އެސްޓީއޯއާއި ސަރުކާރުގެ އަމާޒަކީ ދިވެހިރާއްޖެ އޮންނަ ސަރަހައްދުގެ ފައިދާ ރާއްޖޭގެ ރައްޔިތުންނަށް ވީހާވެސް ބޮޑަކަށް ހޯދައިދިނުން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ހއ. އުލިގަމުގައި މެރިޓަިއިމް ހިދުމަތްތައް ދިނުމަށް އައިއެސްޕީއެސް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝިމާދު ވިދާޅުވީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮންނަ އަށް ޑިގްރީ ޗެނަލަކީ ބައިނަލްއަގުވާމީ ވިޔަފާރީގެ ގޮތުން މުހިއްމު ޗެނަލެއް ކަމަށެވެ.
ޝިމާދު ވިދާޅުވީ އެ ޗެނަލުން ކޮންމެ ދުވަހަކު 200 އެއްހާ އާގުބޯޓު ދަތުރުކުރާ ކަމަށާއި މެރިޓައިމް ދާއިރާއިން އެ ޗެނަލްގައި ދަތުރުކުރާ ބޯޓުތަކުގެ ސަބަބުން ލިބޭ ފައިދާ ރައްޔިތުންނަށް ހޯދައިދިނުމަކީ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ.
ޝިމާދު ވަނީ ބޭރު ފައިސާ ހޯދުމުގައި ފަތުރުވެރިކަމުގެ ސިނާއަތަށް އެކަނި ބަރޯސާވުން ހުއްޓާލުމަށް ސަރުކާރުން ކުރަން ފަށާފައިވާ މަސައްކަތްތައް ފާހަގަކުރާއްވާފަ އެވެ.
ޖީޑީޕީއާއި ބޭރު ފައިސާ އިތުރުކުރުމަށް ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ކުރަމުންދާއިރު ބަންކަރިންގެ ހިދުމަތް ފެށުމާއެކު ގިނަ ފައިދާތަކެއް ލިބޭނެ ކަމަށްވެސް ވިދާޅުވި އެވެ. އެގޮތުން އެއް އަހަރުގެ ތެރޭގައި ޖީޑީޕީއަށް 400 މިލިއަން ޑޮލަރު އިތުރުވެގެންދާނެ ކަމަށް ސަރުކާރުން އަންދާޒާކުރެ އެވެ.
އެސްޓީއޯއިން މީގެ ކުރިން ބުނީ މިހާރު ވެސް ބަންކަރިންގެ ހިދުމަތަށް ބުކިންތައް ލިބެމުންދާ ކަމަށެވެ. އަދި ހިދުމަތް ފަށާ، އިތުބާރު ހުރި ހިދުމަތަކަށް ހެދުމުން މާކެޓް ފުޅާވާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.