މާބަނޑުވާ ދުވަސްވަރު އެންމެ ގިނައި މައިންނަށް އޮންނަ ބިރަކީ ހަކުރު މަތިވުން ނުވަތަ ލޭގެ ޕްރެޝަރު މަތިވުމެވެ. މާބަނޑު ދުވަސްވަރުގެ އިތުރުން ގާތުންދޭމައިން ވެސް މިކަމަށް ސަމާލުކަން ދޭންޖެހެ އެވެ. ސަބަބަކީ ހަކުރުގެ ބާވަތްތައް މާގިނައިން ބޭނުން ކުރުމަކީ ކުދިން ފަލަވެ އަދި ކުދިންނަށް ހަކުރުބަލި ޖެހުމަށް އޮތް ފުރުސަތެކެއް ކަމަށް ދަ ޖާނަލް އޮފް ސައިކޮލަޖީގައި ބުނެފައިވެ އެވެ.
ސޮފްޓް ޑްރިންކްސްގެ އިތުރުން ފޮނިކާ އެއްޗެހީގައި ގިނަ އަދަދަކަށް ފްރަކްޓޯސް އަދި ހަކުރު ހިމެނޭއިރު، މިއީ ބަނޑުގައި އޮންނަ ދަރިފުޅުގެ އިތުރުން ގާތުން ދޭ މައިން ހަކުރުގެ ބާވަތްތަކާއި ސޮފްޓް ޑްރިންކްސް ބޭނުން ކުރާއިރު ވިސްނަންޖެހޭ ކަމެކެވެ.
އެގޮތުން ބަނޑުބޮޑު ދުވަސްވަރު އަދި ވިހައިގެން ދަރިފުޅަށް ގާތުން ދޭ ދުވަސްތަކުގައި ވީހާވެސް ބޮޑަށް ހަކުރު ހިމެނޭ ކާއެއްޗެހި މަދުކޮށް މޭވާ އާއި ތަރުކާރީ ކާން ސަމާލުކަމެއް ދޭންޖެހެ އެވެ.
އަހަރެމެންގެ އާންމު ވިސްނުން ހުންނަ ގޮތުން ކުޑައިރު ކުދިން ފަލަކޮށް ތިބުމަކީ އެކުދިންގެ ސިއްހަތު ރަނގަޅު ކަމުގެ ހެއްކެކެވެ. ނަމަވެސް ސައިންސް ބުނަނީ ކުދިން ފަލަވުމަކީ އެކުދިންގެ ސިއްހަތު ރަނގަޅު ނޫން ކަމުގެ އަލާމާތެއް ކަމަށެވެ. ވީމާ ކުދިން ފަލަކުރަން ބެލެނިވެރިން ސަމާލުކަން ދިނުމުގެ ބަދަލުގައި އެކުދިންނަށް ފައިދާ ހުރި ކާނާ ދިނުމަށް އިސްކަންދޭށެވެ.
ޔުނިވަސިޓީ އޮފް އޮސްޓްރޭލިއާގެ ސީނިއަރ ލެކްޗަރާއިން ބަޔޮލޮޖިކަލް ސައިންސް ޑރ. ށެރިދާން ޖެންޓިލީ ވިދާޅުވާ ގޮތުގައި މި ދިރާސާގެ ސަބަބުން ބަނޑުބޮޑު ދުވަސްވަރު އަދި ގާތުންދޭ ދުވަސްވަރު ނިއުޓްރިޝަން ބަހައްޓަންވީވަރާއި ހަކުރުގެ ބާވަތްތައް ބޭނުން ކުރުމުގައި ގެންގުޅެންވީ މިންގަނޑު އެނގިގެން ދާނެ ކަމަށެވެ.