ހަބަރު

ލޯންޗެއް އަލިހުރަސް ކަނޑަށް އަޑިއަށް ގޮސް އޮޔާދަނީ

މާލެއިން ފުރައިގެން އއ. މަތިވެރިއަށް ދަތުރުކުރި ލޯންޗެއް އަލިހުރަސް ކަނޑައް އަޑިއަށްގޮސް އޮޔާދާން ފަށައިފި އެވެ.

އެމްއެންޑީއެފް ގެ މީޑިއާ އޮފިޝަލަކު މައުލޫމާތު ދިން ގޮތުގައި އެ ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ ރޭ 21:45 ހާއިރު ކަމަށެވެ. "ޖީ ތުރޯ" ނަމަކަށްކިޔާ މި ލޯންޗު އަޑިއަށްގޮސްފައިވަނީ ކަނޑުމަތިން އޮޔާދިޔަ އެއްޗެއްގައިޖެހި ލޯންޗު ފަޅައިގެން ދިއުމުންކަމަށް ލޯންޗުގެ ކެޕްޓަން އެމްއެންޑީއެފް އަށް މައުލޫމާތު ދީފައިވަ ކަމަށް މީޑީއާ އޮފިޝަލު ވިދާޅުވި އެވެ.

މީޑިއާ އޮފިޝަލު އިތުރަށް ވިދާޅުވީ ތިން މީހުންނާއެކު ދަތުރުކުރި ލޯންޗުގައި ތިބި މީހުން ނަގައިފައިވަނީ އއ. ބޮޑުފުޅަދޫއިން ފުރައިގެން މާލެ ދަތުރުކުރި "ސައިރަން އޮފް ދަ ސީ" ނަމަކަށްކިޔާ ލޯންޗެއް ކަމަށެވެ. ސައިރަން އޮފް ދަ ސީ ލޯންޗުގެ ކެޕްޓަނާއި ހަވާލާދީ އެމްއެންޑީއެފުން ބުނި ގޮތުގައި "ޖީ ތުރޯ" ލޯންޗުން ދަތުރުކުރި މީހުން ނަގާފައިވަނީ މާލޭގެ ހުޅަނގުން 18 މޭލު ބޭރުން ކަމަށެވެ. އަދި މި ތިން މީހުންވެސް ރޭ މާލެ ގެނެވިފައިވާ ކަމަށް މީޑިއާ އޮފިޝަލު މައުލޫމާތު ދިނެވެ.

މި ލޯންޗަކީ މަޑު ފެހިކުލައިގެ ދަވާދު ލާފައިވާ ލޯންޗެއް ކަމުން އަލިހުރަސް ކަނޑަު ސަރަހައްދުން ދަތުރުކުރާ ދަތުރުވެރިން ސަމާލުވުމަށް އެމްއެންޑިއެފްއިން ވަނީ އިލްތިމާސް ކޮށްފަ އެވެ.