ރާއްޖެއިން ބޭރު ގައުމުތަކަށް ކަނޑައަޅުއްވާފައިވާ ސަފީރުންގެ މަހާސިންތާ މިއަދު ނިންމާލައިފި އެވެ.
ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ މަހާސިންތާ ނިންމާލުމަށްފަހު ނޫސްވެރިންނާއި ބައްދަލުކުރައްވައި ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް މިއަދު ވިދާޅުވީ މި މަހާސިންތާގައި ސަރުކާރުގެ ތަފާތު ދާއިރާތަކުން ހާރިޖީއާއި އޮންނަ ގުޅުން ވަރުގަދަކޮށް އިތުރަށް ހަރުދަނާ ކުރުމާއެކު ބޭރުގެ ފަރާތް ތަކަށް ފޯރުކޮށްދޭން ޖެހޭ މައުލޫމާތުތައް ފޯރުކޮށް ދީ ބައިނަލް އަގުވާމީ ދުނިޔޭގައި ދިމާވާ ގޮންޖެހުންތަކަށް ތައްޔާރުވުމަށް ކުރެވިދާނެ ކަންކަން ކުރަން ނިންމި ކަމަށެވެ.
މަހާސިންތާ ނިންމާލީ ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރަން ސަފީރުންނަށް އަދާ ކުރެވިދާނެ މަސައްކަތްތަކާއި ރާއްޖޭގައި ހުރި އިންވެސްޓްމެންޓްގެ ފުރުސަތުތަކާބެހޭ ގޮތުން ބޭރުގެ އިންވެސްޓަރުންނަށް މައުލޫމާތު ހިއްސާ ކުރެވިދާނެ ގޮތްތަކާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރުމަށް ފަހު އެވެ.
މީގެ އިތުރުން ޓޫރިޒަމް ފުޅާކޮށް ތަރައްގީ ކުރުމަށާއި އެކި ގައުމުތަކުން ރާއްޖެ އަންނަ ޓޫރިސްޓުން އިތުރު ކުރުމަށް ސަފީރުންނަށް ކުރެވިދާނެ ކަންތައްތަކާއި ސަފީރުންގެ އޮފީސްތަކުން އެކަންކަން ބައްޓަން ކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުން ވެސް މަޝްވަރާ ކުރި އެވެ.