ބްލޮގަރު އަދި ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދު މަރާލި މައްސަލައަކީ ސަރުކާރުން އެންމެ އިސްކަމެއް ދީގެން ބަލަމުން އަންނަ މައްސަލަ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ޔާމީން މަރުގެ މައްސަލަ ތަހުގީގު ކުރުމަށް ސަރުކާރުން ހުރިހާ ވަސީލަތްތަކެއް ބޭނުން ކުރަމުން އަންނަ ކަމަށާއި ޔާމީން މަރާލުމުގައި ފަހަތުގައި ތިބި މީހުން ވަރަށް އަވަހަށް އިންސާފުގެ ކުރިމަށްޗަށް ގެންދެވޭނެ ކަމަށެވެ.
މި މައްސަލާގައި ފުލުހުން މިހާތަނަށް ހަ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށާއި އަދި ފެނިފައިވާ ހެކިތައް ބޭރަށް ފޮނުވައިގެން އެތަކެތި ބޭރުގެ ލެބޯޓަރީ ތަކުން ޓެސްޓް ކުރަމުންދާ ކަމަށާއި ޔާމީންގެ މަރުގެ މައްސަލައިގެ ތަހުގީގަށް ފުލުހުންނަށް ވަރަށް ބޮޑު ކުރިއެރުން ލިބިފައިވާ ކަމަށް ބުނެފައިވާއިރު މި ތަހުގީގު ކާމިޔާބުވާނެ ކަމުގެ ވަރަށް ބޮޑު ޔަގީން ކަމެއްވެސް ލިބިފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެފައި ވެއެވެ.
މީގެ އިތުރުން ބުނެފައި ވަނީ ޔާމީންއަށް އިންޒާރު ދިންކަމަށް ބުނެ ފުލުހުންނަަށް ހުށަހެޅި ދެ މައްސަލަ ވެސް ހުށަހެޅި ވަގުތު ބަލާފައިވާ ކަމަށާއި ހިއުމަން ރައިޓްސް ކޮމިޝަނުން މިހާރު އެމައްސަލަތައް ވަކިން ބަަލަމުންދާއިރު ޔާމީން މަރުގެ މައްސަލަ ތަހުގީގު ވަރަށް ގާތުން ބަލާ ކަމަށެވެ.
ޔާމީން މަރާލާފައިވަނީ އޭނާ ދިރިއުޅޭ ގޭގެ ސިޑި ކައިރީގަ އެވެ. ތޫނު އެއްޗަކުން އޭނާއަށް ވަނީ ގިނަ ހަމަލާތަކެއްދީފަ އެވެ. އެ ރަހްމުކުޑަ އަމަލު ރާއްޖެއާއި ބޭރުގެ ގިނަ ފަރާތްތަކަކުން ވަނީ ކުށްވެރިކޮށްފަ އެވެ. އަދި ޔާމީންއަށް އިންސާފު ހޯދައިދިނުމަށް އާއިލާ އާ ރައްޓެހިންގެ އިތުރުން ބޭރުގެ ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.