ހަބަރު

ޓީޓީއެމްގެ ޕްލެޓިނަމް ޕާޓްނަރަކަށް ބީއެމްއެލް

މިއަހަރު ބާއްވާ ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) 2017 އިގެ ޕްލެޓިނަމް ޕާޓްނަރަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައި މިއަދު އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.

ބީއެމްއެލް ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ބީއެމްއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އެންޑްރޫ ހީލީ އެވެ. މޯލްޑިވްސް ގެޓަވޭސް ގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރެވެ.

މި ރަސްމިއްޔާތުގައި އެންޑްރޫ ވިދާޅުވީ މި ފެއާގެ ސަބަބުން ދިވެހި ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތްތަކަށް ދާއިރާ އިތުރަށް ފުޅާކުރަން ބޭނުންވާނެ ބައިނަލްއަގްވާމީ ގުޅުންތައް ވަރުގަދަ ކުރެވިގެންދާނެ ކަމަށެވެ.

"ރާއްޖެއަކީ މިއަދުވެސް ބައިނަލްއަގްވާމީ ދުނިޔޭގައި ފާހަގަކޮށްލެވޭ ފަދަ ޕްރޮފައިލްއެއް އޮތް ގައުމެއް ކަަމުން އެންމެ މަތީ ފެންވަރުގެ ޓޫރިސްޓުންގެ މެދުގައި މަގުބޫލު މަންޒިލެއް ކަމުން ބޭރުގެ ކުންފުނިތަކާއި ގުޅުން ބަދަހި ކުރަން ފަސޭހަ ވެގެންދާނެ" އެންޑްރޫ ވިދާޅުވި އެވެ.

މިއަދު ހެނދުނު ސޮއިކުރި އެއްބަސްވުމުގެ ދަށުން، ބީއެމްއެލް ވަނީ ޓީޓީއެމްގައި ކުރިޔަށް ގެންދާ "ބީއެމްއެލް ހޮޓެލިއަ ސަމިޓް މޯލްޑިވްސް 2017" ފޯރަމްގެ ޓައިޓަލް ޕާޓްނަރުގެ ގޮތުގައި ވެސް ހަމަޖައްސާފަ އެވެ.

ޖުލައި މަހުގެ 12 އިން 13 އަށް ބާއްވާ ފެއާގެ މަގުސަދަކީ ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި ދެ މިލިއަން ޓޫރިސްޓުން ގެނެސް، ޓޫރިޒަމުން ލިބޭ އާމްދަނީ 3.5 ބިލިއަން ޑޮލަރަށް ގެންދިއުމުގެ އަމާޒަށް ވާސިލްވުމެވެ. މި ފެއާގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ 150 ޓްރެވަލް އެޖެންޓުންނާއި 100 ރިސޯޓު/ ޓޫރިސްޓު ހޮޓާތަކުގެ އިސްވެރިންނާއި 50 ނޫސްވެރިން އަދި ޕީއާރު ފާމްތަކުން މި ފެއާގައި ބައިވެރި ވާނެ އެވެ. މީގެ އިތުރުން މި ފެއާއަކީ އެމްއެމްޕީއާރުސީ އާއި މަޓާޓޯ އަދި މަޓީ ފަދަ ޖަމިއްޔާތައް އެންޑޯޒްކޮށްފައިވާ ފެއާ އެކެވެ.

ޓީޓީއެމް 2017 ފެއާގެ މީޑިއާ ޕާޓްނަރަކީ އަވަސް އޮންލައިން އެވެ.