މީރާ

ކުދި ވިޔަފާރިތަކުގެ ޖޫރިމަނާ މާފުކޮށްދިނުމުން މަޓާޓޯ މީރާއަށް މަރުހަބާ ކިޔައިފި

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އަތުން ނަގަމުން އަންނަ ޓެކުހާގުޅޭ ޖޫރިމަނާތައް މާފުކޮށްދިނުމާއި ގުޅިގެން މަޓާޓޯ އިން މީރާ އަށް މަރުހަބާ ކިޔައިފި އެވެ.

މީރާ އަށް މަރުހަބާ ކިޔައި މަޓާޓޯ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މީރާއިން އެޅި ފިޔަވަޅުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފުރުސަތުތައް ފަހިވެގެން ދާނެ ކަމަށެވެ. މީގެ އިތުރުން މަޓާޓޯގެ ގިނަ މެމްބަރުންނަކީ ވެސް ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ސިނާއަތުގައި ހިމެނޭ ބައެއް ކަމަށާއި، މީރާގެ މާފާއެކު އެ ފަރާތްތަކަށް ވެސް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.

މަޓާޓޯ އިން ބުނީ، އޭގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރާ ފަރާތްތަކަށް، ހާއްސަ ކޮށް ދަތުރުފަތުރުގެ ސިނާއަތުގައި ވިޔަފާރި ކުރާ ފަރާތްތަކަށް އެ ފަރާތްތަކުގެ ވިޔަފާރިތައް އަލުން ކޮޅަށް ނަގައި، އިތުރަށް ފުޅާ ކުރަން ހިތްވަރު ލިބޭނެ ކަމަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަކީ، ގައުމުގެ އިގްތިސޯދު ދަމެހެއްޓުމުގައި މުހިންމު ރޯލެއް އަދާ ކުރާ ބަޔަކަށް ވާއިރު، ޓެކުހުގެ ޖޫރިމަނާތައް މާފުކޮށްދިނުން އެއީ މުޅި ގައުމަށް ވެސް ގިނަ ފައިދާތަކެއް ކުރާނެ ކަމެއް ކަމަށެވެ.

މީރާ އިން ވަނީ، 10 މިލިއަނަށްވުރެ މަދުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ދައްކަން ޖެހޭ ހުރިހާ ޖޫރިމަނާ އެއް މާފު ކޮށްދިނުމަށް އުސޫލުތަކެއް ކަނޑައަޅާފަ އެވެ. އެ އުސޫލުގެ ދަށުން ބީޕީޓީ އަދި ޖީއެސްޓީއާ ގުޅިގެން ކުދި ވިޔަފާރިތަކުގެ ޖޫރިމަނާ އެކީ މާފުކުރާނެ ކަމަށް ވެސް މީރާ އިން ވަނީ ބުނެފަ އެވެ.

ޖޫރިމަނާ މާފުކުރުމަށް ބޭނުންވާ ވިޔަފާރިތަކުން އަންނަ ޖޫން މަހުގެ 30 ގެ ކުރިން އެކަމަށް އެދި މީރާއަށް ހުށަހަޅަން ޖެހެ އެވެ. އެކަމަށް އެދި ހުށަހަޅަން ޖެހެނީ މީރާގެ 910 ފޯމު މެދުވެރިކޮށެވެ.