ހަބަރު

އެމްއާރްސީގެ އަސާސީ ގަވާއިދަށް އިސްލާހުތަކެއް ގެނެސްފި

މޯލްޑިވްސް ރެޑް ކުރެސެންޓް (އެމްއާރްސީ) ގެ އަސާސީ ގަވާއިދަށް އިސްލާހުތަކެއް މިއަދު ގެނެސްފި އެވެ.

ޗަމްޕާ ސެންޓްރަލް ހޮޓެލްގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި އެމްއާރްސީ ގެ ރައީސް އަލީ ނާޝިދު ވިދާޅުވީ މިއަދު ބޭއްވި އެމްއާރްސީ ގެ ނުވަަވަނަ އާންމު ޖަލްސާ ބާއްވައި ވަރަށް ގިނަ އިސްލާހުތަކެއް ގެނައި ކަމަށެވެ. އެގޮތުން ކޮންމެ އަހަރަކު ބާއްވާ އާންމު ޖަލްސާ ދެއަހަރުން އެއް އަހަރު ބޭއްވުމަށް ނިންމެވި ކަމަށާއި ގަވަނިން ބޯޑުގެ ދައުރަށް މީހުން ހޮވުން ހަތަރު އަހަރުން އެއް އަހަރަށް ބަދަލުކުރަން ފާސްކޮށްފައިވާ ކަމަށްވެސް ނާޝިދު ވިދާޅުވި އެވެ.

ނާޝިދު އިތުރަށް ވިދާޅުވީ މިއަދު ބޭއްވި އާންމު ޖަލްސާގައި ގަވަނިން ބޯޑުގެ ދައުރު ހަމަވެފައިވާ މަގާމުތަކަށް އަލުން މެންބަރުން އިންތިހާބު ކޮށްފައިވާ ކަމަށެވެ. ރައީސްކަމުގެ މަގާމާއި މާލޭ ސަރަޙައްދުގެ އާއްމު މެންބަރުކަމުގެ މަގާމުގެ އިތުރުން އުތުރު ސަރަޙައްދުގެ އާއްމު މެންވަބަރުގެ މަގާމުވެސް ހޮވާފައިވާ ކަމަށް ނާޝިދު ވިދާޅުވި އެވެ.

"ދިވެހި ރެޑް ކުރެސްންޓް ގެ ނުވަވަނަ އާންމު ޖަލްސާ އަސާސީ ގަވާއިދުތަކަށް އިސްލާހުތަކެއް ގެނެވުނު. ކޮންމެ ފަސް އަހަރަކުން އަސާސީ ގަވާއިދު އިސްލާހު ކުރަން އެޖެންޑާ ކުރެވިފައި އޮންނާނެ. އެމްއާރްސީ ކުރިއަށްދާ މަގަށް ބަލާފަ އެންމެ އެކަށީގެންވާ ގޮތަށް އަސާސީ ގަވާއިދުތައް އިސްލާހު ކުރަމުން ގެންދަނީ" ނާޝިދު ވިދާޅުވި އެވެ.

އެމްއާރްސީ ގެ ޖެނެރަލް ސެކެރެޓަރީ ނޫރާ މުޙައްމަދު ވިދާޅުވީ މިއަދުގެ އާންމު މަޖިލީހުން އޯޑިޓް ރިޕޯޓާއި މިދިޔަ އަހަރުގެ އެނުއަލް ރިޕޯޓް ގެ އިތުރުން ކުރިއަށް އޮތް ދެއަހަރުގެ އެނުއަލް ޕްލޭން ހުށަހަޅައި ފާސްކޮށްފައިވާ ކަމަށެވެ.

"މިއަދު ބޭއްވުނު އާންމު މަޖިލީހުގެ ޖަލްސާގައި 45 މަންދޫބަކު ބައިވެރިވެފައިވޭ. އެއީ އެމްއާރްސީގެ ނުވަ ބްރާންޗަކަށް ނިސްބަތްވާ 45 މެންބަރުން" ނޫރާ ވިދާޅުވި އެވެ.