ލައިފްސްޓައިލް

މާގިނައިން ކެވެނީ ބަނޑުހައިވާތީއެއް ނޫން، ކަރުހިއްކާތީ

May 3, 2017

ހެނދުނުގެ ސައި ތި ނިންމާލީ ހަމަ ދެންމެ އެވެ. ތިހިރީ ވަރަށް ފުލްވެފައިދޯ އެވެ؟ ނަމަވެސް ދެ ގަޑިއިރެއްހާ އިރު ފަހުން އިހުސާސް ކުރެވެނީ އެތައް އިރެއް ވަންދެން ނުކައި ހުރި ކަހަަލަ އިހުސާސެކެވެ. ދެން ދުއްވައިގަނެވެނީ ލުއި ކާނާ އަކާއި ދިމާލަށެވެ. މިއީ ބަރުދަން އިތުރުވާ ދިމާވާ މައިގަޑު ސަބަބެކެވެ.

ނަމަވެސް އެހާ ވަރަށް ބަނޑުހައި ވަނީ ކީއްވެހޭ އެއީ އުފެދޭ ސުވާލެކެވެ. އެތައް ފަހަރަކު މި ސުވާލު އަމިއްލަ ނަފްސާއިވެސް ކުރެވިއްޖެ އެވެ. އެއަށް ވެސް އެދެވޭ ޖަވާބެއް ނުލިބުނެވެ. އޭގެ ބަދަލުގައި ބަރުދަން ހަމަ އިތުރުވަނީ އެވެ. އަސްލުވާ ގޮތަކީ މިއީ އެވެ. ތިއުޅެނީ ބަނޑުހައިވެގެންނެއް ނޫނެވެ. ކަރުހިއްކަނީ އެވެ. ކޮންމެވެސް ފިނި އެއްޗެއް ބޯލަން ބޭނުންވަނީ އެވެ.

ބަނޑުހައިވުމުންނާއި މާބޮޑަށް ކަރުހިއްކައި ގަތުމުން ގާތްގަނޑަކަށް އެއް ކަހަލަ އަލާމާތްތަކެއް ފެނެ އެވެ. އޭގެ ތެރޭގައި ވަރުބަލިވުމާއި އަވަސް އަވަހަށް ރުޅި އައުން އަދި ބޮލުގައި ރިއްސުން ހިމެނެ އެެވެ. މީގެ އިތުރުން ބަނޑުހައިވުމުން ބަނޑުން ފާޑެއްގެ އަޑެއް އިވެ އެވެ. ކަރު ހިއްކައި ގަތުމުން އަނގަތެރެ ހިކުން ދިމާވެ އެވެ.

ތަޖުރިބާކާރުން ބުނަނީ އަވަސް އަވަހަށް ކެެވެން މެދުވެރިވަނީ ބަނޑުހައިވަނީ ކަމެއް ނުވަތަ ކަރުހިއްކަނީ ކަމެއް އަމިއްލައަށް ޔަގީން ނުވާތީ ކަމަށެވެ.

އެކަމަށް އޮތް ހައްލެއް ކަމަށް ތަޖުރިބާކާރުން ބުނަނީ ގިނައިން ފެން ނުވަތަ ދިޔާއެއްޗެހި ބޭނުން ކުރުމެވެ. އެގޮތުން ކެއުމުގެ ބައި ގަޑިއިރު ކުރިން ފެން ތައްޓެއް ނުވަތަ ހާބަލް ސައި ތައްޓެއް ބުއިން ރަނގަޅު ކަމަށެވެ. އެއީ ކާއެއްޗެހީގައި ހުންނަ ފައިދާތައް ހަށިގަނޑަށް ދަމައިގަތުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށެެވެ.

އޯވަވެއިޓްވެ ގިނައިން ކެއުމުގެ އާދަ މީހާގެ ގައިގައި އަށަގަތުމަށް ޑީހައިޑްރޭޝަން ބޮޑު ރޯލެއް އަދާކުރެ އެވެ. ގިނައިން ފެން ބޯންވީ މިހެންވެެގެންނެވެ.