ލައިފްސްޓައިލް

ލޮނު ކާ މިންވަރު މަދު ކުރުން ނޫން ގޮތެއް ނެތް!

May 4, 2017

އާންމުކޮށް އަބަދުވެސް ދައްކާތީ އިވޭ ވާހަކައަކީ ހަކުރު ބޭނުންކުރާ މިންވަރު މަދުކުރަން ޖެހޭ ވާހަކަ އެވެ. މާގިނައިން ހަކުރު ބޭނުންކޮށްގެން ޑައިބެޓިކްސްގެ އަޅަކަށް ވެގެންދާ ވާހަކަ އެކެވެ. ކޮލެސްޓްރޯލް ހުންނަ ކާނާ ބޭނުން ކުރުން މަދު ކުރަން ޖެހޭ ވާހަކަ އެވެ. އެއާ ހިލާފަށް ލޮނުގެ ވާހަކައަކީ ނުދައްކާ ދޫކޮށްލެވިފައި އޮންނަ ވާހަކަ އެކެވެ.

ނަމަވެސް ލޮނަކީ އެހާ ފަސޭހައިން ދޫކޮށްލެވޭނެ އެއްޗެއް ނޫނެވެ. މާގިނައިން ހަށިގަނޑަށް ލޮނު އެތެރެވާނަމަ ލޭގެ ވޮލިއުމް އިތުރުވެ އެވެ. ނަތީޖާއެއްގެ ގޮތުން ލޭގެ ޕްރެޝަރު މަތިވެ ހާޓް އެޓޭކް ޖެހުމަށް މަގުފަހިވެ އެވެ. އަދި ސްޓްރޯކް އާއި ހާޓް ފެއިލް ވުމަށްވެސް މަގުފަހި ކުރުވަ އެވެ. މީގެ އިތުރުން ބަނޑުގެ ކެންސަރާއި، އޮސްޓިއޮޕޮރޮސިސް، ކިޑްނީގެ ހިލަ އުފެދި އަދި އާދަޔާ ހިލާފަށް ބޮލުގައި ރިއްސުމާއިވެސް ކުރިމަތިލާން ޖެހެ އެވެ.

ލޮނު ގިނައިން ބޭނުން ކުރުމުގެ ސަބަބުން ހިތުގެ ގިނަ ބަލިތަކެއް ޖެހޭއިރު އެންމެ ރަނގަޅު ހައްލެއް ކަމަށް ޑޮކްޓަރުން ބުނަނީ ލޮނު ބޭނުންކުރާ މިންވަރު މަދު ކުރުމެވެ.

ލޮނު ގިނައިން ހުންނަ ބައެއް ކާނާތައް

  • ވަޅޯމަސް، ދަޅުމަސް
  • ސޯލްޓެޑް ނަޓްސް
  • ދަޅުގައި ލޮނު އަޅައިގެން ބަންދުކޮށްފައި ހުންނަ ބީންސް
  • ބަޓާ މިލްކް
  • ޕިއްޒާ، ލޮނު ބިސްކޯދު
  • ކަޕް ނޫޑްލްސް
  • ސޯޔާ ސޯސް، ސީޒަނިން ސޯލްޓް، މެރިނޭޑްސް
  • ސޯލްޓެޑް ބަޓަރު އަދި މާޖިރީން
  • ކެޗަޕް އަދި މަސްޓާޑް މާ ގިނައިން ބޭނުން ކުރުން

މި ކާނާ ތަކަކީ މާ ބޮޑު މަސައްކަތަކާއި ނުލާވެސް އެތަކެތި ކެއުން ކޮންޓްރޯލް ކުރެވިދާނެ ފަދަ ފަސޭހަ ތަކެއްޗެކެވެ. ހަށިގަނޑަށް އެންމެ އެކަށީގެންވާ ވަރަށް ލޮނު ހިމެނޭ ބައެއް ކާނާތަކަށް ބަލާއިރު މަސް (މޫދު އަދި އެއް ގަމު) ބިސް، ބީންސް އަދި ޕީސް އަކީ ވަރަށް މީރު އަދި ހަޑިގަނޑަށް ބޭނުންވާ ވަރަށް ލޮނު ހިމެނޭ ކާނާ އެކެވެ.