ދުނިޔެ

އުތުރުކޮރެއާ މައްސަލައިގަައި އެމެރިކާއާއި ޗައިނާއަށް އެއްގަލަކަށް ނޭރުނު

Apr 29, 2017
1

އުތުރުކޮރެއާ އާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ މައްސަލައިގައި އެމެރިކާއާއި ޗައިނާއާ ދެމެދު އަނެއްކާވެސް ހިޔާލުތަފާތުވުން ބޮޑުވެއްޖެއެވެ.

އެެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރެކްސް ޓިލާސަން ހުކުރު ދުވަހު ވިދާޅުވީ އުތުރުކޮރެއާއިން ބެލިސްޓިކް މިސައިލްތަކާއި ނިއުކްލިއަ ޓެސްޓައް ކުރުން ނުހުއްޓުވޭ ނަމަ ވަރަށް ބޮޑެތި ގެއްލުންތައް ވެދާނެ ކަމަށެވެ. ނަމަވެސް ޗައިނާއާއި ރަޝިޔާއިން ބުނީ އުތުރުކޮރެއާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އަަޅައިގެން ނުވާނެ ކަމަށެވެ.

އުތުރުކޮރެއާގެ މައްސަލައިގައި އެމެރިކާއާއި ޗައިނާއާ ދެމެދު އަރައިރުމެއް ހިނގީ އދ.ގެ ސަލާމަތީ މަޖިލީހުގެ ޖަލްސާގައެވެ. އެއީ އުތުރުކޮރެއާ ހުއްޓުވުމަށް ފިއްތުންތައް ކުރިމަތިކުރަން އެމެރިކާއިން ޗައިނާއަށް ބާރު އަޅަން ފެށުމުންނެވެ. ޗައިނާއިން ބުނީ އެއީ އެގައުމު އެކަންޏަށް ކުރެވޭނެ ކަމެއް ނޫން ކަމަށެެވެ.

" ޕެނިންސިއުލާގައި އޮތް ނިއުކްލިއަ މައްސަލަ ހައްލުކުރުމުގެ ތަޅުދަނޑި އޮތީ ޗައިނާގެ ފަރާތަކު ނޫން،" އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރެކްސް ޓިލާސަން ރިޔާސަތު ބެލެހެއްޓެވި، ސަލާމަތީ މަޖިލީހުގެ މިނިސްޓަރުންގެ ބައްދަލުވުމުގައި ޗައިނާގެ ފޮރިން މިނިސްޓަރު ވާން ޔީ ވިދާޅުވި ކަމަށް ރޮއިޓާސްގެ ހަބަރުގައި ވެއެވެެ.

ވާންޔީ އަށް ރައްދު ދެއްވަމުން ޓިލާސަން ވިދާޅުވީ ފުރަތަމަ ފިޔަވަޅު އަޅަންވީ ކޮންގައުމެއްތޯ ކުރާ ބަހުސް އެއްފަރާތްކުރުން މުހިއްމު ކަމަށެވެ. އަދި ގޯހީ ކޮންބައެއްތޯ ނުބައީ ކޮންބައެއްތޯ ކުރާ ބަހުސްވެސް ހުއްޓައިލަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އުތުރުކޮރެއާއަށް ފިއްތުންތައް ކުރިމަތިކުރަން އެމެރިކާއިން ގިނަ ފިޔަވަޅުތަކެއް އަޅާފައި ވަނިކޮށް ވެސް އެގައުމުން ވަނީ ބެލިސްޓިކް މިސައިލެެއް ޓެސްޓްކޮށްފައެވެ. ނަމަވެސް މިއަދު ކުރި ޓެސްޓްވެސް ވީ ނާކާމިޔާބެވެ. މިއީ އުތުރުކޮރެއާއިން ފަހަކަށް އައިސް ކުރި ނާކާމޔާބު ހަތަރުވަނަ ޓެސްޓެވެ.
އުތުރު ކޮރެއާއާ އެމެރިކާއާ ދެމެދު ހިނގާ ޒުވާބު ހޫނުވީ އުތުރު ކޮރެއާއިން ބެލިސްޓިކް މިސައިލްތައް ޓެސްޓް ކުރުން ފަހަކަށް އައިސް އިތުރު ކުރުމުންނެވެ. ކޮރެއާ މައްސަލައިގައި އެމެރިކާއަށް ތާއީދު ކުރަނީ ޖަޕާނާއި ދެކުނު ކޮރެއާއިންނެވެ. އެކަމުގައި މިފަހަރު އެމެރިކާއާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ޗައިނާއިން ވެސް ވަނީ ބުނެފަ އެވެ. ނަމަވެސް އެ ގައުމުން އެންމެ ފަހުން ކުރި ގިނަ ޓެސްޓްތައް ވަނީ ނާކިޔާބު ވެފައެވެ. އުތުރު ކޮރެއާއިން މިދިޔަ އަހަރު ނިއުކްލިއަ ޓެސްޓްތަކެއް ވެސް ކުރިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނީ އުތުރު ކޮރެއާއިން އެމެރިކާއަށް ނިއުކްލިއަ ހަމަލާއެއް ދިނުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ. ކޮރެއާ ހުއްޓުވަން ކޮންމެ ފިޔަވަޅެއް ވެސް އަޅަން އެމެރިކާ ތައްޔާރަށް އޮތް ކަމަށާއި އޭގެ ތެރޭގައި އަސްކަރީ ފިޔަވަޅު ވެސް ހިމެނޭ ކަަމަށް ވެސް އޭނާ ކުރިން ވަނީ ވިދާޅުވެފައެވެ.