ހަބަރު

"ޑްރަގްގެ ވަބާއިން ކުދިން ސަލާމަތް ކުރަން ސްކޫލްތަކަށް ދައުރު އަދާ ކުރެވޭނެ"

ކުޑަކުދިން މަސްތުވާތަކެތީގެ ވަބާގައި ޖެހެމުންދާތީ ވަރަށް ބޮޑަށް ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށާއި މަސްތުވާތަކެތި ބޭނުން ކުރި ކުޑަކުދިންގެ ނިސްބަތް މިދިއަ އަހަރު އިތުރުވެފައިވާއިރު ސްކޫލްތައް މެދުވެރިކޮށް އެކަމަށް ހައްލެއް ހޯދިދާނެ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށް ސްކޫލްތަކަށް އަމާޒުކޮށް ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ބޭއްވި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ސްކޫލް ދައުރުގައި މަސްތުވާތަކެތި ބޭނުންކުރާ ނިސްބަތް މަދުން ނަމަވެސް އިތުރުވަމުންދާ ކަމަށާއި ސުކޫލު ތަކާއި އެންޑީއޭ އާއި ގުޅިގެން މަސްތުވާތަކެތީގެ ވަބާއިން އަންނަން އޮތް ޖީލު ސަލާމަތް ކުރަން ވަރަށް ގިނަ މަސައްކަތް ތަކެއް ކުރަން ޖެހޭ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ޑްރަގްގެ ވަބާއިން މުޖުތަމައު ސަލާމަތް ކުރަން ހިންްގާ ޕްރޮގްރާމްތައް ފުޅާކޮށް މިހާރަށް ވުރެވެސް ފުރިހަމަކޮށް ސުކޫލުތަކުގެ އެހީގައި ޑްރަގްގެ މައްސަލައަށް ހައްލު ހޯދިދާނެ ކަމަށެވެ.

"ރާއްޖޭގައި ހިންގާ ކުށުގެ އަމަލުތަކުގެ ތެރެއިން 70 ޕަސެންޓަކީ މަސްތުވާ ތަކެތީގެ ވަބާގެ ތެރެއިން ހިނގާ އަމަލުތައް،" މިނިސްޓަރު ވިދާޅުވި އެވެ.

ހަތަރު ދުވަހަށް ކުރިއަށް ގެންދިއަ ޕްރޮގްރާމުގައި މާލޭގެ ގިނަ ސުކޫލުތަކެއް ބައިވެރިވި އެވެ.