ލައިފްސްޓައިލް

އިންހޭލާ ބޭނުން ކުރުން ރައްކާތެރިތަ؟

Apr 27, 2017

އިންހޭލާއަކީ ނޭވާ ހިއްލާ މީހުންގެ އަތްމަތީ ފަރުވާ އެވެ. އާންމު ގޮތެއްގައި ނޭވާ ހިއްލާ އެންމެންވެސް ބޭނުންކުރާ އެއްޗެކެވެ. ނަމަވެސް އިންހޭލާގައި ހިމެނޭ ކޯޓިކޮސްޓީރޮއިޑްސް (އައިސީއެސް) ކިޔާ މާއްދާއަކުން ނޭވާ ހިއްލާ މީހުންނަށް ނިއުމޯނިއާ ޖެހުމުގެ ފުރުސަތު ބޮޑުކޮށްދޭ ކަމަށް ފަހުގެ ދިރާސާއަކުން މިވަނީ ދައްކާފަ އެވެ.

ބްރިޓިޝް ޖާނަލް އޮފް ކްލިނިކަލް ފާމަކޮލޮޖީގައި ދާދިފަހުން ޝާއިއުކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވަނީ ނޭވާ ހިއްލާ 152،412 ޕޭޝަންޓުން ބޭނުންކޮށްގެން ހަދާފައިވާ އެ ދިރާސާއިން ދެއްކި ގޮތުގައި ނިއުމޯނިއާ އަށް ޝައްކު ކުރެވިގެން 83 ޕަސަންޓު ޕޭޝަންޓުން ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮސް ފަރުވާ ދީފައިވާ ކަމަށެވެ. މި ދިރާސާގައި ބައިވެރިކުރި ހުރިހާ ޕޭޝަންޓުންނަކީ ވެސް ނޭވާ ހިއްލާތީ އިންހޭލާ ބޭނުންކުރާ ޕޭޝަންޓުންނެވެ.

ދިރާސާއިން ދައްކާ ގޮތުގައި އިންހޭލާ ބޭނުން ކުރުމުގެ ސަބަބުން ނިއުމޯނިއާ ޖެހުމުގެ ފުރުސަތު ބޮޑީ ފުއްޕާމޭގެ ބައްޔެއް ކަމަށްވާ ކްރޮނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިޒީޒް ޖެހިފައިވާ މީހުންނަށެވެ. އެ ބައްޔަކީ އައިސީއެސް އިން ފަރުވާ ކުރާ ބައްޔެކެވެ.

އައިސީއެސްގެ ސަަބަބުން ނިއުމޯނިއާ ޖެހެން މެދުވެރިވާ ސަބަބު އަދި މިހާތަނަށް ހޯދިފައެއް ނުވެ އެވެ. އެހެން ނަމަވެސް ނޭވާ ހިއްލުމަށް އައިސީއެސް އަށް ވުރެ ރަނގަޅު ފަރުވާއެއް މިހާތަނަށް ހޯދިފައި ނުވާކަމަށްވެސް ސައިންސްވެރިން އަންނަނީ ބުނަމުންނެވެ. ނަމަވެސް އައިސީއެސް ބޭނުންކުުރުމުގެ ކުރިން އެއްވެސް ވަރަކަށް ނިއުމޯނިއާގެ އަލާމާތްތައް ފެނޭތޯ ބަލައި ޔަގީން ކުރުމަށް އިރުޝާދު ދެ އެވެ.

ނިއުމޯނިއާގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، މޭގައި ރިއްސުމާއި، ކެއްސުމާއި، ނޭވާލާން އުނދަގޫވުން ހިމެނެ އެވެ. އަދި ބައެއް ފަހަރު ގަދަޔަށް ކެއްސުމަކީވެސް ނިއުމޯނިއާގެ އަލާމާތެކެވެ.