ލައިފްސްޓައިލް

ރަނގަޅު ދިރިއުޅުމެއްގައި ހުންނާނެ ހަ ކަމެއް!

ދިރިއުޅުމުގެ ކުލަވަރަކީ މިލިއަނެއްހާ ޑޮލަރު ނުވަތަ ރީތި ގެއެއް ނޫނެވެ. ދިރިއުޅުމުގެ ކުލަވަރަކީ ފައިދާ ކުރުވާ ބިނާކުރާ ރަނގަޅު ދިރިއުޅުމެވެ. އަމިއްލަ ނަފްސާ ކޮށްލަންވީ ސުވާލަކީ، ރަނގަޅު ދިރިއުޅުމަކަށް ވަނީ ކިހިނެއް ހެއްޔެވެ؟ ރަނގަޅު ދިރިއުޅުމެއްގައި ހުންނަންވީ ކޮންކޮން ކަންކަމެއް ހެއްޔެވެ؟ ތަޖުރިބާކާރުންނާއި ތަފާތު ދިރާސާތައް ކުރާ އިލްމުވެރިން ބުނާ ގޮތުގައި ރަނގަޅު ދިރިއުޅުމެއް އުޅޭ މީހާ އެމީހާގެ ދިރިއުޅުމުގައި ސަމާލުކަން ދޭ މައިގަނޑު ހަ ކަމެއް އޮންނާނެ އެވެ.

އެންމެ މުހިންމު އަދި އެންމެ ފުރަތަމަ ކަމެއްގެ ގޮތުން އޭނާގެ ދިރިއުޅުމުގައި ދީނީ ކަންކަމަށް އިސްކަންދޭ މިންވަރު އަބަދު ވެސް އިތުރު ކުރާނެ އެވެ. އެހެން ކަންކަމަށްވުރެ އިސްކަމެއް އޭނާ އަބަދުވެސް ދިނީ ކަންކަމަށް ދޭނެ އެވެ. ނަމާދު ކުރުން ފަދަ ކަންކަމަކީ ދިރިއުޅުމުގެ އެއްބައި ކަމުގައި ހަދާނެ އެވެ. ދީނީ އަޅުކަންކަން ދެމެހެއްޓިއްޖެ މީހަކަށް ދިރިއުޅުން ބައްތަން ކުރާނެ ގޮތް އެގިގެންދާނެ ކަމަކީ ޝައްކެއް ވެސް އޮތް ކަމެއް ނުނެވެ.

ދެވަނަ ކަމަކަށް އެމީހާގެ ދިރިއުޅުމުގައި ގިނަ ކަންތައްތަކެއް ހާސިލް ކުރުމަށް އަބަދުވެސް މަސައްކަތް ކުރާނެ އެވެ. ކޮންމެ ދުވަހަކު ވެސް ގިނަ ކަންތައްތަކެއް ދުވަހުގެ ތެރޭގައި ކުރާނެ އެވެ. ކުރަން ހުންނަ ކަންތައްތަކުގެ ބޮޑުބައި ނިންމާލެވޭތޯ އަބަދު ވެސް ބަލާނެ އެވެ.

ތިންވަނަ ކަމެއްގެ ގޮތުގައި އޭނާގެ އެކުވެރިންގެ ގޮތުގައި އަބަދު ވެސް ރަނގަޅު ރަހުމަތްތެރިން ހިޔާރު ކުރާނެ އެވެ. ރަހުމަތްތެރި ކަމަކީ ވަރަށް ވަރުގަދަ ގުޅުމެކެވެ. ތަފާތު ކަންކަމުގައި ތިމާއަށް އެހީތެރިވެދީ ކަންކަމުގައި ސަޕޯޓް ދޭން ތިބޭ އެއް ބަޔަކަށް އަބަދު ވެސް ރަހުމަތްތެރިން ވާނެ އެވެ. އެމީހުން ވެއްޓޭ ވަގުތުތަކުގައި ކޮޅަށް ނަގާނެ އެވެ. މާޔޫސްވާ ވަގުތު ތަކުގައި ހީ ސަމާސާ ކޮށް މާޔޫސްކަން ފިލުވާދިނުމަށް އެހީވާނެ އެވެ. ރަހުމަތްތެރިންނަނކީ އެހ މުހިންމު ބަޔަކަށް ވީއިރު އެފަދަ މުހިންމު ބަޔަކަށް ވުމަށް ހިޔާޜު ކުރާ ރައްޓެހިން ވެސް ރަނގަޅު ބަޔަކަށް ވުމަކީ މުހިންމު ކަމަކަށްވެއެވެ.

