު ފަށަނީ ޑީސަލްގެ އިތުރުން ބޮޑެތި އާގު ބޯޓުފަހަރަށް ބޭނުންވާ ވެރީ ލޯ ސަލްފާ ފިއުލް އޮއިލް (ވީއެލްއެސްއެފްއޯ) އާއެކު ކަމަށް ޝިމާދު ވިދާޅުވި އެވެ.
"ވިޓޯލް އާއި އެސްޓީއޯއާ ގުޅިގެން އަޅުގަނޑުމެން ބޭނުންވަނީ ރާއްޖެ ސަރަހައްދުން މިދާ ލަގްޒަރީ ވެސަލްތަކަށާއި ނީޝް މާކެޓް މާނައަކީ އަޅުގަނޑުމެންނަށް ބޮޑެތި ފައިދާ ލިބޭނެ ވެސަލްތަކަށް ޓާގެޓްކޮށް އެ ވެސަލްތަކަށް ސާވިސް ދިނުން،" ޝިމާދު ވިދާޅުވި އެވެ.
ޝިމާދު ވިދާޅުވި ގޮތުގައި ބަންކަރިންގެ ހިދުމަތް ފަށަނީ ޒީރޯ ވޯކިން ކެޕިޓަލްގަ އެވެ.
"އޭގެ މާނައަކީ އަޅުގަނޑުމެންނަށް ކާގޯ ފޯރުކޮށްދޭނީ ވިޓޯލުން. ކާގޯ ވިއްކުމަށްޓަކައި އަޅުގަނޑުމެންނަށް އެހީވެދޭނެ ވިޓޯލުން،" ޝިމާދު ވިދާޅުވި އެވެ.
ޝިމާދު ވިދާޅުވި ގޮތުގައި ވިޓޯލަށް ހޭދަކުރާނީ ކާގޯ ވިއްކައިގެން ލިބޭ ފައިސާއިންނެވެ.
އޮފް-ޝޯ (ކަނޑުމަތީގައި އުޅަނދެއް ބާއްވައިގެން) ބަންކަރިންގެ ހިދުމަތް ދިނުމަކީ ދާއިމީ ހައްލެއް ނޫންކަން ފާހަގަކުރައްވާ ޝިމާދު ވިދާޅުވީ ދާއިމީ ހައްލެއް ލިބޭނީ ބިން ހިއްކާ އެތަނުގައި ފިއުލް ފާމްތަކާއި ޕޯޓު ގާއިމުކޮށް ހިދުމަތް ދެވިގެން ކަމަށެވެ.