ސިވިލް ސާވަންޓުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން ހަނިކޮށް ސިވިލް ސާވިސްގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ރައީސް އަބްދުﷲ ޔާމީން މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ސިވިލް ސާވިސްގެ ގާނޫނަށް އިސްލާހު ގެނެސް މަޖިލީހުން ފާސްކޮށް ރައީސް މިއަދު ތަސްދީގު ކުރެއްވި އިސްލާހުގައިވަނީ މަސައްކަތުގެ ރަސްމީ ގަޑީގައި ނުވަތަ ރަސްމީ ގަޑީގެ ބޭރުން ވެސް ރަސްމީ މަސައްކަތުގައި އުޅޭ އެއްވެސް ވަގުތެއްގައި ސިޔާސީ އެއްވެސް ހަރަކާތެއްގައި ސިވިލް ސާވިސް މުވައްޒަފުން ބައިވެރިވެގެން ނުވާނެ ކަމަށެވެ. އަދި މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރާއިރު ވަކި ފަރާތަކަށް ޖެހިފައިވާކަން ދޭހަވާ ގޮތަށް އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުން ވެސް އެ އިސްލާހުގައި ވަނީ މަނާކޮށްފަ އެވެ.
މީގެ އިތުރުން ސިވިލް ސާވިސްގެ މުވައްޒަފެއްގެ ގޮތުގައި ހުންނައިރު ސިޔާސީ ޕާޓީއެއްގެ މަގާމުތަކުގެ ތެރެއިން ގާނޫނަކުން ނުވަތަ ގަވާއިދަކުން މަނާކުރާ ހުއްދަ ނުކުރާ މަގާމެއް އަދާ ކުރުމަކީ ވެސް މަނާ ކަމެއް ކަމަށް މިއަދު ތަސްދީގުކޮށް، ގާނޫނަކަށްވެފައިވާ އެ އިސްލާހުގައިވެ އެވެ.
ރައީސް މިއަދު ތަސްދީގު ކުރެއްވި އެ ބިލާ އެކު ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން ސިވިލް ސާވަންޓުންނަށް ވަރަށް ބޮޑަށް ހަނިވެގެން ގޮސްފައިވާއިރު މީގެކުރިން ހައި ކޯޓާއި ސުޕްރީމް ކޯޓުން ނިންމާފައިވަނީ ސިޔާސީ ހަރަކާތްތަކުގައި ސިވިލް ސާވަންޓުން ބައިވެރިވުން މަނާ ކުރުމަކީ ގާނޫނު އަސާސީއާ ޚިލާފް ކަމެއް ކަމަށެވެ. އެގޮތަށް އެ ދެ ކޯޓުން ނިންމާފައިވަނީ މިހާރުގެ ހޯމް މިނިސްޓަރު ނައިބު މުހައްމަދު ހާނިމް ސިޔާސީ ހަރަކާތެއްގައި ބައިވެރިވެގެން އޭނާގެ މަގާމު ދަށްކުރި މައްސަލައިގަ އެވެ.
ހާނިމްގެ މަގާމު އޭރު ދަށްކޮށްފައިވަނީ ސިވިލް ސާވިސް މުވައްޒަފެއްގެ ގޮތުގައި ހުރެ 2008 ގެ ރިޔާސީ އިންތިޚާބުގައި އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ކެމްޕެއިންގައި ބައިވެރިވި މައްސަލައިގަ އެވެ. އެ މައްސަލަ ހާނިމްގެ ފަރާތުން ކޯޓަށް ހުށަހެޅުމުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް ނިންމީ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން ސިވިލް ސާވަންޓުންނަށް މަނާ ނުކުރެވޭނެ ކަމަށާއި އެއީ ގާނޫނު އަސާސީއާ ޚިލާފް ކަމެއް ކަމަށެވެ.