ހަބަރު

ހަ ރަށެއްގެ ނަރުދަމާގެ މަސައްކަތް ދެ ކުންފުންޏަކާ ހަވާލުކޮށްފި

ހަ ރަށެއްގެ ނަރުދަމާގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ކުރުމަށް ދެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަދި މޯލްޑިވްސް ރޯޑް ޑިވެލޮޮޕްމެންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)އާ އެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ ރ. ރަސްމާދޫއާއި އެ އަތޮޅު މާކުރަތު އަދި ފ. ފީއަލީގެ މަސައްކަތް ކުރުމަށެވެ. މި އެއްބަސްވުމުގައި މިނިސްޓްރީން ސޮއިކުރެއްވީ މިނިސްޓަރު ތޯރިގު އިބްރާހީމެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު ކުރިކް ރިޒާ އެވެ.

މި ރަސްމިއްޔާތުގައި އެމްއާރުޑީސީއާ ހަވާލުކޮށްފައިވަނީ އދ. ހަންޔާމީދޫ އާއި އެއަތޮޅު އޮމަދޫ އަދި ލ. މާވަށުގެ ނަރުދަމާ ނިޒާމްގެ މަސައްކަތް ކުރުމަށެވެ. މި އެއްބަސްވުމުގައި މިނިސްޓްރީން ސޮއިކުރެއްވީ މިނިސްޓަރު ތޯރިގު އިބްރާހީމެވެ. އަދި އެމްއާރްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލެވެ.

މި ޕްރޮޖެކްޓުގެ ދަށުން މި ހަ ރަށުގެ ނަރުދަމާގެ ނެޓްވޯކާއި ޕަމްޕް ސްޓޭޝަންތަކާއި ސީ އައުޓްފޯލްގެ އިތުރުން ނަރުދަމާއާ ގުޅޭ ލޭބަ މަސައްކަތްތައް ކުރިއަށް ގެންދާނެ އެވެ. މި މަސައްކަތް ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށް ދޭނީ އެސްޓީއޯއިންނެވެ.

މިނިސްޓަރު ތޯރިގް މިއަދު ވިދާޅުވީ މި ސަރުކާރުން ވަނީ ނަރުދަމާ ނިޒާމް ގާއިމް ކުރުމަށް 26 ޕްރޮޖެކްޓެއްގެ މަސައްކަތް ފަށައި 18 ޕްރޮޖެކްޓްގެ މަސައްކަތް ނިންމަވާފައި ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އަސާސީ ގިނަ ޕްރޮޖެކްޓްތައް ކުރިއަށް ގެންދާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ނަރުދަމާގެ ކޮންމެ މަސައްކަތަކީ ވެސް ވަރަށް އަގުބޮޑު ޕްރޮޖެކްޓްތަކެއް ކަމުން ސަރުކާރުން މި ޕްރޮޖެކްޓްތައް ލޭބަ ކޮންޓްރެކޮޓްގެ އުސޫލުން މަސައްކަތް ކުރިއަށް ގެންދަން ނިންމާފައިވަނީ" މިނިސްޓަރު ވިދާޅުވި އެވެ.