ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ފަރާތުން ދިވެހި ނިއުސް އޭޖެންސީ (ޑީއެންއޭ) ގެ ނަމުގައި ދިވެހި ދައުލަތުގެ ފުރަތަމަ ނިއުސް އެޖެންސީ ގާއިމުކޮށް މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.
ދިވެހި ރާއްޖޭގެ އަޑުގައި މިއަދު ބޭއްވި އެ ރަސްމިއްޔާތުގައި ޑީއެންއޭ އިފްތިތާހް ކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފު އުމަރެވެ. މިރަސްމިއްޔާތުގައި މިިނިސްޓަރު ވިދާޅުވީ ޕީއެސްއެމްގެ ފަރާތުން މިއަދު ގާއިމް ކުރި ނިއުސް އޭޖެންސީގެ ސަބަބުން ރާއްޖޭގެ މީޑިއާގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ވަރަށް ގިނަގުނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށާއި މި އޭޖެންސީގެ ސަބަބުން މީޑިއާގެ އިތުރުން ދިވެހި ރާއްޖެއަށް ރީތި ނަން ހޯދާ ދިނުމުަށާއި ބޭރުގެ ގައުމުތަކުގައި ރާއްޖޭގެ ތަސައްވުރު ރަނގަޅު ކުރުމަށް ވަރަށް ގިނަ މަސައްކަތް ތަކެއް ކުރެވިގެންދާނެ ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ނޫސްވެރިންނަކީ ގައުމުގެ ކަނކަމުގައި ވަރަށް ބޮޑު ދައުރެއް އަދާކުރާ ބައެއް ކަމަށާއި އެގޮތުން ގައުމު ތަރައްގީ ކުރުމަށާއި ގައުމަށް ގެންނަން ޖެހޭ ހެޔޮ ބަދަލުތަކާއި ގައުމުގައި ހުންނަ ރަނގަޅު ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ އެންމެ އިސް ދައުރެއް އަދާ އެއް ބަޔަކީ ނޫސްވެރިން ކަމަށެވެ.
"ނޫސްވެރިކަމުގެ ތެރެއިން މަސައްކަތް ކުރަން ޖެހެނީ ކަމުގެ ދެކޮޅުބަލައި އާންމުންނަށް ރަނގަޅު މައުލޫމާތު ފޯރުކޮށް ދިނުމާ އެކީގައި ކަމުގެ ހަގީގަތް ހާމަކުރުމަށް މަސައްކަތް ކުރުން" މިނިސްޓަރު ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ޕީއެސްއެމްގެ ޗެއާމަން އިބުރާހިމް އުމަރު މަނިކު ވިދާޅުވީ މި ހިދުމަތްދޭން ފެށުމުން އޭޖެންސީ އަށް ލިބޭ ހުރިހާ ވީޑިއޯއެއް އަދި ފޮޓޯއެއްގެ ރޯ މެޓީރިއަލް ވަކި އުސޫލުތަކެއްގެ ތެރެއިން ހުރިހާ މީޑީއާތަކާއި ހިއްސާކުރާނެ ކަމަށެވެ. މި އޭޖެންސީގެ ސަބަބުން ރައްޔިތުންނަށް މައުލޫމާތު ލިބި ހިދުމަތް އަވަސްވެ ފުރިހަމަ ވެގެންދާނެ ކަމަށެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ އުފެއްދި ނިއުސް އޭޖެންސީ އަކީ ކުރީގެ ހަވީރު ނޫހުގެ ފަރާތުން ހަވީރު ނިއުސް އޭޖެންސީގެ ނަމުގައި އުފައްދައިގެން ހިންގި އޭޖެންސީ އެކެވެ.