ދުނިޔެ

ނަތަންޔާހޫ ޖަރުމަނުގެ ފޮރިން މިނިސްޓަރާ ވާހަކައެއް ނުދެއްކި

Apr 26, 2017
1

ފަލަސްތީނުމީހުންނާ މެދު އިޒްރޭލުން އަމަލުކުރާ ގޮތަށް ފާޑުކިޔާ ޖަމާއަތްތަތަކާ ބައްދަލުކުރައްވަން ނިންމަވާފައި ވާތީ ޖަރުމަނުގެ ފޮރިން މިނިސްޓަރާ މަޝްވަރާ ކުރައްވަން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދެކޮޅު ހައްދަވައިފި އެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކާ ބައްދަލުކުރައްވަން ޖަރުމަނުގެ ފޮރިން މިނިސްޓަރު ސިގްމާރް ގަބްރިއެލްއާ އެކު ވާހަކަތައް ބާއްވަވަން ނަތަންޔާހޫ އިންކާރުކުރެއްވުމުން ޖަރުމަނާ އިޒްރޭލާއި ދެމެދު ކުރިއްސުރެ އޮތް ހިޔާލުތަފާތުވުން އިތުރަށް ބޮޑުވާނެ ކަމަށް ވަނީ ބެލެވިފައެވެ. ފަލަސްތީނުމީހުންގެ ދައުލަތެއް އުފައްދަން މަަސައްކަތްކުރާ ބިންތަކުގައި އިޒްރޭލުން ޔަހޫދީންނަށް ގެއަޅައިދޭތީ ޖަރުމަނުން އަންނަނީ އިޒްރޭލަށް ވަރަށް ބޮޑަށް ފާޑުކިއަމުންނެވެ.

"އަހަރެންގެ ސިޔާސަތު ސާފު. އެއީ އިޒްރޭލަށް ޒިޔާރަތްކޮށްފައި، އިޒްރޭލް ސިފައިނަށް ނުބައިބަސްބުނާ އަދި ހަނގުރާމައިގެ ކުށްވެރިންގެ ގޮތުގައި އެމީހުން ޝަރީއަތަށް ގެންދަން މަސައްކަތް ކުރާ ޖަމާއަތްތަކާ މުއާމަލާތު ކުރާ ޑިޕްލޮމޭޓުންނާ ބައްދަލުނުކުރުން،" ޖަރުމަނުގެ ފޮރިން މިނިސްޓަރާ ބައްދަލު ނުކުރައްވަން ނިންމެވުމާ ބެހޭ ގޮތުން ނަތަންޔާހޫ ވިދާޅުވި ކަމަށް ރޮއިޓާސްގެ ހަބަރުގައި ވެއެވެ.

ނަތަންޔާހޫ ވިދާޅުވެފައި ވަނީ އިޒްރޭލާއިގެން އޭނާ ކުރިއަށް ވަޑައިގަންނަވަނީ ފަޚުރުވެރި ގައުމީ ސިޔާސަތެއްގައި ކަމަށާއި އިޒްރޭލުން މީހުންނަށް ބޯނުލަނބާނެ ކަމަށެވެ. ނަމަވެސް ޖަރުމަނާ އިޒްރޭލާ ދެމެދު އޮންނަ ގުޅުން މުހިއްމު ކަމަށާއި އެގުޅުން ވަރުގަދަކޮށް އޮންނާނެ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

ނަތަންޔާހޫގެ ނިންމެވުމާ ބެހޭ ގޮތުން، ރިޕޯޓަރުންނާ ވާހަކަދައްކަވަމުން ގަބްރިއެލް ވިދާޅުވެފައި ވަނީ އެއީ ރަނގަޅު ކަމެއް ނޫން ކަމަށާއި އެހެން ނަމަވެސް އިޒްރޭލާ ޖަރުމަނާ އޮންނަ ޑިޕްލޮމެޓިކް ގުޅުން އެކަމުގެ ސަބަބުން ކެނޑިގެން ނުދާނެ ކަމަށެވެ.