ރިޕޯޓް

ވިހަލަގޮނޑިއާބެހޭ ގޮތުން ކުރިން ނޭނގޭ ކަންކަން

ވިހަލަގޮނޑި އަކީ ފަތްޕިލާވެލީގެ ތެރޭގައި ހިމެނޭ ވެލެކެވެ. މި ވެލަކީ ގޮނޑި ފައިބާ ވެލެކެވެ. މި ވެލުގައި އަޑިއަށް ފައިބާފައި ހުންނަ ގޮނޑިއަށް ކިޔާ އުޅެނީ ވިހަލަގޮނޑި އެވެ. މި ގޮނޑިއަކީ ދިވެހިން ވަރަށް ކުރިއްސުރެ ވެސް ކެއުމަށް ބޭނުން ކުރާ ގޮވާމުގެ ބާވަތެކެވެ. ރާއްޖެ އަށް ފުށް ތައާރަފް ކުރުމުގެ ކުރިން ދިވެހިން ވިހަލަގޮނޑި މުގުރައި ހިމުން ކޮށްގެން ފުށުގެ ގޮތުގައި ބޭނުންކުރި އެވެ. ކުރީގައި ދިވެހިން ވިހަލަގޮނޑި ބޭނުން ކޮށްގެން ވަރަށް ގިނަ ކާ އެއްޗެހިވެސް ތައްޔާރު ކުރިއެވެ.

ދިވެހިން ކުރީގައި ވިހަލަގޮނޑި ބޭނުން ކުރި ގޮތަށް ކުޑަކޮށް އަލިއަޅުވާލާނަމެވެ. ވިހަލަގޮނޑި ކޮނެގެން ނަގައިގެން އެ މެށުމަށްފަހު ވަނަށް އަޅައިގެން ހިމުން ކުރަނީ އެވެ. ހިމުން ކުރުމަށްފަހު ފެންގަނޑަށް އަޅައިގެން ދުވާލަކު ހަ ފަހަރު ނޫނީ ހަތްފަހަރު މިގޮތަށް ފެން ބަދަލު ކުރެއެވެ. މިގޮތަށް ވިހަ ފިލަންދެން ހަ ދުވަސް ނޫނީ ހަތް ދުވަސް ވަންދެން ފެން ބަދަލުކޮށް ވިހަލަގޮނޑި ފުރާނަ އެވެ. ވިހަ ފިލުމުން އެއިން ތަފާތު ވައްތަރުގެ ކާ އެއްޗެހި އަދި ބޯ އެއްޗެހި ވެސް ތައްޔާރުކޮށް އުޅެއެވެ. ވިހަލަގޮނޑި އާއި ހިތްތަލަ ފުށް އެއްކޮށްގެން ބައެއް ކަހަަލަ ކާ އެއްޗެހި ތައްޔާރުކޮށް ވެސް އުޅެއެވެ.

ފަހަކަށް އައިސް ދިވެހިން ވިހަލަގޮނޑީގެ ވިހަ ފިލުވުމަށް ތަފާތު ގޮތްތަށް ބޭނުން ކުރިއެވެ. އެގޮތުން އެންމެ އާންމުކޮށް ވިހަފިލުވަން ހަދާ ގޮތަކީ ވިހަލަގޮނޑި މެށުމަށްފަހު ފެނަށް ލުމަށްފަހު އެއަށް އުވަ އަޅައިގެން ވިހަ ފިލަންދެން ކައްކަނީ އެވެ. މިގޮތަށް ކަންތައް ކުރުމުން ވިހަ ފިލާ ކަމަށް ވެއެވެ.

ވިހަލަގޮނޑި ވެލަކީ ވަރަށް ވެސް ވިހަގަދަ ވެލަކަށްވާއިރު މި ވެލުގެ ހުރިހާ ބައެއްގައި ވެސް ވިހަ އެކުލެވިގެން ވެއެވެ. މި ވެލުގެ އެންމެ ވިހަ ގަދަ ބަޔަކީ އަޑިއަށް ފައިބާފައި ހުންނަ ވިހަލަގޮނޑި އެވެ. ވިހަލަގޮނޑީގެ ވިހަ ރަނގަޅަށް ނުފިލުވާ ކައިފިނަމަ މީހާގެ ފުރާނައަށް ވެސް ގެއްލުން ވެދާނެ އެވެ. މީގެ ވިހަ އަކީ ވަރަށް ބާރުގަދަ ވިހަ އެކެވެ. ވިހަވުމުގެ އަލާމަތްތަކުގެ ތެރޭގައި ގިނައިން ފަހަނާއަށް ދެވުމާއި ހުއްޓުމެއްނެތި ހޮޑު ލެވުމުގެ އިތުރުން ކަރުހިތްކައި ވަރުދެރަވުން ވެސް ހިމެނެ އެވެ.

ވިހަލަގޮނޑި ވެލަކީ ވަރަށްގިނަ ބަލިތަކުގެ ފަރުވާ އަށް ބޭނުންކުރި ބޭހެކެވެ. އެގޮތުން ބޭރުގެ ބައެއް ގައުމުތަކުގައި ވިހަލަގޮނޑި، ކަނޑައިގެންދާ ތަންތަނުގައި އެޅުމަށްވެސް ބޭނުން ކުރެ އެވެ. އަދި ހަރުފައި ވިހަލައިފި ނަމަ އެކަމަށް ފަރުވާ ކުރުމަށްވެސް ވިހަލަގޮނޑި ބޭނުން ކުރެއެވެ. އަދި މީގެ އިތުރުން ކެންސަރާއި ކިޑްނީގެ ބަލިތަކަށް ވިހަލަގޮނޑި ބޭހުގެ ގޮތުގައި ބޭނުން ކުރެއެވެ.

ވިހަލަގޮނޑި ވެލުގެ މަލަކީ ދިވެހި އަންހެން ކުދިން ވަރަށް ކަމުދާ އަދި ގަޔާވާ މަލެކެވެ. މި މަލަށް ޖިންނި މާ ވެސް ކިޔާ އުޅެއެވެ. ބައެއް އަންހެން ކުދިން މި މާ ކަންފަތް ބުޑުގައި ހަރުކޮށްގެން ޒީނަތްތެރި ވުމަށް ވެސް ބޭނުން ކުރެއެވެ. ނަމަވެސް މި މަލުގެ ވިހަގަދަކަން އެނގޭ ހެއްޔެވެ! މި މަލުގައި ވަރަށް ވެސް ވިހަގަދަ މާއްދާއެއް އެކުލެވިގެން ވެއެވެ. މި މާއްދާ ހަށިގަނޑަށް އެތެރެ ވެއްޖެނަމަ ހޭނެތުންވެސް އެކަށީގެން ވެއެވެ. މި މާ ގެންގުޅޭ އިރު ވިސްނާލުން މުހިންމެވެ.