ލައިފްސްޓައިލް

ދޮވުނަސް ހެދުންތަކުން ނުބައިވަސް ދުވާ، އެކީއްވެ؟

Apr 27, 2017

މިއީ މަދުން ނަމަވެސް ބައެއް ފަހަރު ދިމާވާ މައްސަލަ އެކެވެ. ހެދުންތަކުން ފާޑެއްގެ ވަހެއް ދުވުމެވެ. އެއީ ދޮވުމަށް ފަހުގައިވެސް ދުވަ އެވެ. ދޮވެ ނިންމާފަހުން ހެދުންތަކުން ނުބައިވަސް ދުވާނަމަ އެއީ އޭގައި އަދިވެސް ބެކްޓީރިއާ ހުރި ކަމުގެ ނިޝާނެކެވެ. އެކަން ހައްލު ކުރާނީ ކިހިނެއް ހެއްޔެވެ؟

އެންމެ ފުރަތަމަ ކަމަކަށް ކޮންމެ ދުވަހަކުވެސް ހަޑިވާ ހުރިހާ ހެދުންތައް ތި އަޅަނީ އެކަމަށް ހާއްސަކޮށްގެން ބަހައްޓާފައި ހުންނަ ވަށިގަނޑަށެވެ. ބުރަ ދިރިއުޅުމެއް އުޅެން ޖެހުމުގެ ސަބަބުން އެ ހެދުންތައް ދޮންނަން މާގިނަ ވަގުތެއް ނުލިބެ އެވެ. އެހެން ކަމުން އެތައް ދުވަހެއް ވަންދެން އެ ހެދުންތައް ވަށިގަނޑުގައި ހުރެ އެވެ. އެއްޗެހި ދޮންނަން ވަގުތެއް ހުސްކޮށްލެވެނީ ހުރިހާ ހެދުމެއް ހަޑިވީމަ އެވެ. ހެދުންތަކުން ނުބައިވަސް ދުވާ އެއް ސަބަބަކީ އެއީ އެވެ.

މާ ގިނަ ދުވަސްވަންދެން ހެދުންތައް ނުދޮވެ ބެހެއްޓެ އެވެ. ކޮންމެ ދުވަހަކުވެސް އެ ވަށިގަނޑަށް ހެދުން އިތުރުވެ ބެކްޓީރިއާތައް އިތުރުވެ އެވެ. އެހެން ކަމުން އެހާ ދުވަސް ވަންދެން ހެދުން ނުދޮވެ ނުބަހައްޓާށެވެ. ހާއްސަކޮށް ޗަކަ ކަހަލަ އެއްޗެހި އުނގުޅިފައި ހުންނަ ހެދުމެވެ. އަދި އެ ހެދުންތައް ދޮންނަ އިރުވެސް އެހެން ހެދުންތަކާއި ވަކިން ދޮންނާށެވެ.

ދެވަނަ ކަމަކަށް އެއްޗެހި ދޮންނަ ވަގުތު ބަދަލުކުރާށެވެ. އޮފީހުން އައިސް މެންދުރު ފަހު ނުވަތަ ރޭގަނޑު އެއްޗެހި ދޮންނަ އާދަ ދޫކޮށްލާށެވެ. ހެނދުނު އެއްޗެހި ދޮވެ އިރުގެ އަލިން އެއްޗެހި ހިއްކާށެވެ. އެއީ ހެދުމުގައި ހުންނަ ބެކްޓީރިއާތައް މަރާލާނެ ކަމެކެވެ. ކޮންމެ ގަޑިއަކު އެއްޗެހި ދޮވުނަސް އަވިން އެއްޗެހި ހިއްކުމަކީ މާލޭގައި ފަސޭހަ ކަމަކަށް ނުވެދާނެ އެވެ. އެހެން ކަމުން ކުޑަ ދޮރެއްގެ ކައިރީގައި އެއްޗެހި ހިއްކަން އެޅިދާނެ އެވެ. އެއީ ޖައްވުގެ ވައި ލިބި އިރުގެ އަވިވެސް ލިބޭނެތީ އެވެ.

އެއްޗެހި ދޮވުމަށްފަހު އަވަހަށް އެއްޗެހި ހިއްކަން އަޅަންވެސް ވާނެ އެވެ. މެޝެނުން ހިއްކުމަށްފަހު ގިނަ އިރު މެޝިނުގައި އެއްޗެހި ބެހެއްޓުމަކީ ވެސް ހެދުންތަކުން ނުބައިވަސް ދުވާނެ ކަމެކެވެ.

ވަކިވަކިން އެއްޗެހި ދޮވުމަކީވެސް އެއްޗެހިން ނުބައިވަސް ދުވުން ހުއްޓުވަން ކުރެވިދާނެ ކަމެކެވެ. ޖީންސް ފަދަ އެއްޗެއްސާއެކު ހެދުންތައް ނުދޮންނާށެވެ. އެއީ ތަފާތު ދެ ސްޕީޑެއްގައި ދޮންނަން ޖެހޭ އެއްޗެއްސަށްވީމަ އެވެ. ބަދިގޭގައި ބޭނުންކުރާ އެއްޗެހިވެސް ލާ ހެދުންތަކާއި ވަކިން ދޮންނާށެވެ. އަދި ހާއްސަކޮށް ކުޑަ ދަރިފުޅުގެ ހެދުންތައް ވަކިން ދޮންނާށެވެ.

ހެދުންތައް ދޮންނަން ބޭނުންކުރާ އޯމޯކީވެސް ހެދުންތަކުން މީރުވަސް ނުދުވަން މެދުވެރިވާ ސަބަބެކެވެ. އެހެން ކަމުން ވީހާވެސް ކޮލިޓީ އަދި މީރުވަސް ބްރޭންޑެއްގެ އޯމޯއެއް ބޭނުން ކުރާށެވެ.