ހަބަރު

ތިން ރަށެއްގެ ފެން ވިއުގަ ގާއިމު ކުރަން ހަ މިލިޔަން ޑޮލަރުގެ މަޝްރޫއެއް ފަށައިފި

ތިން ރަށެއްގެ ފެން ވިއުގަ ގާއިމް ކުރަން ރާއްޖެއިން ބޭރުގެ ޖޮއިންޓް ވެންޗާއެއް ކަމަށްވާ އެންޖެލިކް އިންޓަނޭޝަނަލް ލިމިޓެޑް އެންޑް އަޔަން އެކްސްޗޭންޖް ލިމިޓެޑާ ހަވާލުކޮށްފި އެވެ. މި މަޝްރޫއުގެ އަގު 6,801,718.2 އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 104،882،496ރުފިޔާ) އަށް އަރަ އެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެންޖެލިކް އިންޓަނޭޝަނަލް ލިމިޓެޑް އެންޑް އަޔަން އެކްސްޗޭންޖް ލިމިޓެޑާ ހަވާލުކޮށްފައިވަނީ ދ. ކުޑަހުވަދޫއާ ތ. ގުރައިދޫ އަދި ގއ. ވިލިނގިލީގައި ބޯފެނުގެ ވިއުގަ ގާއިމު ކުރުމަށެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީން ސޮއިކުރެއްވީ މިނިސްޓަރު ތޯރިގު އިބްރާހީމެވެ. އަދި އިންޑިއާގެ އެންޖެލިކް އިންޓަނޭޝަނަލް ލިމިޓެޑް އެންޑް އަޔަން އެކްސްޗޭންޖް ލިމިޓެޑުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީނިއަ ޖެނެރަލް މެނޭޖާ، ޕްރޮޖެކްޓްސް އަނިލް އަރޯރާ އެވެ. މި ތިން ރަށުގެ މަސައްކަތް ނިންމަން ދީފައިވަނީ 18 މަސް ދުވަހުގެ މުއްދަތެކެވެ.

މިމަޝްރޫއުގެ ދަށުން ކުޑަހުވަދޫގައި 22 ކިލޯމީޓަރުގެ ބޯފެނުގެ ވިއުގައެއް ގާއިމްކޮށް 105 ޓަނުގެ އާރްއޯ ޕްލާންޓެއް ބަހައްޓާނެ އެވެ. ގުރައިދޫގައި އަށް ކިލޯ މީޓަރުގެ ބޯފެނުގެ ވިއުގައެއް ގާއިމުކޮށް 78 ޓަނުގެ އާރްއޯ ޕްލާންޓެއް ބަހައްޓާނެ އެވެ. އަދި ވިލިނގިލީގައި 10 ކިލޯމީޓަރުގެ ބޯފެނުގެ ވިއުގައެއް ގާއިމްކުރެވި، 159 ޓަނުގެ އާރްއޯ ޕްލާންޓެއް ބަހައްޓާނެ އެވެ.

މިނިސްޓަރު ތޯރިގު މިއަދު ވިދާޅުވީ ވޭތުވެދިޔަ ތިން އަހަރާއި ބައިގެ ތެރޭގައި މި ސަރުކާރުން ވަނީ ފެނުގެ ވިއުގަތައް ގާއިމް ކުރުމަށް 15 ޕޮރޮޖެކްޓެއް ފަށައި އެ މަސައްކަތް ނިންމާފައިވާ ކަމަށެވެ. އަދި މިއަދު މަސައްކަތްމި ހަވާލުކުރި ތިން ރަށުގެ އިތުރުން ކުރިއަށް އޮތް ތަނުގައި އެފަދަ ވަރަށް ގިނަ ޕްރޮޖެކްޓްތައް ފަށާނެ ކަމަށެވެ.

"ފެނުގެ ނިޒާމް ގާއިމް ކުރުމަށް މިހާރު މިދަނީ ގިނަ ރަށްތައް ޓެންޑާ ކުރެވި އިވެލުއޭޓް ކުރުމުގެ މަރުހަލާ ކުރިއަށް ދަނީ. ވަރަށް އަވަހަށް އެ މަޝްރޫއުތައް ހަވާލުކުރާނެ،" މިނިސްޓަރު ވިދާޅުވި އެވެ.