ހަބަރު

އުރީދޫގެ ހިދުމަތްދޭ ސެންޓަރެއް ހުޅުމާލޭގައި ހުޅުވައިފި

އުރީދޫ މޯލްޑިވްސް އިން ހުޅުމާލޭގައި ކަސްޓަމަރުންނަށް ހިދުމަތް ދިނުމަށް ސެންޓަރެއް މިރޭ ހުޅުވައިފި އެވެ. މި ސެންޓަރު ހުޅުވާފައިވަނީ ހުޅުމާލޭގެ ނިރޮޅުމަގުގަ އެވެ.

އުރީދޫން ހުޅުމާލޭގައި ގާއިމު ކުރި "އުރީދޫ އެކްސްޕިރިއަންސް ސެންޓަރު" ހުޅުވައި ދެއްވާ ވާހަކަފުޅު ދައްކަވަމުން އުރީދޫގެ ސީއީއޯ ނަޖީބް ހާން ވިދާޅުވީ ހުޅުމާލެއަކީ ވަރަށް ބާރަށް އާބާދުވަމުން އަންނަ ރަށަކަށްވާީ އެ ރަށް ވެގެންދާނީ ރާއްޖޭގައި ޓެކޮނޮލޮޖީ ގޮތުން އެންމެ ކުރިއަރާ ސިޓީ ކަމަށެވެ. އެހެން ކަމުން އުރީދޫ މޯލްޑިވްސްގެ މައި ހަބަކަށް ހުޅުމާލެ ހެދުމަކީ އެ ކުންފުނީގެ އަމާޒެއް ކަމަށެވެ.

ނަޖީބް އިތުރަށް ވިދާޅުވީ މިރޭ މި ހުޅުވި ސެންޓަރުން އުރީދޫގެ ކަސްޓަމަރުންނަށް އާ ހިދުމަތްތަކެއް ތަޖުރީބާ ކޮށްލަން ލިބޭނެ ކަމަށާއި ކުރިއަށް އޮތްތަނުގައި ޓެކްނޮލޮޖީގެ ދާއިރާއިން އުރީދޫގެ އާ ހިދުމަތްތައް ވެސް ތަޖުރިބާ ކޮށްލަން ލިބޭނެ ކަމަށެވެ.

"މިއަދު މި ހުޅުވުނު ސެންޓަރަކީ ހުޅުމާލޭގައި އުޅޭ ކަސްޓަމަރުންނަށް ވަރަށް ގިނަ ހިދުމަތްތަކެއް ލިބޭނެ. ކުރިއަށް އޮތް ތަނުގައި އުރީދޫގެ ގިނަ ހިދުމަތްތަކެއް ފޯރުކޮށްދޭނެ ގިނަ ސެންޓަރު ތަކެއް ހުޅުމާލޭގައި ގާއިމް ކުރެވޭނެ،" ނަޖީބް ވިދާޅުވި އެވެ.