ހަބަރު

ފުލިދޫ ފާލަން ހެދުމުގެ މަސައްކަތް އިފްތިތާހް ކޮށްފި

ވ. ފުލިދޫގެ ފާލަން އެޅުމުގެ މަސައްކަތް މިއަދު އިފްތިތާހް ކޮށްފި އެވެ.

ފުލިދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފުލިދޫ ފާލަމުގެ މަސައްކަތް އިފްތިތާހް ކޮށްދެއްވީ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރެވެ. މި މަޝްރޫއު ހަވާލުކޮށްފައިވަނީ އިނާ ޓްރޭޑިން ޕްރައިވެޓް ލިމިޓެޑާ އެވެ.

އިނާ ޓްރޭޑިން އިން ބުނީ ފުލިދޫގެ އެ މަސައްކަތް ތިން މަސް ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށާއި ފާލަން ހެދުމުގެ މަސައްކަތަށް ބޭނުންވާ ތަކެތި ގެންގޮސް ކުރިއަށް އޮތް ހަފްތާ ތެރޭގައި މަސައްކަތް ފަށައި ދެމަސް ދުވަހުން ހުރިހާ ކަމެއް ނިންމާލާނެ ކަމަށެވެ.

"ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސްތެރޭ މި މަސައްކަތް ފެށޭނެ. ތިން މަސް ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކޮށްފައިވަނީ. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ދެމަސް ދުވަހުގެ ތެރޭގައި ނިންމާ ބޭނުން ކުރެވޭ ގޮތް ހަދަން އަމާޒުކޮށްގެން" އިނާ ޓްރޭޑިން އިން ބުންޏެވެ.

މި ރަސްމިއްޔާތުގައި ފާލަމުގެ ކުރެހުމެއް ވެސް ވަނީ ދައްކާލާފަ އެވެ.

މި ރަސްމިއްޔާތުގައި ފުލިދޫ ލޯކަލް ކައުންސިލް އިންތިހާބުގެ ޕީޕީއެމް ކެނޑިޑޭޓުން ވެސް ވަނީ ތައާރަފުކޮށްފަ އެވެ.