ހަބަރު

ޔާމީންގެ މަރާ ގުޅިގެން ބައެއްގެ ޕާސްޕޯޓް ހިފަހައްޓައިފި

ބޮލްގާ އަދި ސޯޝަލް މީޑިއާ އެކްޓިިިވިސްޓް ޔާމީން ރަޝީދުގެ ރަހުމު ކުޑަ މަރާ ގުޅިގެން ބައެއްގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.

"އަވަސް"އަށް ކަށަވަރުވެފައިވާ ގޮތުގައި ޔާމީންގެ މަރުގެ މައްސަލާގައި ތުހުމަތުކުރެވޭ ބައެއްގެ ޕާސްޕޯޓް ވަނީ ފުލުހުން އެދިގެން އިމިގުރޭޝަނުން ހިފަހައްޓާފަ އެވެ. ނަމަވެސް ހިފަހައްޓާފައިވަނީ ކިތައް މީހުންގެ ޕާސްޕޯޓް ކަމަށް ސާފެއް ނުވެއެވެ. އަދި އެއީ އެ މަރުގައި ކޮންގަޮތަކުން ބައިވެރިވާ ކަމަށްވެސް ސާފެއް ނުވެ އެވެ.

ޔާމީންގެ މަރުގެ މައްސަލާގައި މީގެ ކުރިން ވަނީ ދެ މީހަކު ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އުމުރުން 18 އަހަރާއި 22 އަހަރުގެ ދެމީހުންނެވެ. އޭގެ ތެރެއިން 18 އަހަރުގެ މީހާ އަކީ އެރޭ ޔާމީންއަށް ފާރަ ލަމުންދިޔަ މީހާއެވެ. ދެވަނަ މީހާއަށް ކުރާ ތުހުމަތެއް ނޭނގެ އެވެ.

މީގެކުރިން ފުލުހުން ވަނީ ޔާމީން ރަޝީދަށް ހަމަލާދިން ކަމަށް ބެލެވޭ ދެ މީހުންގެ ފޮޓޯ ވެސް އާންމުކޮށްފަ އެވެ. އެ ދެ މީހުން ހައްޔަރުކުރެވިފައިވާ ކަމެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

ޔާމީން މަރާލާފައިވަނީ އޭނާ ދިރިއުޅޭ ގޭގެ ސިޑި ކައިރީގަ އެވެ. ތޫނު އެއްޗަކުން އޭނާއަށް ވަނީ ގިނަ ހަމަލާތަކެއްދީފަ އެވެ. އެ ރަހްމުކުޑަ އަމަލު ރާއްޖެއާއި ބޭރުގެ ގިނަ ފަރާތްތަކަކުން ވަނީ ކުށްވެރިކޮށްފަ އެވެ. އަދި ޔާމީންއަށް އިންސާފު ހޯދައިދިނުމަށް ދަނީ ގޮވާލަމުންނެވެ.