ޓެކްނޮލޮޖީއާ އެކު ތަރައްގީވެފައިވާ މި ޒަމާނުގައި ގިނަ ވަޒީފާ ތަކަކީ ޓައީ އަޅައިގެން އޮފީހަށް ގޮސް ކޮމްޕިއުޓަރު ސްކްރީން ކުރިމަތީ އެތައް ގަޑިއިރެއް ހޭދަކުރަން ޖެހޭ ވަޒީފާތަކެވެ. އިންޓަނެޓު މެދުވެރިކޮށް ދުނިޔޭގެ ހުރިހާ ހިސާބެއް ގުޅާލާފައިވާއިރު ވަޒީފާއި އެތައް ގަޑިއިރެއް ކޮމްޕިއުޓަރު ނުވަަތަ ލެޕްޓޮޕް ސްކްރީން ކުރިމަތީ ހޭދަކުރަން ޖެހެ އެވެ.
މިއީ ސިއްހަތަށް ކިހާ ގެއްލުމެއް ހުރި ކަމެއްކަން އެންމެނަށްވެސް އެނގެ އެވެ. ނަމަވެސް ޖިސްމާނީ ގޮތުން މި ގެއްލުން ފެންނަން ނޯންނާތީ އެއްވެސް މީހަކު އެހާ ބޮޑު ސަމާލުކަމެއް ނުދެ އެވެ. އޮފީހުގައި އަށް ގަޑިއިރު ކޮމްޕިއުޓަރު ކުރިމަތީ އިނުމަށްފަހު ގެއަށް އައިސް ދެން އޮންނާނީ ފޯނާ ކުޅޭވެ.
މީގެ ސަބަބުން ނަފްސާނީ ގޮތުން ލިބޭ ގެއްލުންތައް ޖިސްމާނީ އަނިޔާތަކަށް ބަދަލުވެ އެވެ. ނަމަވެސް މިކަމަށް އެތައް ދުވަހެއް ނަގާފާނެ އެވެ. ގިނަ ވަގުތު ވަޒީފާގެ ސަބަބުން ކޮމްޕިއުޓަރު ދޮށުގައި ހޭދަ ކުރާ މީހުންނަސް ސިއްހަތަށް ލިބޭ ގެއްލުންތައް ކުޑަކުރަން ގިނަ ކަންތައްތަކެއް ކުރަން ޖެހެ އެވެ. އެންމެ ފުރަތަމަ ކަމަކަށް އޮފީހުގައި ހޭދަ ކުރަންޖެހޭ އަށް ގަޑިއިރު ހަމަވަންދެން އިންތަނުން ނުތެދުވެ އިނުމުގެ ބަދަލުގައި ދޭތެރެއަކުން ގޮނޑިން ތެދުވެލާ ހިނގާލާ ހަދާލާށެވެ. ތެދުވެ ހަށިގަނޑު ސްޓްރެޗް ކޮށްލާ ހަދާލަންވެސް ވާނެ އެވެ. ނޫން ނަމަ ހުޅުތަކުގައި ރިއްސަން ފަށާނެ އެވެ.
މި ގޮތަށް ދެތިން ފަހަރަކު ގޮނޑިން ތެދުވެ ހިނގާލާ ހަށިގަނޑު ސްޓްރެޗް ކޮށްލައިގެން ވެސް އަދި ސަލާމަތް ވެވޭކަށް ނެތެވެ. ސިއްހީ މާހިރުން ބުނަނީ ކަސްރަތު ކުރުމަކީ "މަސްޓެ" އް ކަމަށެވެ. ދުވަން ގޮސްލުން، ނުވަތަ ބައިސްކަލު ދުއްވާލުން ކަހަލަ ކަސްރަތުތައް ކޮށްލުން ކޮންމެ ދުވަހެއްގެ ޝެޑިއުލްގައި ވެސް ހިމަނާށެވެ. އެއީ ސިކުނޑި ތާޒާކޮށްލާ މީހާ އިތުރަށް މަސައްކަތަށް މޯޓިވޭޓް ކޮށްލާބެ ކަމަކަށްވެސް ވާނެ ކަމެކެވެ.
މާ ގިނައިރ ކޮމްޕިއުޓަރު ދޮށުގައި އިނދެ އަބަދު އެއްގޮތަކަށް މައުސް އިން ކްލިކް ކޮށްލަ އިންނަ ކަމަށްވާނަމަ އިނގިލި ތަކުގެ ނާރުތަކަށް ކާޕަލް ޓަނަލް ސިންޑްރޯމް އޭ ކިޔާ ބައްޔެއް ޖެހުމުގެ ފުރުސަތު ބޮޑުވެ އެވެ. މިއީ އިނގިލިތަކުގެ ނާރުަތަކަށް ދިމާވާ މައްސަލައަކުން ޖެހޭ ބައްޔެކެވެ. އެހެން ކަމުން އިނގިލިތަކަށްވެސް ކަސްރަތު ދީ އެއްވެސް ކަހަލަ މައްސަލައެއް އުޅޭހެން ހީވާނަމަ ލަސްނުކޮށް ފަރުވާ ކުރަންވާނެ އެވެ.
ދެން އޮތީ ކެއުމުގެ ވާހަކަ އެވެ. އެންމެ ރަނގަޅު ބެލެންސް ޑައިޓެއް ގެންގުޅުން މުހިންމެވެ. ގިނަ ވަގުތު އެއްތަނެއްގަިއ އަބަދު އިނދެ ލުއި ކާނާ އާ ދިމާލަށް މިސްރާބު ޖެހިއްޖެ ނަމަ ބަރުދަން އިތުރުވުމުގެ ބިރުވެރިކަމާއި ކުރިމަތިލާން ޖެހެ އެވެ. އަދި ހަކުރާއި ލޭގެ ޕްރެޝަރު މަތިވެ ހިތުގެ މައްސަލަތައްވެސް ޖެހިދެ އެވެ.
ބަރާބަރަށް ނިދި ހަމަކުރުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. ސިކުނޑިއަށް ބޭނުންވާ ވަރަށް އެއަށް އަރާމު ކުރަން ޖެހޭނެ އެވެ. ނިދުމުގެ ރަނގަޅު ޕެޓާން އެއް ގެންގުޅެންވާނ ެއެވެ. އެއް ގަޑިއެއްގައި ނިދާފައި އަބަދުވެސް އެއް ގަޑިއެއްގައި ހޭލަން އާދަކުރާށެވެ.