ހަތަރުވަނަ ކަމަކީ ގެންގުޅޭ އާދަކާދަތަކެވެ. އާންމު ދިރިއުޅުމުގައި ކުރާ ކަންތައްތަކެވެ. ލަވަ ޖެހުމާއި ވާހަކަ ދެއްކުމުގެ ވައްޓަފާޅި އާއި ސަގާފަތާއި ހެދުން އެޅުން ފަދަ ކަންކަމެވެ. ރަނގަޅު ދިރިއުޅުމެއް އުޅެން ބޭނުންވާ މީހާގެ މިކަންކަން ހުންނާނީ ވަކި ހަމަތަކަކާއި އުސޫލުތަކެއްގެ މަތިންނެވެ. އަދި ދުނިޔޭގެ ރަނގަޅު އާދަތައް އޭނާގެ ދިރިއުޅުމުގައި އަށަގެންނުވޭ އޭނާ އަބަދުު ވެސް މަސައްކަތް ކުރާނެ އެވެ.

ފަސް ވަނަ ކަމަކަށް ކުރަން އޮންނަ ކަމެއް ނުކޮށް ދުކޮށެއް ނުލާނެ އެވެ. މިއަދު ކުރަން އޮންނަ ކަމެއް މާދަމާއަށް، ނުވަތަ ކުރަން އޮންނަ ކަމެއް ފަރުވާ ކުޑަ ކޮށްލާފައި ނުކޮށް ދޫކޮށްލުން އެއީ ރަނގަޅު ދިރިއުޅުމެއް ބިނާ ކުރަން ބޭނުންވާ މީހާ ކުރާނެ ކަމެއް ނޫނެވެ. ކުރަން ހުންނަ ހުރިހާ ކަމެއް އެ ކަމެއްގެ ވަގުތު ގެއްލެން ވާއިރަށް ކޮންމެ ވެސް ގޮތަކުން ކުރެވޭތޯ ބަލާނެ އެވެ.

އެންމެ ފަހު ކަމެއްގެ ގޮތުން އާއިލާއާއި އޮންނަ ގުޅުން އަބަދު ވެސް ބަދަހި ކުރެވޭތޯ ބަލާށެވެ. އާއިލާގެ މީހުންނާ އަބަދުވެސް ގުޅިގެން އުޅޭށެވެ. އެމިހެއްގެ ދިރިއުޅުމުގައި ދިމާވާ ދަތި އުނދަގޫ ތަކުން އަރައިގަންނަން އަބަދު ވެސް އެހީ ވެދޭ ބަޔަކީ ހަމަ އެމީހުންނެވެ. ދިރިއުޅުމުގައި ލިބޭ ނާކާމިޔާބީތަކުގައި ހިތްވަރުދީ ދެވަނަ ފަހަރަށް ކާމިޔާބާ ހަމައަށް ވާސިލްވުމަށް އެހީވެދީ އެންމެ މުހިންމު ރޯލެއް އަދާ ކުރާ ބަޔަކީ އެމީހުންނެވެ. އެހެން ކަމުން އެމީހުންނަށް އަބަދު ވެސް އިހުތިރާމްކޮށް ގަދަރު ކުރަންވާނެ އެވެ.